Roadha Mihaaru
ބުއްދިވެރި ސޭކުންގެ ޒައީމް

ބުއްދިވެރި ސޭކުންގެ ޒައީމް

02 ޖުލައި 2021

މަރުހޫމް ހުސައިން ސަލާހުއްދީންގެ "ދިވެހީންގެ ވާހަކަ" ފޮތުގައި މާރަންދޫ ސޭކު ކަލޭގެފާނުގެ ވާހަކަ ލިޔުއްވާފައި ވަނީ ބައްޔެއްގެ ސަބަބުން ވިޔަސް ބުއްދީގެ އުނިކަމެއް ހުންނަ ކޮންމެ މީހަކު ދައްކާ ހުރިހާ ވާހަކަ އަކީ މޮޔަ ވާހަކަ ނޫންކަން ބުނެދެއްވުމަށެވެ. އެ ފޮތުގައި މި "ސޭކު" ކަލޭގެފާނާ ބެހޭ ގޮތުން ސަލާހުއްދީން ލިޔުއްވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން މަރުހޫމް މުހައްމަދު ޖަމީލް ދީދީ ވިދާޅުވެފައިވަނީ އެއީ ސޭކުންގެ ޒައީމު ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަރުހޫމް ހުސައިން ސަލާހުއްދީންގެ "ދިވެހީންގެ ވާހަކަ" ފޮތުގައި މާރަންދޫ ސޭކު ކަލޭގެފާނުގެ ވާހަކަ ލިޔުއްވާފައި ވަނީ ބައްޔެއްގެ ސަބަބުން ވިޔަސް ބުއްދީގެ އުނިކަމެއް ހުންނަ ކޮންމެ މީހަކު ދައްކާ ހުރިހާ ވާހަކަ އަކީ މޮޔަ ވާހަކަ ނޫންކަން ބުނެދެއްވުމަށެވެ. އެ ފޮތުގައި މި "ސޭކު" ކަލޭގެފާނާ ބެހޭ ގޮތުން ސަލާހުއްދީން ލިޔުއްވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން މަރުހޫމް މުހައްމަދު ޖަމީލް ދީދީ ވިދާޅުވެފައިވަނީ އެއީ ސޭކުންގެ ޒައީމު ކަމަށެވެ.

ފަތްތޫރައިގެ 100 ވަނަ އަދަދުގައި ޖަމީލް ދީދީ ލިޔުއްވާފައިވާ ގޮތުގައި ސޭކުންނޭ ކިޔައި އުޅުނު ބަޔަކު އިހަށް އުޅުނެވެ. އަދި ބައެއް މީހުން ހީކޮށްގެން އުޅުނު ގޮތުގައި އެއީ ނަދުރު ފުދޭ މާތް ބައެއް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

"ހަގީގަތުގައި އެ މީހުންނަކީ، ހަމަނުޖެހޭ، ވިސްނުން އުނި ބައެކެވެ. ބައެއް ފަހަރަށް ހެއްވާ ކަންތައް ކޮށް އުޅޭ ބައެކެވެ. ނަމަވެސް އެ މީހުންގެ ދުލުން ވަރަށް ބުއްދިވެރި ބަސްތައް ބޭރުވެފައި ހުރެ އެވެ."

"ސޭކުންގެ ބައެއް ވާހަކަ" ކުރިއަށް ގެންދަވަމުން ޖަމީލް ދީދީ ވިދާޅުވެފައިވާ ގޮތުގައި މާރަންދޫ ސޭކު ކަލޭގެފާނަކީ ސަރުކާރުން ހޭ ޖައްސަވައި، ކަލޭފާނަކަށް ހައްދަވާފައިވާ ބޭފުޅެވެ. އެހެންވެ އެއީ ސޭކުންގެ ޒައީމް ކަމަށް ސިފަކުރައްވާފައިވެ އެވެ.

