Roadha Mihaaru
ޓެކްސް މާފުކޮށްދޭ އުސޫލު ރަނގަޅުވާނެ: އަމީރު

އިންކަމް ޓެކްސް މާފުކޮށްދިނުމުގެ ބާރު ދެނީ ބޮޑެތި މަޝްރޫއުތަކަށް ފަސޭހަ އަށް: އަމީރު

01 ޖުލައި 2021

އިންކަމް ޓެކްސްގެ ގާނޫނަށް، ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި ޓެކްސް މާފްކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާއެއް އިތުރުކުރަން ހުށަހެޅީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ފުރުސަދު ދޭން ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންކަމް ޓެކްސްގެ ގާނޫނަށް، ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި ޓެކްސް މާފްކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާއެއް އިތުރުކުރަން ހުށަހެޅީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް ފުރުސަދު ދޭން ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ، އެ ގާނޫނުގެ (12) ވަނަ މާއްދާގައި ބުނާ އިސްތިސްނާތަކުގެ އިތުރުން ހާއްސަ އިސްތިސްނާއެއް ދިނުމުގެ ބާރު ރައީސަށް ދިނުމަށެވެ. އެ ބާރު ރައީސަށް ދިނުމަށް ޓަކައި (12) ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރަން ބިލުގައި އެބައޮތެވެ. އެގޮތުން އިތުރު ކުރާ އަކުރުގައި އޮތީ "މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، މިމާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީ ޓެކްސް ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެން ވެ އެވެ،" މިހެންނެވެ.

ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެގޮތަށް އިސްތިސްނާ ދިނުމަކީ އެމްޑީޕީން ކުރިން ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުން ފާސްކުރި އެސްއީޒެޑް ގާނޫނުގައި ޓެކްސް އިސްތިސްނާއެއް އޮތުމުން މިހާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް އޭރު ފާޑުވިދާޅުވި ކަމަށެވެ.

އަދި، އެ ބަދަލު މިހާރު ގެންނަން ސަރުކާރުން މަސައްކަތް ކުރަނީ ވިސްނުމަށް ކޮން ބަދަލެއް އައިސްގެންތޯ ސައީދު ސުވާލު ކުރެއްވި އެވެ.

އަމީރު ވިދާޅުވީ ވިސްނުމަކަށް ބަދަލެއް އައީ ނޫން ކަމަށާއި ޓެކްސްގެ އިސްތިސްނާ ދޭނީ ވަރަށް ހާމަކަން ބޮޑުކޮށް ކަމަށެވެ. އަދި އެ ގޮތުން ދޭ އިސްތިސްނާ ގެޒެޓް ކޮށް، މަޝްރޫއު ހިންގާ ކުންފުންޏަކުން އަމަލުކުރާ ގޮތުން އިސްތިސްނާ ބާތިލު ވެސް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެސް ހަމަ ވިސްނުމަކީ، މިސާލަކަށް ރާއްޖެއަށް ބޭނުންވާ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް، ރައްޔިތުންނަށް އެ ބޭނުންވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް އެ ފުރުސަތު އޮތުން އިނގޭތޯ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާާނޫނަށް ބަދަލު ގެނައުމުގެ ބޭނުމަކީ، ރާއްޖޭގައި ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ޓެކްސް އިސްތިސްނާ ދިނުން ނޫން ކަމަށެވެ.