Roadha Mihaaru
ސަން އެއާއަށް 15 މިލިއަން ދޭން ކުރި ހުކުމް ބާތިލް

ސަން އެއާ އަށް ދައުލަތުން 15 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ބާތިލްކޮށްފި

23 ނޮވެމްބަރ 2016

ބިދޭސީން ރެކްރޫޓްކުރާ އެމްޕްލޮއިމަންޓް އޭޖެންސީއެއް ކަމަށްވާ ސަން އެއާ އިންޓަނޭޝަނަލްގެ ހުއްދަ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ސަރުކާރުން ހިފެހެއްޓި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައުލަތުން 15.1 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީން ރެކްރޫޓްކުރާ އެމްޕްލޮއިމަންޓް އޭޖެންސީއެއް ކަމަށްވާ ސަން އެއާ އިންޓަނޭޝަނަލްގެ ހުއްދަ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ސަރުކާރުން ހިފެހެއްޓި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައުލަތުން 15.1 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ސަން އެއާ ކުންފުނީގެ ހުއްދަ ޖޫން، 2003 އިން ފެށިގެން ސެޕްޓެމްބަރު، 2005 އާ ހަމައަށް ހިފެހެއްޓީ ބިދޭސީންތަކެއްގެ ވާކް ޕާމިޓްގެ މުއްދަތު އިތުރުކުރަން ވަގު ލިޔުންތަކެއް ސަރުކާރަށް ހުށަހެޅި ކަމަށް ބުނެ އެވެ. ސިވިލް ކޯޓުން ކުރިން ހުކުމްކޮށްފައި ވަނީ ސަރުކާރުން އެ ހުއްދަ ހިފެހެއްޓީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށާއި އެހެންވެ އެކަމުގެ ބަދަލު ދައުލަތުން އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށެވެ.

ހުއްދަ ހިފަހައްޓާފައި އޮތް ދެ އަހަރާއި ތިން މަހުގެ މުއްދަތުގައި ސަން އެއާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 2013 ގައި ސިވިލް ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި 15.1 މިލިއަން ރުފިޔާ ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ އެ ހުކުމް ބާތިލްކޮށް، ދަށު ކޯޓުން ނަގައިދޭން ހުކުމް ކުރި ފައިސާ އަކީ ދައުލަތުން ދޭންޖެހޭ އެއްޗެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ސަން އެއާ ކުންފުނިން ކުރަމުންދިޔަ ވިޔަފާރިއަކީ ހަމައެކަނި އެމްޕްލޮއިމަންޓް އޭޖެންސީ ހިންގުން ނޫން ކަމަށާއި އެހެންވެ، އެ މުއްދަތުގައި ކުންފުންޏަށް ލިބުނު ގެއްލުން ކަމަށް ބުނެ އެ ކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކުގައި ބުނާ 15.1 މިލިއަނަކީ ހަމައެކަނި އެމްޕްްލޮއިމަންޓް ހުއްދަ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަން ސާބިތުނުވާ ކަމަށެވެ.

ސަން އެއާ ކުންފުނިން އެހެން ވިޔަފާރިއެއް ނުކުރާ ކަމަށް ބުނެ ބަޔަކު ކޯޓުގައި ހެކިބަސް ދިނަސް އެ މީހުންނަކީ ކުންފުނީގެ އޭރުގެ މުވައްޒަފުން ކަމަށްވާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ކުންފުނިން ހުށަހެޅި އޮޑިޓް ރިޕޯޓްތަކަކީ ވެސް އެކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.