Roadha Mihaaru
"ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެނޭ"

ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެނޭ: ވެންގާ

17 މާޗް 2021

ޕެރިސް (މާޗް 17) - މިހާރު ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފީފާ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެންނަ ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޕެރިސް (މާޗް 17) - މިހާރު ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފީފާ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެންނަ ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އުމުރުން 71 އަހަރުގެ ވެންގާ ބުނީ މިހާރު އޮންނަ ފޯމެޓަށް ހަތަރު އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕާއި ޔޫރޯ ކަހަލަ މުބާރާތްތައް ބޭއްވުމަކީ ކުޅުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި މުބާރާތްތަކުގެ ނަތީޖާ އެންމެ ރަނގަޅަށް ނުކުންނާނީ ދެ އަހަރުން އެއް އަހަރު ބާއްވައިގެން ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

"ވޯލްޑް ކަޕް އާއި ޔޫރޯގައި ކުޅޭ ޓީމުތަކަށް އަހަރެމެން ބަލާއިރު އެވްރެޖް އުމުރު މި އުޅެނީ 27 ނޫނީ 28 ގައި. ވޯލްޑް ކަޕަކީ ކާމިޔާބު ކުރަން ފަސޭހަ މުބާރާތަކަށް ނުވާއިރު މި ބުނި އުމުރުފުރާގެ މީހުންނަށް ދެން ވޯލްޑް ކަޕެއް ކުޅެލަން ލިބޭއިރު މި ހުންނަނީ 31 ނޫނީ 32 އަހަރު ވެފައި. މިއީ ވަރަށް ދިގު މުއްދަތެއް،" ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ. "އެހެންވެ އެ ފަދަ ކަންކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ލިބޭނެ ކަމަށް މި ބަލަނީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވައިގެން،"

ފީފާ އިން 1930 ވަނަ އަހަރު އެންމެ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި ފަހުން އެ މުބާރާތް ތާވަލުކުރަމުން އަންނަނީ ހަތަރު އަހަރުން އެއް އަހަރު އެވެ. އެ ގޮތަށް ކުރިއަށް ނުގެންދެވި ދިޔައީ 1942 އާއި 1946 ވަނަ އަހަރު އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުންނެވެ.

ވެންގާ ބުނީ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަށްޓަކައި މިހާރު ކުޅެމުން އަންނަ ބައެއް މުބާރާތްތައް ހުއްޓާލަން ޖެހެ އެވެ. މީގެ ކުރިން ވެންގާ ވަނީ ދާދި ފަހުން ޔުއެފާ އިން ފެށި ނޭޝަންސް ލީގަކީ އެއްވެސް ބޭނުމެއް ހިފޭނެ މުބާރާތެއް ނޫން ކަމަށް ބުނެފަ އެވެ.

"ކަމެއް ހާސިލްކުރެވޭ ކުޅުންތެރިންނަށް ވެސް ފައިދާހުރި ބޮޑެތި މުބާރާތްތައް އެކަނި ބާއްވަންވީ. ހަގީގަތުގައި ގިނަ ކުދި މުބާރާތްތައް ބޭއްވުމުގެ މަންފާއެއް ފުޓްބޯޅައިން ނުފެނޭ،" ވެންގާ ބުންޏެވެ.

މީގެ އިތުރުން ވެންގާ ވަނީ ބައިނަލްއަގުވާމީ މެޗުތަކަަށް މިހާރު ފީފާ އިން ކަނޑައަޅާފައިވާ ކަލަންޑަރު މުރާޖާކުރަން ހުށަހަޅައިފަ އެވެ. ފީފާ ކަލަންޑަރުގައިވާ ގޮތުން ސީޒަނުގެ ތެރެއިން ގައުމީ ޓީމުތަކުގެ މެޗު ކުޅެނީ މާޗް، ޖޫން، ސެޕްޓެމްބަރު، އޮކްޓޫބަރު، ނޮވެމްބަރުގަ އެވެ، ވެންގާ ހުށަހަޅާފައިވަނީ ފެބްރުއަރީ އާއި އޮކްޓޫބަރު އެކަނި ގައުމީ ޓީމުތަކުގެ މެޗުތަކަށް ހާއްސަކުރާށެވެ. އޭރުން ކުޅުންތެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.