Roadha Mihaaru
ޗެމްޕިއަންސް ލީގު ބާއްވަން ގައުމުތަކުގެ ހުށަހެޅުންތަކެއް

ޗެމްޕިއަންސް ލީގު ބާއްވަން ގައުމުތަކުގެ ހުށަހެޅުންތަކެއް

10 ޖޫން 2020

ޒިއުރިކް (ޖޫން 10) - މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ބާކީ މެޗުތައް ޔުއެފާ އިން ކަނޑައަޅާ މިނީ ޓޯނަމެންޓް ފޯމެޓާ އެއްގޮތަށް ބާއްވަން ޔޫރަޕްގެ އެކި ގައުމުތަކުން ހުށަހަޅަަން ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް (ޖޫން 10) - މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ބާކީ މެޗުތައް ޔުއެފާ އިން ކަނޑައަޅާ މިނީ ޓޯނަމެންޓް ފޯމެޓާ އެއްގޮތަށް ބާއްވަން ޔޫރަޕްގެ އެކި ގައުމުތަކުން ހުށަހަޅަަން ފަށައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުރިއަށްގެންދަން ޔުއެފާ އިން ތާވަލުކޮށްފައި އޮތީ މިދިޔަ މަހު 27 ގައި ތުރުކީގެ އިސްތަންބޫލުގަ އެވެ. ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގު މެދުކަނޑާލާފައިވާއިރު، އޮގަސްޓް މަހު މުބާރާތް ފުރިހަމަކުރަން ޔުއެފާ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ޔުއެފާގެ ވިސްނުން ހުރީ އޮގަސްޓް 23 ގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭށެވެ.

ޔުއެފާގެ މުބާރާތްތައް ކުރިއަަށް ގެންދިއުމާ ބެހޭގޮތުން އެ އިދާރާ އިން ގޮތެއް ނިންމުން ތާވަލުކޮށްފައި އޮތީ މި މަހުގެ 17 ވަނަ ދުވަހު އޮންނަ ބައްދަލުވުމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން އެ ބައްދަލުވުމުގައި މުބާރާތް ކުރިއަށް ގެންދަން ހުށަހަޅާނީ ވޯލްޑް ކަޕު ބާއްވާ ކަހަލަ ގޮތަކަށް މިނީ ޓޯނަމެންޓް ފޯމެޓެކެވެ. މެޗުތައް ކުރިއަށް ގެންދާނީ އެއް ގައުމެއްގެ ވަކި ސަރަހައްދެއްގަ އެވެ.

އެކަމަކު އެ ފޯމެޓަށް ގެންދަން ބަލާއިރު މި ވަގުތު އޮތް ހުރަހަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ބައެއް މެޗުތަކުގެ ދެ ވަނަ ލެގު ކުޅެވިފައިނުވުމެވެ. އެހެން ކަމުން އެ މެޗުތަކާ މެދު ވެސް ޔުއެފާ އިން ވަނީ ގޮތްތަކެއް ނިންމަން ޖެހިފަ އެވެ. ޔުއެފާ އިން އެންމެ ބޮޑަށް ބަލަނީ ކުއާޓާ ފައިނަލުން ފެށިގެން އެއް ސަރަަހައްދެއްގައި ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ވަގުތު ޗެމްޕިއަންސް ލީގު ބާއްވައިދޭން ހުށަހަޅާފައިވަނީ ސްޕެއިނާއި ޕޯޗުގަލާއި ޖަރުމަނާއި ރަޝިއާގެ އިތުރުން ތުރުކީންނެވެ. ތުރުކީން ވަނީ މި ފަހަރުގެ ފައިނަލް ބާއްވާނެ ކަމަށް ބަލައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އެ ގައުމަށް މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހައްގު ކަމަށް ބުނެފަ އެވެ. ތުރުކީގެ އިސްތަންބޫލުގައި އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލެއް ކުޅުނީ 2005 ވަނަ އަހަރު އެވެ.

ސްޕެއިނުގެ މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިސް މާޓިނޭޒް-އަލްމެއިޑާ ވިދާޅުވީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ސަރަހައްދުގައި ޔުއެފާ އިން ބޭނުންވެއްޖެނަމަ އަލުން މުބާރާތް ހޯސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ތައްޔާރަށް އޮތް ކަމަށާއި މެޑްރިޑްގައި އެ މުބާރާތް ބޭއްވުމަށް ވެސް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެއް ސަރަަހައްދެއްގައި މެޗުތައް ކުޅެން ޔުއެފާ އިން ކުރު މުއްދަތެއްގައި ނިންމުމެއް ނިންމަންޖެހިފައިވާއިރު، ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގު ހޯސްޓް ކުރުމުގެ އެންމެ ފުރުސަތު ބޮޑީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. އެއީ ފެންވަރު ރަނގަޅު ސްޓޭޑިއަމަކާއި ރަނގަޅު ހޮޓާތަކެއް ގާތްގާތުގައި ހުރުމުންނެވެ. އެ ތަންތަނަކީ މީގެ އަހަރެއް ކުރިން ޔުއެފާގެ ނޭޝަންސް ލީގުގެ ފައިނަލް ބުރު ކުރިއަށް ދިޔައިރު ބޭނުންކުރި ތަންތަނެވެ. ޔުއެފާ އިން ވަނީ އެ ވަސީލަތްތައް ފުރިހަމަކަމަށް ބުނެ ތައުރީފުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ޔޫރޮޕާ ލީގު ވެސް ވަކި ސަރަހައްދެއްގައި ސެންޓްރަލައިޒްކޮށްގެން މެޗުތައް ގެންދަން ޔުއެފާ އިން ބޭނުންވެ އެވެ. އަދި އެކަމަށް ވެސް އެކި ގައުމުތަކުން އަންނަނީ ހުށަހަޅަމުންނެވެ.

ޔުއެފާގެ މުބާރާތްތައް ބާއްވަން ފުރުސަތު ދޭނެ ގައުމުތަކެއް ކަނޑައަޅާނީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ފުޓްބޯޅަ އަލުން ފަށާއިރު އެންމެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާ ގައުމުތަކަށެވެ. ޔޫރަޕްގައި އެންމެ އަވަހަށް އަލުން ފުޓްބޯޅަ ސީޒަން ފެށީ ޖަރުމަނުގަ އެވެ. ޕޯޗުގަލްގެ ލީގު ވެސް ފަށާފައިވާއިރު، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ސްޕެއިނާއި އިންގްލެންޑް އަދި އިޓަލީގައި އަލުން ފުޓްބޯޅަ ފަށާނެ އެވެ.