Roadha Mihaaru
މެސީ އާއި އަގުއޭރޯ ސްކޮޑަށް، އިކާޑީ އާއި ހިގުއައިން ބާކީވެއްޖެ

މެސީ އާއި އަގުއޭރޯ ސްކޮޑަށް، އިކާޑީ އާއި ހިގުއައިން ބާކީވެއްޖެ

22 މެއި 2019

ބީނޯޒް އޭރީޒް (މެއި 22) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނެގި އާޖެންޓީނާ ޓީމުގެ އެޓޭކް ބެލެހެއްޓުން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ހަވާލުކުރި އިރު، އިންޓަ މިލާނުގެ މައުރޯ އިކާޑީ އާއި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ނެތެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބީނޯޒް އޭރީޒް (މެއި 22) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނެގި އާޖެންޓީނާ ޓީމުގެ އެޓޭކް ބެލެހެއްޓުން ބާސެލޯނާގެ ލިއޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ހަވާލުކުރި އިރު، އިންޓަ މިލާނުގެ މައުރޯ އިކާޑީ އާއި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ނެތެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ މާޗު މަހު އަލުން ޓީމާ ގުޅުނީ މި މުބާރާތުގައި ކުޅުމަށެވެ. އަދި މިއީ ވޯލްޑް ކަޕުގެ ފަހުން އަގުއޭރޯ އަށް ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މެސީއާ އެއްގޮތަށް ވޯލްޑް ކަޕަށް ފަހު ބްރޭކެއް ނަގައި މާޗު މަހު އަލުން ޓީމާ ގުޅުނު ޕީއެސްޖީގެ ވިންގާ އެންހެލް ޑި މަރިއާ އަށް އަދި ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ވެސް ޓީމުގައި ހިމެނެ އެވެ.

އާޖެންޓީނާގެ އެންމެ މުހިއްމު އެއް ފޯވާޑުގެ ގޮތުގައި ބެލެވުނު އިކާޑީ އަށް ފުރުސަތު ނުލިބުނީ، ކްލަބް ލެވެލްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއާ އެކު އެވެ. އާ ކޮންޓްރެކްޓެއް ހެދުމަށް އިންޓައާ އެކު އެއްބަސްވުމަކަށް ނާދެވި މައްސަލަތަކެއް ދިމާވުމުން އެ ކްލަބުން އޭނާ އަތުން ކެޕްޓަން ބޭންޑް ނެގުމުން ހިތްހަމަނުޖެހިގެން ދެ މަހެއްހާ ދުވަހު ނުކުޅެ ހުއްޓެވެ. އޭނާ ޑިސެމްބަރުގެ ފަހުން އޯޕަން ޕްލޭގައި ލަނޑެއް ޖަހާފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި އިންޓަ އިން ފުރުސަތު ދިން ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ސްކޮޑުން ޖާގަ ވަނީ ލިބިފަ އެވެ.

ޔުވެންޓަސްގެ ލޯނެއްގެ ދަށުން މި ސީޒަނުގެ ފުރަތަމަ ބައިގައި އޭސީ މިލާނަށް އަދި މިހާރު ޗެލްސީ އަށް ކުޅެމުން އަންނަ ހިގުއައިންގެ ފޯމް މި ސީޒަނުގައި ވަނީ ދަށްވެފަ އެވެ. މީގެ ކުރިން އޭނާ ކްލަބް ލެވެލްގައި މޮޅަށް ކުޅުނު ނަމަވެސް ގައުމީ ޓީމުގެ މުހިއްމު މެޗުތަކުގައި ފުރުސަތުތައް ބޭކާރުކޮށްލާތީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވެސް އޮވެ އެވެ.

ބްރެޒިލްގައި ޖޫން 14 އިން ޖުލައި 7 އަށް ބާއްވާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ހިމެނެނީ ކޮލަމްބިއާ، ޕެރެގުއޭ އަދި ގަތަރާ އެކު ގްރޫޕް ބީ ގަ އެވެ. އޭޝިއާގެ ޗެމްޕިއަން ގަތަރުން މުބާރާތުގައި ވާދަކުރަނީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ.