Roadha Mihaaru
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެދުކަނޑާލައިފި

ކޮވިޑް-19: ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެދުކަނޑާލައިފި

13 މާޗް 2020

ނިޔޯން (މާޗް 13) – އަންނަ ހަފުތާ އަށް ޝެޑިއުލްކޮށްފައިވާ ޔުއެފާގެ ހުރިހާ ކްލަބް މެޗުތަކެއް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިޔޯން (މާޗް 13) – އަންނަ ހަފުތާ އަށް ޝެޑިއުލްކޮށްފައިވާ ޔުއެފާގެ ހުރިހާ ކްލަބް މެޗުތަކެއް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކޮށްފި އެވެ.

އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންނަ އަންގާރަ އަދި ބުދަ ދުވަހުގެރޭ ކުޅޭ މެޗުތަކާއި ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުތައް ހިމެނެ އެވެ.

މީގެ ތެރެއިން ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗާއި ޔުވެންޓަސް އާއި އޮލިމްޕިކް ލިޔޯން ކުޅޭ މެޗު ކުރިން ވެސް އޮތީ ފަސްކޮށްފަ އެވެ. އެއީ ރެއާލް މެޑްރިޑުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ކްލަބުގެ ފުޓްބޯޅަ ޓީމު ކަރަންޓީންކުރުމުންނާއި ޔުވެންޓަސްގެ ޑެނިއަލް ރުގާނީ ޕޮޒިޓިވްވެ އެ ޓީމުގެ ސްކޮޑް ކަރަންޓީންކުރުމުންނެވެ.

އަދި އިޓަލީ އާއި ސްޕެއިނާ ދެމެދު ދަތުރުފަތުރު ހުއްޓާލުމާ ގުޅިގެން، ރޭ ޔުރޮޕާ ލީގުގައި ސެވިއްޔާ އާއި ރޯމާ އަދި އިންޓަ މިލާނާއި ގެޓަފޭ ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ.

އަންނަ ހަފުތާގެ މެޗުތައް ފަސްކުރުމާ ގުޅިގެން އަންނަ ހުކުރު ދުވަހަށް ރާވާފައިވާ ދެ މުބާރާތުގެ ވެސް ކުއާޓާ ފައިނަލްގެ ގުރުނެގުން ކެންސަލްވާނެ އެވެ. ޔުއެފާ އިން ބުނީ މެޗުތައް ދެން ރާވާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

ކުރިން ބެލެވިފައި އޮތީ މި ދެ މުބާރާތުގެ މެޗުތައް ފަސްކުރުމާ މެދު ޔުއެފާ އިން ގޮތެއް ނިންމާނީ އަންގާރަ ދުވަހު ބާއްވާ ކުއްލި ބައްދަލުވުމުގައި ކަމަށެވެ. ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ.

މި ބައްދަލުވުމުގައި މަޝްވާކުރާނެ އެންމެ މުހިއްމު ކަމަކަށް ވާނީ ޖޫން މަހު ފަށަން ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމެވެ. އޭގެ ސަބަބުން، ކޮވިޑް-19 ހަމަޔަކަށް އެޅުމާ އެކު ލީގުތައް އަލުން ފަށައި މޭ މަހު ސީޒަން ނިމެންވާއިރަށް ކްލަބް މުބާރާތްތައް ފުރިހަމަކުރަން ފުރުސަތު ލިބޭނެ އެވެ. ނުވަތަ ފަހަރެއްގައި ފޯމެޓް ބަދަލުކޮށްގެން، ކުރު މުބާރާތެއްގެ ގޮތުގައި ޔޫރޯ މިހާރު އޮތް ޝެޑިއުލަށް ބާއްވަފާނެ އެވެ. މި އަހަރު ރާވާފައި އޮތީ ތަފާތު 12 ގައުމެއްގެ 12 ސިޓީގައި ކުޅޭގޮތަށެވެ. އޭގެ ސަބަބުން އެހެން އަހަރުތަކަށް ވުރެ ދަތުރުފަތުރު ގިނަވާނެ އެވެ.

އަދި ފަސްކުރި ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް ދެ ލެގުގެ އުސޫލުން ކުޅުމުގެ ބަދަލުގައި ޕްލޭއޮފް އެއް މެޗު ކުޅެ އަވަހަށް ނިންމާލަން، ރޭވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕުގެ ބައެއް ލީގުތައް ވަނީ މެދުކަނޑާލައިފަ އެވެ. އެގޮތުން އިޓާލިއަން ލީގު ވަނީ އޭޕްރިލް 3 ވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޑްކޮށްފަ އެވެ. ސްޕެނިޝް ލީގު މަދުވެގެން ކުރިއަށް އޮތް ދެ ހަފުތާ އަށް ސަސްޕެންޑްކޮށްފައިވާއިރު މި މަހުގެ 31 ގެ ނިޔަލަށް ނެދަލެންޑްސް ލީގު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޕްރިމިއާ ލީގުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކަލުމް ހުޑްސަން-އޮޑޯއީ ޕޮޒިޓިވްވުމުން ޕްރިމިއާ ލީގު ވެސް ހުއްޓާލަފާނެ ކަމަށް ބެލެވެ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މިހާތަނަށް ދުނިޔެއިން 134,685 މީހުންނަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 69,146 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މި ބަލީގައި މަރުވީ 4,973 މީހުންނެވެ.