Roadha Mihaaru
މެސީ ދިޔައީ ޕެނަލްޓީއަށް، ލަނޑު ޖެހީ މޮޅު ފްރީކިކުން

މެސީ ދިޔައީ ޕެނަލްޓީއަށް، ލަނޑު ޖެހީ މޮޅު ހިލޭޖެހުމަކުން

04 ޖުލައި 2021

ގޮޔާސް، ބްރެޒިލް (ޖުލައި 4) - ކެޕްޓަން ލިއޮނެލް މެސީ ޕެނަލްޓީ ޖަހަން ގޮސް، އާދަޔާ ހިލާފް މޮޅު ފްރީ ކިކަކުން ލަނޑެއް ޖަހައި، އެކުއެޑޯ 3-0 އިން ބަލިކޮށް ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގޮޔާސް، ބްރެޒިލް (ޖުލައި 4) - ކެޕްޓަން ލިއޮނެލް މެސީ ޕެނަލްޓީ ޖަހަން ގޮސް، އާދަޔާ ހިލާފް މޮޅު ފްރީ ކިކަކުން ލަނޑެއް ޖަހައި، އެކުއެޑޯ 3-0 އިން ބަލިކޮށް ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދީފި އެވެ.

އާޖެންޓީނާގެ ފޯވަޑް އެންހަލް ޑި މާރިއާ އަށް އިކުއެޑޯގެ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ފައުލް ކުރުމުން، ރެފްރީ ވިލްޓަން ސަމްޕަޔޯ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ޕެނަލްޓީ ޖެހުމުގައި އާޖެންޓީނާގެ އެންމެ އިސް ކުޅުންތެރިޔަކީ މެސީ އެވެ.

ރެފްރީ ޕެނަލްޓީއެއް ދެއްކި ނަމަވެސް ވީއޭއާރުން، އެކަން ހުއްޓުވި އެވެ. ވީއޭއާރުން ރެފްރީ އަށް އިޝާރާތް ކުރީ އޭރިއާގެ ބޭރުން ހިލޭޖެހުމެއް ކަމަށެވެ. ޕެނަލްޓީއަކަށް ވުރެ މެސީ އަށް ފަހި ވަނީ ފްރީ ކިކެކެވެ.

ޑީ މާރިއާ އާއި މެސީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ޑީ މާރިއާ އާއި މެސީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ފްރީ ކިކް ޖަހަން ގޮސް ހުރެ މެސީގެ މޫނު މަތިންވެސް އެ ހިނިތުންވުން ފެނުނެވެ. ފްރީކިކަށް ހުރަސް އަޅަން އިކުއެޑޯގެ ކުޅުންތެރިން އެޅި ވޯލް ރޫޅާލާފައި މެސީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. މެސީގެ ފްރީކިކް ޖެހުމުން އޭނާ އަނެއްކާވެސް ސާބިތުކޮށް ދިނީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ފްރީ ކިކް އެކްސްޕާޓަކީ އޭނާ ކަމެވެ.

އާޖެންޓީނާގެ އަނެއް ދެ ލަނޑު ޖަހަން ރޮޑްރީގޯ ހާވިއޭ ޕައުލް އަށާއި ލައުޓާރޯ މާޓިނޭޒަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މެސީ އެވެ. މިހާތަނަށް މުބާރާތުގައި ހަތަރު ލަނޑު ޖަހައި ސެމީ ފައިނަލަށް އޭނާ ކުރިމަތިލާނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ސެމީ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ ޕެނަލްޓީ ޖަހައިގެން ރޭ އުރުގުއޭ ބަލިކުރި ކޮލަމްބިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ފުރަތަމަ ސެމީ ފައިނަލްގައި ބްރެޒިލް އާއި ޕެރޫ ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.