Roadha Mihaaru
ޑްރަގް އެތެރެކުރުމުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހަކު ސަލާމަތްވެއްޖެ

05 އޯގަސްޓް 2022

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.

ބަންގްލަދޭޝްގެ މީހަކު ފެބްރުއަރީ 2020 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އޭނާ ގެނައި ފައިވާން ޖޯޑެއްގެ ތެރެއިން 200 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނީ ލަގެޖްގައި އޮތް ފައިވާނެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވާތީ ބޭރު ފުށުން ބަލާއިރު އޭގައި މަސްތުވާއެއްޗެއް ހުރިކަން ނޭނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދައުވާ ލިބުނު މީހާގެ ފިންގަޕްރިންޓް ފަދަ ހެއްކެއް އެ ތަކެތިން ލިބިފައި ނުވާއިރު، މަސްތުވާތަކެތީގެ އެއްވެސް ބާވަތަކަށް އޭނާ ޕޮޒިޓިވްވެފައި ނުވާތީ އެފަދަ ޝައްކެއް އޭނާގެ މައްޗަށް އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެއީ އެހެން މީހަކާ ހަވާލުކުރަން މީހަކު ދިން ފައިވާނެއް ކަމަށް ދައުވާ ލިބުނު މީހާ ބުނެފައި ވެ އެވެ. އެހެންވެ، އެއީ އެހެން މީހެއްގެ އެއްޗެއްތޯ ބެލުމަށްޓަކައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައި ނުވާ ކަމަށް ހުކުމުގައި ބުންޏެވެ. އެފަދަ އޮޕަރޭޝަނެއް ނުހިންގީ ރިސްކު އޮތުމުން ކަމަށް ފުލުހުން ބުންޏަސް، އެ ރިސްކަކީ ކޮބައިކަން ސާފުނުވާ ކަމަށާއި އެކަން ޝަރީއަތަށް ވެސް އޮތީ ސިއްރުކޮށްފައި ކަމަށް އެ ހުކުމުގައި ވެ އެވެ.

އެ ކަންކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.