Roadha Mihaaru
ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ސަޕޯޓަރުން ބޭނުންވޭ

ކޮންމެ ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ސަޕޯޓަރުން ބޭނުންވޭ: ވެންގާ

06 ޖުލައި 2021

ޒިޔުރިކް (ޖުލައި 7) - ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމުގެ ހިޔާލަށް، ފީފާގެ ގުލޯބަލް ފުޓްބޯލް ޑިވެލޮޕްމެންޓްގެ ހެޑް އާސެން ވެންގާ ތާއީދުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޒިޔުރިކް (ޖުލައި 7) - ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމުގެ ހިޔާލަށް، ފީފާގެ ގުލޯބަލް ފުޓްބޯލް ޑިވެލޮޕްމެންޓްގެ ހެޑް އާސެން ވެންގާ ތާއީދުކޮށްފި އެވެ.

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމާ ބެހޭގޮތުން ފީފާ އިން ދަނީ ފީސިބްލް ސްޓަޑީއެއް ހަދަމުންނެވެ. އެ މަސައްކަތް ފީފާ އިން ފެށީ މެއި މަހު ބޭއްވި ފީފާގެ ކޮންގްރެސްގައި ސައުދީ އަރަބިއާ އިން އެ ގޮތަށް ހުށަހެޅުމާ ގުޅިގެންނެވެ. ސައުދީން ފީފާގެ ކޮންގްރެސް އަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވިދާނެތޯ ބަލަން ފީސިބްލް ސްޓަޑީއެއް ހަދަން ފެންނަ ކަމަށެވެ.

އާސެނަލްގެ ތާރީހުގައި އެ ޓީމުގައި މަސައްކަތް ކުރި އެންމެ ކާމިޔާބު ކޯޗު، ވެންގާ ބުނީ ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަކީ ސަޕޯޓަރުން ބޭނުންވާ ގޮތް ކަމަށެވެ.

ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބޭއްވުމަށް ދުނިޔޭގެ ލީގުތަކާއި ބައެއް ކޮންފެޑްރޭޝަންތަކުން ދެކޮޅު ހަދަ އެވެ. އެއީ ގިނަ މުބަރާތްތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ގެއްލުން ލިބިދާނެ ކަމަށްޓަކަ އެވެ. ނަމަވެސް ވެންގާގެ ހިޔާލު ތަފާތެވެ. އޭނާ ބުނީ އިންޓަނޭޝަނަލް ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނައުމުން ކުޅުންތެރިންނަށް ކުރާ ފައިދާ މާ ބޮޑު ވާނެ ކަމަށެވެ.

ޖަރުމަންގެ ކުޅިވަރު ނޫސް "ކިކާ" އަށް ދިން އިންޓަވިއުގައި ވެންގާ ބުނީ، ޑޮމެސްޓިކް ސީޒަންގެ ތެރެއިން އިންޓަނޭޝަނަލް މެޗުތައް މަދުކޮށްފައި އޮފް ސީޒަންގައި ގިނަ މެޗުތައް ކުޅެވޭނެ ގޮތަކަށް ރޭވުމުން ކުޅުންތެރިންނަށް މާ ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.

އޭނާ މިސާލަކަށް ދެއްކީ ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އެވެ. މާޗު މަހު ޕޮލެންޑުގެ ގައުމީ ޓީމަށް ކުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާއާ އެކު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ލެވަންޑޮސްކީ އަށް ގެއްލުނެވެ.

"އޮކްޓޯބަރު މަހު ގައުމީ ޓީމު ބައްދަލުވެ އެއް މަސް ތެރޭ ހަތް މެޗު ކުޅެވިދާނެ އަނެއްކާ އޭގެ ފަހުން ޖޫންގައި ފައިނަލް މުބާރާތް ކުޅެވިދާނެ،" ވެންގާ ހިޔާލު ދިނެވެ.

"އަހަރެމެން ބޭނުން ވަނީ ޑޮމެސްޓިކް ސީޒަންގެ ތެރެއިން މެޗުތައް މަދު ކުރަން. އެއީ ވަރަށް މުހިންމު ކަމެއް. އަހަރެމެންނަށް ކުޅުންތެރިންގެ ކޮންޑިޝަން އޭރުން ބަލާލެވޭނެ."

ވެންގާ ބުނީ ސަޕޯޓަރުން ބޭނުން ވަނީ އިންޓަނޭޝަނަލް ލެވަލްގައި ކޮލިފައިންގެ މެޗުތައް މަދުކޮށް ގިނަ ނޮކައުޓް މެޗުތަކެއް ކަމަށެވެ.

ވޯލްޑް ކަޕް މިހާރު ބާއްވަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ. އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވީ 2018 ގައި ރަޝީއާގަ އެވެ. އަންނަ އަހަރު ވޯލްޑް ކަޕު އޮންނާނީ ގަތަރުގަ އެވެ. އަދި 2026 ގެ ވޯލްޑް ކަޕު ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ.

ވެންގާ ބުނީ އޭގެ ފަހުން 2028 ގައި ވޯލްޑް ކަޕް ބޭއްވިދާނެ ކަމަށެވެ. އެ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އޮންނާނެ އެވެ. އޭނާ ބުނީ ދެ މުބާރާތް ވެސް އެ އަހަރު ދެ ޕީރިއަޑެއްގައި ބޭއްވޭނެ ކަމަށެވެ.