"މަސްތިލަވާ އިރެއްގައި ދޫނި ކަނޑަށް ޖެހޭކަށް ވަކި އަދަދެއް ނޯންނާނެ"

ސޭކުންނޭ ކިޔަސް އެ މީހުން ބުނެފައިވާ ބުއްދިވެރި އިބުރަތްރި ވާހަކަތަކުގެ ތެރެއިން ސަލާހުއްދީން ކިޔައިދެއްވާފައިވާ ދެ ވާހަކައެއް ޖަމީލް ދީދީ ނަކަލު ކުރައްވާފައިވެ އެވެ.

އޭގެ އެއް ވާހަކައެއްގައި ބުނަނީ މާރަންދޫ ސޭކު ކަލޭގެފާނު އެއް ދުވަހަކު ފަތިސް ނަމާދަށް އީދު މިސްކިތަށް އަރުއްވައި "ދޮޅަސް ސޯޅަ ރަކުއަތް" ކުރައްވައި ފަހު ރަކުއަތުގައި އަވަސް އަވަހަށް ގިނަ އަދަދެއްގެ ސަޖިތަކެއް ކުރެއްވި ކަމަށެވެ. އެ ކަލޭގެފާނު އެ ކުރެއްވި ގޮތަކަށް ނަމާދު ކުރައްވާފައި ހަލުވިކޮށް ފައިބައި ވަޑައިގަންނަވަނިކޮށް މީހަކު ސުވާލުކޮށްފި އެވެ.

"ބަލަ ކަލޭގެފާނު މިއަދު ފަތިސް ނަމާދުގައި ތިޔަ ކުރެއްވީ ކިތައް ސަޖިތަތޯ އެވެ؟

ސޭކު ކަލޭގެފާނު ވިދާޅުވި އެވެ.

"މަސްތިލަވާ އިރެއްގައި ދޫނި ކަނޑަށް ޖެހޭކަށް ވަކި އަދަދެއް ނޯންނާނެ" އެވެ.

ސޭކު ކަލޭގެފޭނުގެ މެސެޖު އަހަރެމެންގެ "ބުއްދިވެރި" ގިނަ މީހުންނަށް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އެނގޭތޯ ބަލަން އެ ވާހަކަ ނުދައްކާ ދޫކޮށްލާނީ އެވެ.

"ކުރޮޅޯ ކުރުޅޯ" ދެނެވޮޑިގެންވާ ނަމަ "އިއްތެޅި ބިތްތެޅި" ވެސް ކިޔޭނެ

އަހަރެމެން އަޅުކަމުގައި ކިޔާ ބައެއް ތަސްބީހަތަށް އަވަސް އަރުވާލާފައި ކިޔާއިރު ކިޔޭ ނުކިޔޭއެއް ނޭނގޭ ހިސާބަށް ވެސް ދެ އެވެ. މި ދައްކަނީ އެ ވާހަކަ އެވެ. މި މައްސަލަ، ސޭކު ކަލޭގެފާނުގެ ފަރާތުން ސަމާލުކަމަށް އައީ ވެސް ހޭޖެހޭ މީހުން ލަދުގަންނަން ޖެހޭ ފަދަ ގޮތަކަށެވެ.

އެ ދުވަހު ވެސް މި ކަލޭގެފާނު އިންނެވި ކަމަށް ވަނީ އީދު މިސްކިތުގައި ފަތިސް ނަމާދަށެވެ. ނަމާދަށް ފަހު އަވަސް އަވަހަށް އިނގިލި ބިންދަމުން ހަލުވުކޮށް ވިދާޅުވަނީ "އިއްތެޅި ބިއްތެޅި" އެވެ. މި އަޑު އިވިވެގެން ބަޔަކު ސުވާލުކުރީ އެވެ. އެ މީހުން އެހީ ކަލޭގެފާނު މާ އަވަސްއަރުވާލާފައި ތިޔަ ކިޔުއްވާނީ ކީކޭހޭ އެވެ.

