Roadha Mihaaru
ސައުދީން 2034ގެ ވޯލްޑްކަޕަށް ރަސްމީކޮށް ހުށަހަޅައިފި

ސައުދީން 2034 ގެ ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފި، ރާއްޖޭން ތާއީދު ކުރޭ

10 އޮކްޓޯބަރ 2023

ފީފާގެ މެމްބަރު 211 ފެޑެރޭޝަންގެ ތެރެއިން ރާއްޖެ ހިމެނޭހެން 70 އެތައް ގައުމެއްގެ ތާއީދާ އެކު، ސައުދީ އަރަބިއްޔާ އިން 2034 އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރަސްމީކޮށް އެކަން ފީފާ އަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފީފާގެ މެމްބަރު 211 ފެޑެރޭޝަންގެ ތެރެއިން ރާއްޖެ ހިމެނޭހެން 70 އެތައް ގައުމެއްގެ ތާއީދާ އެކު، ސައުދީ އަރަބިއްޔާ އިން 2034 އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރަސްމީކޮށް އެކަން ފީފާ އަށް ހުށަހަޅައިފި އެވެ.

ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތް 2030 ގައި ބާއްވަން ވެސް ސައުދީން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފީފާ އިން ނިންމީ އެ މުބާރާތް ތިން ބައްރެއްގެ ހަ ގައުމެއްގައި ބާއްވާ ގޮތަށެވެ. އެއީ ޔޫރަޕްގެ ސްޕެއިނާއި ޕޯޗުގަލް އަދި އެފްރިކާ ބައްރުގެ މޮރޮކޯ އެވެ. މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅެން ހަމަޖެހިފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގަ އެވެ.

ތިން ބައްރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ފީފާ އިން ބިޑަށް ހުޅުވާލައިފައި ވަނީ އޭޝިއާ އަދި އޯޝޭނިއާގެ ގައުމުތަކަށެވެ.

ސައުދީން ހުށަހަޅާ ބިޑަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ތާއީދު ކުރާކަން މިދިޔަ ހަފުތާގައި ވަނީ އާއްމުކޮށް އިއުލާން ކޮށްފަ އެވެ. ރާއްޖޭން ވަނީ މީގެ ދެ އަހަރު ކުރިން ސައުދީ އަރަބިއްޔާއާ އެކު ފުޓްބޯޅައިގެ ޑެވެލޮޕްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސައުދީގެ ހުށަހެޅުމަށް ތާއީދު ކޮށްފައިވާ ގިނަ ގައުމުތަކަކީ ފާއިތުވި އަހަރުތަކުގައި ޑިވެލޮޕްމަންޓް އެއްބަސްވުންތަކުގައި ސައުދީއާ އެކު އެއްބަސްވުން ހަދާފައިވާ ގައުމުތަކުންނެވެ.

މި މަހުގެ 31 ގެ ނިޔަލަށް މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ފީފާ އިން ހުޅުވާލައިފައި ވާއިރު، އަންނަ މަހުގެ 30 ގެ ނިޔަލަށް ރަސްމީ ބިޑް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އޮސްޓްރޭލިއާ އިން ވެސް 2034ގެ ވޯލްޑް ކަޕް ބާއްވަން ޝައުގުވެރި ވެއެވެ. ނަމަވެސް ބިޑު ހުށަހެޅޭނީ އެހެން ގައުމުތަކުގެ ތާއީދު ހޯދައިގެންނެވެ. އޮސްޓްރޭލިއާ ވަނީ ނިއުޒިލެންޑާ އެކުވެގެން މީގެ ދެ މަސް ކުރިން އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ސައުދީ އަރަބިއްޔާ އިން އަންނަނީ 2027 ގެ އޭޝިއަން ކަޕް ބާއްވަން ބިޑް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް އެގައުމުގައި މުބާރާތް ބާއްވަން ތައްޔާރު ވަމުންނެވެ.