Roadha Mihaaru
އެންޑީއޭގެ ބޯޑަށް ބަދަލުތަކެއް ގެންނަނީ

އެންޑީއޭގެ ބޯޑަށް ބަދަލުތަކެއް ގެންނަނީ

22 ޖޫން 2021

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނާނެ ކަމަށް، އެ އެޖެންސީ ހިންގާ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނާނެ ކަމަށް، އެ އެޖެންސީ ހިންގާ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ފަރާތުން އެންޑީއޭގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު "މިހާރު" އަށް ވިދާޅުވީ މިދިޔަ މަހުގެ ކުރީކޮޅު ހެލްތުގެ ދަށަށް އެ އެޖެންސީ ބަދަލުކޮށް ބޯޑުގެ ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އެ ރިވިއުއިން ފާހަގަވި ކަންކަމަށް ރިއާޔަތްކޮށް ބޯޑަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވިޔަސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ.

ނަމަވެސް ރަނގަޅު ނަތީޖާއެއް ނެރެދެވިފައިނުވާ ކަމަށް ބުނެ މިދިޔަ މަހުގެ 16 ގައި ސީއީއޯ މުހައްމަދު ހަބީބް ވަކިކުރަން ބޯޑުން ނިންމާފައި ވެ އެވެ. އޭގެ ފަހުން އެ ތަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ އެންޑީއޭގެ ޒިންމާދުވެރިޔާ އައިޝަތު ވަހީދާ އެވެ. އެ ތަން ހިންގުމުގައި އެންމެ މުހިއްމު އެއް މަސައްކަތްކުރާ އެންޑީއޭގެ ބޯޑަށް ބަދަލު ގެންނަން ނިންމިއިރު، އެ ބޯޑާއި އެންޑީއޭގެ މެނޭޖްމަންޓާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައި ވެ އެވެ. އެ ހަމަނުޖެހުންތަކުގައި އެންޑީއޭއިން މި ފަހުން މުވައްޒަފުންތަކެއް ވެސް ވަކިވިކަން އެނގިފައި ވެ އެވެ. އެހެންވެ، އެކަންކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ކަމަށް، އެންޑީއޭއިން ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އައިސްތު ވިދާޅުވީ އެންޑީއޭ ބޯޑުގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވެސް ބަދަލުތައް ގެނައުމާ ގުޅޭ މަޝްވަރާކުރަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި، އެ ވަގުތަކު އެންޑީއޭ ހިންގާ ތަނެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.

އެންޑީއޭ ބޯޑުގައި ހިމެނެނީ އެކި އިދާރާތަކުން ރައީސް އައްޔަންކުރައްވާ 10 މެމްބަރުންނެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ޕޮލިސް އަދި ކަސްޓަމްސް ހިމެނެ އެވެ.