Roadha Mihaaru
މާލެ ވަށައި ޓްރެކެއް ހަދަން މަގުހެދުން މަޑުޖައްސާލައިފި

މުއިއްޒު ބޭނުންވާ ބަދަލުތައް ގެނައުމަށް މާލޭގެ މަގު ހެދުން މަޑުޖައްސާލައިފި

29 ޖޫން 2021

މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭތީ، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއު ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭތީ، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއު ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މަގުތަކަށް ބަދަލު ގެނައުމުގެ އެއްބަސްވުމުގައި ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ކުރީގެ މާލޭ ސިޓީ ކައުންސިލުން ސޮއިކުރީ ޖެނުއަރީ 26، 2020 ގަ އެވެ.

ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދުވަސްވަރު ސޮއިކުރި އެ އެއްބަސްވުމުގައިވާ ގޮތުން، ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް ހައްލެއް ގެންނާނެ އެވެ. އަލުން ގާ އަތުރައި މަގުތަކަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށެވެ.

ހެންވޭރު އަދި މައްޗަންގޮޅި މަގުތައް ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު އޮޅުންފިލުވުމަށް އެ ދާއިރާތަކުގެ ތިން ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތް މި ވަގުތަށް ހުއްޓާލާފައިވަނީ މޭޔަރު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް "ޕްރޮޖެކްޓް ސްކޯޕަށް" ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށެވެ.

އެހެންވެ، މާލޭގެ ވަށައިގެން ހަތަރު ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޖަވާބުގައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން އެދިފައިވާނީ ދެ މީޓަރުގެ ޓްރެކެއް ހެދުމަށް ކަމަށެވެ.

މާލޭގެ މަގުތައް ޕްރޮޖެކްޓުގައި ހިމެނެނީ، ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ސެގްމެންޓެކެވެ. އެ ސެގްމެންޓުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޭޕްރީލް 6 ގަ އެވެ.

މާލޭގެ ވަށައިގެން ޓްރެކެއް ހެދުމަށް، މަގު ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސައިލި ނަަމަވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި އަލުން ގާ އަތުރައު ލޭންޑްސްކޭޕިން އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ރަސްފަންނު ތަރައްގީކުރިއިރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ސަރަހައްދުގައި ޓްރެކެއް ހެދި އެވެ. އެކަމަކު ރަނގަޅަށް ބޭނުން ކުރަން ވެސް ނުފަށަނީސް އެ ތަން ވަރަށް ބޮޑަށް ހަލާކުވި އެވެ.

މި ސަރުކާރުން ވަނީ ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެއް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި މީގެ ފަސް ވަރަކަށް މަސް ކުރިން ހަދައިފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އެ ޓްރެކަކީ ބައިނަލްއަގްވާމީ ފެންވަރުގެ ތަނެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ ސްޓޭޑިއަމްގައި ވެސް މި ސަރުކާރުން ދާދި ފަހުން ވަނީ ރަނގަޅު ފެންވަރުގެ، ދުވާ ޓްރެކެއް ހަދައިފަ އެވެ.