Roadha Mihaaru
ބްރެޒިލް، ނޭމާ، ވީއޭއާރް، ރެފްރީ ބަލިކުރަން ޖެހޭ

ބްރެޒިލްގެ ޓީމް، ނޭމާ، ވީއޭއާރް އަދި ރެފްރީ ވެސް މެސީ ބަލިކުރަން ޖެހޭ: ޗިލަވާޓް

09 ޖުލައި 2021

ރިއޯ ޑީ ޖެނީރޯ (ޖުލައި 9) - ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓިނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދާ ނަމަ، ބްރެޒިލްގެ އިތުރުން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑްރޭޝަން (ކޮންމެބޯލް) ވެސް ބަލި ކުރަން ޖެހޭނެ ކަމަށް ޕެރަގުއޭގެ ލެޖެންޑް ހޯޒޭ ލުއިސް ޗިލަވާޓް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިއޯ ޑީ ޖެނީރޯ (ޖުލައި 9) - ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓިނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދާ ނަމަ، ބްރެޒިލްގެ އިތުރުން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑްރޭޝަން (ކޮންމެބޯލް) ވެސް ބަލި ކުރަން ޖެހޭނެ ކަމަށް ޕެރަގުއޭގެ ލެޖެންޑް ހޯޒޭ ލުއިސް ޗިލަވާޓް ބުނެފި އެވެ.

ހިލޭ ޖެހުންތައް ޖެހުމުގައި މަޝްހޫރުވި ގޯލް ކީޕަރު، ޗިލަވާޓް ތުހުމަތު ކުރާ ގޮތުގައި ކޮޕާ އެމެރިކާގެ ފައިނަލު މެޗަށް ކޮންމެބޯލް އިން ހަމަޖައްސާފައިވާ އުރުގުއޭގެ ރެފްރީ އެސްޓަބާން އޯސިއަޗް ބްރެޒިލް ކޮޅަށް ބުރަ ވުމަކީ ގާތުގައިވާ ކަމެކެވެ.

"މެސީގެ ޓީމާއި އެ ޓީމުގެ އެހެން ކުޅުންތެރިން ވެސް ތައްޔާރު ވެގެން ތިބެން ޖެހޭނެ ބްރެޒިލްގެ ޓީމާ، ނޭމާ، ވީއޭއާރް އަދި ރެފްރީ ވެސް ބަލި ކުރަން،" އާޖެންޓީނާގެ ރޭޑިއޯ ކޮންޓިނެންޓަލްއާ ވާހަކަ ދައްކަމުން ޗިލަވާޓް ބުންޏެވެ.

ހިލޭ ޖެހުންތައް ރީތިކޮށް ފޮނުވާލާ ކީޕަރެއްގެ ގޮތުގައި މްޝްހޫރުވި ޗިލަވާޓަކީ އޭނާ ކުޅުނު ދުވަސްވަރު އޭރިއާ ބޭރުން ލިބޭ ހިލޭޖެހުންތައް ޕެރަގުއޭގެ ގައުމީ ޓީމުގައި ޖަހާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 15 ގޯލް ޖަހައިފަ އެވެ. އޭގެ ތެރެއިން އަށް ގޯލް ޖަހައި ދިނީ ޕެރަގުއޭގެ ގައުމީ ޓީމަށެވެ.

ޕެރަގުއޭގެ ކުރީގެ ކީޕަރު ޗިލަވާޓް

ޕެރަގުއޭގެ ކުރީގެ ކީޕަރު ޗިލަވާޓް

އެ އިންޓަވިއުގައި ކޮންމެބޯލް އަށް އޭނާ މުހާތަބު ކުރީ ކޮރަޕްޓްބޯލްގެ ނަމުންނެވެ.

"ކޮރޮޕްޓްބޯލް (ކޮންމެބޯލް) އަކީ ވިޔާނުދާ ބައެއް،" ތުހުމަތުތަކާ އެކު ޗިލަވާޓް ބުންޏެވެ. "ޕެރޫ އާއި ޕެރަގުއޭ މެޗުގައި އެގޮތަށް ކަންތައް ކޮށްފައި ވަނިކޮށް ވެސް އެމީހުން (ކޮންމެބޯލް އިން) ފައިނަލް މެޗުގެ ރެފްރީ އަކަށް އެ އިހްތިޔާރު ކުރީ އޯސިއަޗް. އޭނާގެ ނިންމުންތަކުގައި އިންސާފެއް ނެތް. އެ މެޗުގައި (ޕެރަގުއޭގެ ކެޕްޓަން ގުސްޓާވޯ) ގޯމޭޒް އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ އެއްވެސް އިންސާފުވެރި ގޮތަކަށް ނޫން. އޭގެ ފަހުން އޭނާ ވަނީ ޕެރޫގެ ކުޅުންތެރިޔާ (އެންޑްރޭ ކަރީޔޯ) އަށް ވެސް ރަތް ކާޑު ދައްކާފައި."

ގޯލް ކީޕަރެއްގެ ގޮތުގައި އިންޓަނޭޝަނަލް މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކީޕަރުގެ ރެކޯޑް އޮތް ޗިލަވާޓް ބުނީ މެސީ އާއި އާޖެންޓީނާގެ އެހެން ކުޅުންތެރިން ވިސްނުންތެރިކަމާ އެކު 1،000 ޕަސެންޓް ދޭން ޖެހޭނެ ކަމަށެވެ. އަދި މެސީ ތިން ހަތަރު ގޯލް ޖަހައިގެން ނޫނީ ސައްހަ ގޯލެއް ނުލިބިދާނެ ކަމަށް އޭނާ ބުންޏެވެ.

ކޮޕާ އެމެރިކާގެ ފައިނަލު މެޗުގައި ބްރެޒިލް އާއި އާޖެންޓިނާ ރިއޯ ޑީ ޖެނީރޯގެ މެރަކާނާ ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ ރާއްޖެގަޑިން އާދިއްތަ ދުވަހު ފަތިހު ފަހެއް ޖަހާއިރު އެވެ. ތިން ވަނަ ހޮވާ މެޗުގައި މިރޭ ފަތިހު ކޮލަމްބިއާ އާއި ޕެރޫ ވާދަކުރާނެ އެވެ.