އެއީ ވެސް ތަސްބީހައެެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސުވާލުކުރި މީހުން އަޖައިބުވެގެން އެ ތަސްބީހައާ މެދު ސުވާލުކުރުމުން ވިދާޅުވީ "އެހެން މީހުން ކިޔާ ތަސްބީހަ ވެސް ދެނެވޮޑިގެންވާ ކަލާނގެ ދެނެވޮޑިގަންނަވާނެ" ކަމަށެވެ. "ކުރޮޅޯ ކުރޮޅޯ" ކީމާ ވެސް ދެނެވޮޑިގަންނަވާ ނޫން ހެއްޔެވެ؟

"ކުރޮޅޯ ކުރުޅޯ" ކަމަށް މި ސޭކު ކަލޭގެފާނު އެ ވިދާޅުވަނީ "ﷲ އަކްބަރު" މިހެން ވަރަށް އަވަސް އަވަހަށް ކިޔާ ނަމަ އަޑު އަންނާނެ ގޮތަށް ނިސްބަތްކޮށެވެ.

"ތެދެއް ނޫންތޯ އެވެ. ކުރޮޅޯ ކުރޮޅޯ ތަސްބީހައަކަށް ވަނީިވިއްޔާ، އިއްތެޅި ބިއްތެޅި ތަސްބީހައަކަސް ނުވާންވީ ސަބަބެއް ނެތެވެ." ޖަމީލް ދީދީ ލިޔުއްވާފައިވެ އެވެ.

"ގިޔާމަތްވަންދެން ހުންނާން ކެރިއްޖިއްޔާ ރަނގަޅު"

މިއީ އަހަރެމެން ދިވެހިންގެ ތެރޭގައި ސޭކުން ކަމަށް ހަދައިގެން އުޅުނު މީހުންގެ ތެރެއިން އެހެން މީހެއްގެ މާނަ ފުން ބަހެކެވެ. ޖަމީލް ދީދީ ވިދާޅުވެފައި ވަނީ މިއީ "ދާންނާގޭ ސޭކު" އޭ ކިޔައި އުޅުުނު މީހެއްގެ ވާހަކަ ކަމަށެވެ.

އޭނާ އެއް ދުވަހަކު މާލޭގެ މަގެއްގެމަތިން ހިނގާފައި ދަނިކޮށް ދެ ބުރި އަށް ގެއެއް ރާނަނިކޮށް ފެނުނީ އެވެ. އެތަން ބަލަން ހުރެފައި، ހިނގައިގަންނަމުން ހީލާފައި އޭނާ ބުނި ކަމަށް ވަނީ "ގިޔާމަތްވަންދެން ހުންނާން ކެރިއްޖިއްޔާ ރަނގަޅު" ކަމަށެވެ.

ކޮންމެ ގޮތަކަށް މާނަ ނެގިޔަސް އިބުރަތެވެ. ބޮޑެތި ގެތައް ހަދައިގެން މި އުޅެނީ ކިހާ ދުވަހަކު ދުނިޔޭގައި އުޅޭނަމޭ ހިތާ ހެއްޔެވެ؟ ނުވަތަ ކިތަންމެ މޮޅަށް ގެ ހެދިޔަސް އެއީ ހަމަ ވަގުތީ ތަނެކެވެ.

މި ވާހަކަ ބުނި މީހާ އަކީ މަތިމައްޗަށް ދެތިން ލިބާސް ލައިގެން އުޅޭ މީހެއް ކަމަށާއި މީހަކު ހަދިޔާއަކަށް ގަމީހެއް ނުވަތަ ލިބާހެއް ދިނަސް ވަގުތުން އެ އެއްޗެއް ބޮލުން ވައްޓާލާ ކަމަށްވެ އެވެ. އޭނާ ނިއާވީ ކޮންމެވެސް މައްސަލައެއްގައި ކުޅުދުއްފުއްޓަށް އަރުވާލާފައި ހުއްޓާ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

"ސިކުނޑީގެ ބަލި ބުނެދޭން ނޭނގެނީ"

