Roadha Mihaaru
56 އަހަރަށް ފަހު އަވޭ ގޯލް ގަވާއިދު އުވާލައިފި

56 އަހަރަށް ފަހު އަވޭ ގޯލް ގަވާއިދު އުވާލައިފި

25 ޖޫން 2021

ނަޔޯން (ޖޫން 25) - އަންނަ ސީޒަނުން ފެށިގެން ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލްގެ ގަވާއިދަށް އަމަލު ނުކުރަން ޔޫއެފާގެ އެކްސްކޯ އިން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަޔޯން (ޖޫން 25) - އަންނަ ސީޒަނުން ފެށިގެން ޔޫއެފާގެ ކްލަބު މުބާރާތްތަކުގައި އަވޭ ގޯލްގެ ގަވާއިދަށް އަމަލު ނުކުރަން ޔޫއެފާގެ އެކްސްކޯ އިން ނިންމައިފި އެވެ.

އަވޭ ގޯލްގެ ގަވާއިދަށް ޔޫއެފާ އިން އެންމެ ފުރަތަމަ އަމަލު ކުރަން ފެށީ، 1965 ގަ އެވެ. އެ ގަވާއިދަށް އަމަލު ނުކުރަން ފާސް ކުރުމުން، 56 އަހަރަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އަންނަ ސީޒަންގައި އަލަށް ފަށާ ޔޫއެފާ ކޮންފަރެންސް ލީގުގައި ވެސް އަވޭ ގޯލްގެ ގަވާއިދަށް އަމަލެއް ނުކުރާނެ އެވެ.

މިހާރު އަމަލުކުރާ އަވޭ ގޯލްގެ ގަވާއިދުގައިވާ ގޮތުން ޔޫރަޕުގެ ކްލަބު މުބާރާތްތަކުގައި ދެ ލެގު ކުޅުމަށް ފަހު ނަތީޖާ އެއްވަރު ވެއްޖެ ނަމަ، އަނެއް ބުރަށް ދާނީ އަވޭ ގޯލްގައި ކުރި ލިބުނު ޓީމެކެވެ.

އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ މީގެ ކުރިން ވަނީ، ޔޫއެފާގެ މުބާރާތްތަކުގެ ނޮކައުޓް ސްޓޭޖުގެ އެކްސްޓްރާ ޓައިމްގައި ޖަހާ ލަނޑުތައް އަވޭ ގޯލްގެ ތެރޭގައި ނުހިމެނުމަށް ޔޫއެފާ އަށް ގޮވައިލައިފަ އެވެ. ދެ ލެގުގެ ނަތީޖާ އިން ދެ ޓީމުު ހުރިހާ ގޮތަކުން ވެސް ހަމަހަމަވެ، އިތުރަށް ކުޅޭ ވަގުތުގެ ސަބަބުން ކޮންމެވެސް އެއް ޓީމަކަށް އަވޭގައި އިތުރަށް 30 މިނެޓް ކުޅެން ފުރުސަތު ލިބި، ޖަހާ ލަނޑުތަކުން މެޗުގެ ނަތީޖާ އަނެއްކާ ވެސް އެއްވަރު ވެއްޖެ ނަމަ އަވޭ ގޯލަށް ބަލައިގެން އަވޭގައި ކުޅުނު ޓީމު އަނެއް ބުރަށް ގެންދިއުމަކީ ހޯމްގައި ކުޅުނު ޓީމާ މެދު ވެވޭ ބޭއިންސާފެއް ކަމަށް ސިމިއޯނީ ސިފަކޮށްފައި ވެ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ޗެމްޕިއަން، ބަޔާން މިޔުނިކް އާއި ޔުވެންޓަސް މިދިޔަ ސީޒަންގެ މުބާރާތުން ކަޓައިގެން ދިޔައީ އަވޭ ގޯލް ގަވާއިދުގެ ސަބަބުންނެވެ. ބަޔާން އާއި ޕީއެސްޖީ ކުއާޓާ ފައިނަލުގައި ކުޅެ ނަތީޖާ އެއްވަރުވީ 3-3 އިންނެވެ. ނަމަވެސް ބަޔާން ކަޓުވާލައި ޕީއެސްޖީ ސެމީ އަށް ދަތުރުކުރީ އަވޭ ގޯލްގެ ގަވައިދުގެ ދަށުންނެވެ. ދެ ވަނަ ބުރުގައި ޕޯޓޯ އާއި ޔުވެންޓަސް 4-4 އިން އެއްވަރުވި އިރު ޔުވެންޓަސް ކަޓުވާލައި ޕޯޓޯ ކުއާޓާ އަށް ދަތުރުކުރީ އަވޭ ގޯލްގެ އެހީގަ އެވެ.