Roadha Mihaaru
"ސްނޯ ވައިޓް" ގެ ރޯލު ރެޗަލް އަށް

"ސްނޯ ވައިޓް" ގެ ރޯލު ރެޗަލް އަށް

25 ޖޫން 2021

ޑިޒްނީން ހަދަން ނިންމާފައިވާ "ސްނޯ ވައިޓް" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާގެ ރޯލަށް ރެޗަލް ޒެގްލާ ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން ހަދަން ނިންމާފައިވާ "ސްނޯ ވައިޓް" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާގެ ރޯލަށް ރެޗަލް ޒެގްލާ ހަމަޖައްސައިފި އެވެ.

އެމެރިކާ އަށް އުފަން 20 އަހަރުގެ ބަތަލާ އަށް އެ ފިލްމު ކުޅެން ލިބުނީ އަލަތު ފިލްމު ރިިލީޒް ވެސް ނުވަނީހެވެ. ރެޗަލް ހޮލީވުޑަށް ތައާރަފުކުރާ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ހަދަމުން އަންނަ "ވެސްޓް ސައިޓް ސްޓޯރީ" އެވެ. އެ އެންޒެލް އެލްގަޓް ބަތަލުގެ ރޯލު ކުޅޭ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ގަ އެވެ.

"ސްނޯ ވައިޓް" ކުޅެން ލިބުމުން ރެޗަލް ވަނީ ޓްވިޓާގައި އެކަން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ހިޔާލީ ވާހަކައެއްގެ ގޮތުގައި ހުޅަނގުގައި ކިޔައި އުޅޭ އެންމެ މަގުބޫލު އެއް ވާހަކަ ކަމަށްވާ "ސްނޯ ވައިޓް" ގެ ލައިވް-އެކްޝަން ފިލްމުގެ ޓައިޓްލް ރޯލު ކުޅެން ރެޗެލް އަށް ލިބުނު އިރު އޭނާ އަކީ ސުޕަހީރޯ ފިލްމު "ޝެޒަމް" ގެ ސީކްއެލް "ޝެޒަމް! ފިއުރީ ދަ ގޯޑްސް" އިން ވެސް ފުރުސަތު ލިބިފައިވާ ބަތަލާއެކެވެ.

ވެރައިޓީން ބުނި ގޮތުގައި ޑިޒްނީން ސްނޯ ވައިޓް އަސްލު އެކްޓަރުންނާ އެކު ގެނެސްދޭން މަސައްކަތްކުރަމުން އަންނަ އިރު އެ ޑައިރެކްޓްކުރާނީ 2009 ގެ "500 ޑޭޒް އޮފް ސަމާ" އާއި 2012 ގެ "ދި އެމޭޒިން ސްޕައިޑަ-މޭން" ގެނެސްދިން މާކް ވެބް ކަމަށެވެ.

"ސްނޯ ވައިޓް" ގެ ލައިވް-އެކްޝަން ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވާ އިރު، މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

"ސްނޯ ވައިޓް" ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ޑިޒްނީން ނިންމި އިރު، އެ ސްޓޫޑިއޯ އިން ކުރިން ގެނެސްދިން އެނިމޭޓެޑް އެތައް ފިލްމެއް މި ފަހުން އަސްލު އެކްޓަރުންނާ އެކީ ގެނެސްދީގެން ބޮޑެތި ކާމިޔާބީތައް ވެސް ހޯދާފައިވެ އެވެ.

"ސްނޯ ވައިޓް އެންޑް ދަ ސްވެން ޑްވާފްސް" ގެ އެނިމޭޓެޑް ފިލްމު ޑިޒްނީން ގެނެސްދިނީ 1937 ގަ އެވެ.