Roadha Mihaaru
ބެލްޖިއަމްއިން ޗެމްޕިއަން ޕޯޗުގަލް ޔޫރޯއިން ބޭރުކޮށްފި

ބެލްޖިއަމްއިން ޗެމްޕިއަން ޕޯޗުގަލް ޔޫރޯއިން ބޭރުކޮށްލައިފި

28 ޖޫން 2021

ސެވިއްޔާ (ޖޫން 28) - އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް ކަޓުވާލުމަށް ފަހު ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެވިއްޔާ (ޖޫން 28) - އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް ކަޓުވާލުމަށް ފަހު ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ބެލްޖިއަމް މެޗު ކާމިޔާބު ކުރީ ޓޯގަން ހަޒާޑް ޖެހި ލަނޑުން 1-0 އިންނެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްގެ ކޮއްކޮ ޓޯގަން ހަޒާޑް ލަނޑު ޖެހީ ތޯމަސް މެނިއާ ދިން ބޯޅައިންނެވެ. ބެލްޖިއަމުން އުފެއްދި ހަމަލާ ޕޯޗްގަލްގެ ޑިފެންސަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ރީބައުންސް ވެގެން އެ ބޯޅަ ލިބުނީ އޭރިއާގެ ބޭރުން މެނިއާ އަށެވެ. އޭނާ އެ ބޯޅަ ދިނީ ޓޯގަން އަށެވެ. އޭރިއާގެ ބޭރުން އެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޓޯގަން ވަނީ ބާރު އުންޑައެއްހެން ޕޯޗްގަލްގެ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މެޗުގައި، ޕޯޗްގަލްއަށް ލިބުނު ހިލޭ ޖެހުންތަކުން ރޮނާލްޑޯ އުފެއްދި ހަމަލާތަކުން ނުރައްކާ ކުރެވުނަސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރި ޔޯއާ ފެލިކްސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕޯޗުގަލް އިން ނެގި ހުރަހަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ އެ ބޯޅަ ސޭވް ކުރި އެވެ.

އޭގެ ކުރިން ޑިއޭގޯ ޖޯޓަ އަށް ވެސް، ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ރަފޭލް ގަރޭރޯ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާ ގޯލްގެ ދަނޑި އަށް ވެސް އަމާޒުވި އެވެ.