ސިކުނޑީގެ އުނިކަން ހުންނަ މީހުންނާ މެދު ދިވެހިންގެ ތެރޭގައި ދެކެމުން އައި ގޮތް ބަދަލުކުރަންޖެހޭކަން މި ވާހަކަތަކަށް ފަހު ޖަމީލް ދީދީ ވަނީ ފާހަގަކުރައްވައިފަ އެވެ. މީގެ 34 އަހަރު ކުރިން ޖުލައި 1987 ގައި މި ވާހަކަ ދައްކަވާފައި ވުމުން އެނގެނީ މިފަދަ ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް އޭރު ވެސް މަސައްކަތް ކުރައްވާފައިވާ ކަމެވެ.

"އިންސާނުންނަށް ޖެހޭ ބަލިތައް ގިނަގުނަ އެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ ބަލިތަކާއި، ގުނަންތަކުން އަދާކުރާ ކަންތަކަށް ޖެހޭ ބަލިތައް އޭގެ ތެރޭގައިވެ އެވެ. ސިކުނޑިއަށް ޖެހޭ ބަލިތަކާއި، ގޮހޮރަށް ޖެހޭ ބަލިތަކާއި، ކަރުތެރެއަށް ޖެހޭ ބަލިތަކާއި، މި ހުރިހާ ވައްތަރެއްގެ ބަލިތައް ހުންނައިރު ދެނެގަންނާން އެންމެ އުނދަގޫ ބައްޔަކީ ސިކުނޑިއަށް ޖެހޭ ބައްޔެވެ." ދިވެހިންގެ ތެރޭގައި ދީނީ އިލްމު ފަތުރުއްވަވައި އެތައް ކަމަކުން އުނގަންނައިދެއްވި އުސްތާޒް ލިޔުއްވާފައިވެ އެވެ.

"ސިކުނޑިއޭ ކިޔުނު ގުނަނަށް ޖެހޭ ބަލި ތަފާސްކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވެ އެވެ. ނަމަވެސް އެ ގުނަނުން ކުރާ ކަންތަކަށް ޖެހޭ ބަލި ތަފާސްކުރުމަކީ ބޮޑު ކަމެކެވެ. އެކަހަލަ ބަލިބައްޔަށް ފަރުވާކޮށް ފަސޭހަކުރުމަކީ އަދި އެޔަށްވުރެ ބޮޑު ކަމެކެވެ."

މިފަދަ ބަލި ހުންނަ މީހުންނަށް ސޭކުންނޭ ކިޔައި އުޅުނެއް ކަމަކު ބުއްދި ހަމަވެ ފުރާ ފުރިހަމަވެފައިވާ މީހުންނަށް ވުރެ ބޮޑަށް ބުއްދިވެރި ބަސްތައް މި މީހުން ބުނާކަން ލިޔުމުގައި ފާހަގަކުރައްވާފައިވެ އެވެ.

ނިންމާލަމުން "ހުއްޓޭބެ" ގެ ވާހަކަ އެވެ. އެ ލިޔުއްވުމުގައިވާ ގޮތުގައި މިއީ މާލޭގައި އުޅުނު ކ. ގާފަރު ބޭކަލެކެވެ. އެއް ހަމަޔަކަށް އެއް ވަޒަކަށް ޅެން ހެއްދެވި ޅެންވެރިއެއް ކަމަށްވެ އެވެ. ހުރިހާ ޅެމެއްގެ ރާގު ވެސް އެއްގޮތެވެ. މީނާ ބުނެފައިވެ އެވެ.

"މަގުމަތީ މާލެ ހިނގުމުގައި އަގުހުރި މޭވާޔަކަށް ވެދޭ. ހަނގުރާމައަކާ ޖެހުމުން، އަގުޅިނެތް ކަންނޭލަކަށް ވެދޭ."

ޖަމީލް ދީދީ އައްސަވާފައި ވަނީ މިކަހަލަ އަަގުޅި ނެތް ކިތައް ކަންނެޔޮ އަހަރެމެންގެ ތެރޭގައި އުޅޭތޯ އެވެ.