Roadha Mihaaru
ތައްޓެއް ހޯދަން ބެލްޖިއަމްއަށް ލިބޭ ފަހު ފުރުސަތު

ތައްޓެއް ހޯދަން ބެލްޖިއަމްއަށް ލިބޭ ފަހު ފުރުސަތު

27 ޖޫން 2021

ސެވިއްޔާ (ޖޫން 27) - ދުނިޔޭގެ ފެންވަރުގެ ތަރިން އެ ޓީމެއްގައި ތިބި، އެއް ގައުމަކީ ބެލްޖިއަމް އެވެ. ޔޫރަޕުގެ ފުޓުބޯޅައިގައި ބޮޑު ލީގެއް ނެތި، ބެލްޖިއަމް ފުޓްބޯޅައިގެ ބޮޑު ބާރަކަށް ހެދީ އެ ޓީމުގެ މިހާރުގެ ތަރިންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެވިއްޔާ (ޖޫން 27) - ދުނިޔޭގެ ފެންވަރުގެ ތަރިން އެ ޓީމެއްގައި ތިބި، އެއް ގައުމަކީ ބެލްޖިއަމް އެވެ. ޔޫރަޕުގެ ފުޓުބޯޅައިގައި ބޮޑު ލީގެއް ނެތި، ބެލްޖިއަމް ފުޓްބޯޅައިގެ ބޮޑު ބާރަކަށް ހެދީ އެ ޓީމުގެ މިހާރުގެ ތަރިންނެވެ.

ބޮޑެތި ލީގުތައް އޮތް ގައުމުތައް ކަމަށްވާ، އިންގްލެންޑާއި ސްޕެއިން އަދި ޖަރުމަނަށް ވުރެ، މި އަހަރުގެ ޔޫރޯގައި ބެލްޖިއަމްގެ ބާރު ގަދަ އެވެ. އެންމެ ފަހު ވޯލްޑް ކަޕުގައި ވެސް އެކަން ފެނުނީ އެގޮތަށެވެ. ނަމަވެސް ބެލްޖިއަމްގެ މި ޓީމަށް މަދުވަނީ ތައްޓެކެވެ.

"އަހަންނަށް އިހްސާސްވޭ ބެލްޖިއަމްގެ މި ޖީލަށް މަދުވާ ހަމައެކަނި އެއްޗަކީ ތައްޓެއް،" ބީބީސީން ދެއްކި ޑޮކިޔުމެންޓްރީގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައިވެ އެވެ. "މި ކުޅުންތެރިންނަށް ހައްގުވޭ 50، 60، 70 އަހަރު ވަންދެން އެ ވާހަކަ ދައްކާނެ ވަރުގެ ކާމިޔާބެއް."

މި ފަހަރުގެ ޔޫރޯގައި، ފޭވަރިޓުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ބެލްޖިއަމް އެވެ. ދެ ވަނަ ބުރުގައި މިރޭ އެ ޓީމުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާ ދެކޮޅަށެވެ. ޗެމްޕިއަން ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދުމަކީ، ބެލްޖިއަމަށް ޗެމްޕިއަނަކަށް ވުމަށް ހުޅުވޭނެ ދޮރަކަށް ވެދާނެ އެވެ.

ބެލްޖިއަމްގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: އީޕީއޭ

ބެލްޖިއަމްގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: އީޕީއޭ

މިފަހަރުގެ މުބރާތަކީ، ބެލްޖިއަމްގެ މި ޖީލަށް ތައްޓެއް ހޯދަން އޮތް އެންމެ ފަހު މުބާރާތަށް ވެސް ވެދާނެ އެވެ. ޔޫރޯ އަށް ބެލްޖިއަމް ގެންދިޔަ ސްކޮޑަކީ، މުބާރާތުގައި ދެ ވަނަ އަށް އެންމެ މުސްކުޅި ސްކޮޑެވެ. އެއް ވަނަ އަކީ ސްވިޑެން އެވެ. ބެލްޖިއަމްގެ 10 ކުޅުންތެރިންނަކީ 30 އަހަރު ނުވަތަ 30 އަހަރުން މަތީގެ ކުޅުންތެރިންނެވެ.

މިހާ ހިސާބުން، ބެލްޖިއަމްގެ ރަން ޖީލް ނިމުން އައީކަމަށް ވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ. މި މަހު 7 ވަނަ ދުވަހު ނިމުނު ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތަށް އެ ގައުމު ކޮލިފައި ވެސް ނުވެ އެވެ. އެހެންނަމަވެސް މާޓިނޭޒް ގަބޫލުކުރާ ގޮތުގައި އަދިވެސް ބެލްޖިއަމްގެ ޒުވާން ޖީލުގައި ހުނަރުވެރި ތަރިންތަކެއް އެބަތިއްބެވެ. އެކަމަކު އުމުރުފުރާތަކުގެ މުބާރާތުގައި ނަތީޖާއެއް ނުނެރެވުމުން އޭނާގެ ވާހަކައިގެ ސާފު ދަލީލެއް ފެންނާކަށް ނެތެވެ.

ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުންނަ ޕޯޗްގަލް ވެސް މީގެ ތިން އަހަރު ކުރިއާ ބަލާއިރު ތަފާތެވެ. ވޯލްޑް ކަޕްގައި ފެނުނު ޕޯޗްގަލް އަށް ވުރެ މިފަހަރުގެ ޔޫރޯއިން ފެންނަ ޕޯޗްގަލްގެ ފެންވަރު ރަަނގަޅެވެ. އުމުރުން 38 އަހަރުގެ ޑިފެންޑަރު ޕެޕޭ ފުލުކޮށް ކުޅޭއިރު އޭނާގެ ކުޅުމުން އުމުރުގެ އުނިކަމެއް ނުފެނެ އެވެ. ޑިފެންސްގައި ޕެޕޭ ދައްކާ ކުޅުމުން އުމުރަކީ ހަމައެކަނި ނަންބަރެއް، ނޫން އެހެން ކަމެއް ސާބިތެއް ނުވެ އެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަށައިގެން ރަނގަޅު އެޓޭކިން ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭނާ އަށް ބަރޯސާ ނުވެ ވެސް ނަތީޖާ ނެރެވޭ ފެންވަރުގެ ޓީމެއް ޕޯޗްގަލްގައި އެބައޮތެވެ. އަދި ޔޫރޯގައި ހެދި ލަނޑުގެ ރެކޯޑްތަކާ އެކު މިފަހަރު ރޯނާލްޑޯގެ ފޯމު ވެސް ތަފާތެވެ.