Roadha Mihaaru
ކުއްޖާއަށް އިޖުތިމާއީ އެހީ ހޯދުމަށް މަސައްކަތްކުރި

މަރާލި ކުއްޖާ އަށް އިޖުތިމާއީ އެހީ ހޯދުމުގެ މަސައްކަތް އާއިލާއިން ކުރި: ޖެންޑާ

22 ޖޫން 2021

މަރާލާފައިވާ އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގެ މޫދުން ފެނުނު ކުއްޖާއަށް، އެެ ކުއްޖާ މަރުވުމުގެ ކުރިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަރާލާފައިވާ އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގެ މޫދުން ފެނުނު ކުއްޖާއަށް، އެެ ކުއްޖާ މަރުވުމުގެ ކުރިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދިން ޕްރެސް ސްޓޭޓްމަންޓުގައި ޔުމްނާ ވިދާޅުވީ ކުއްޖާ މަރުވި މައްސަލަ ފުލުހުން ޖެންޑާ އަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު ކަމަށެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެ ކުއްޖާގެ އާއިލާ އިން ދިޔައީ މިނިސްޓްރީއާ ގާތުން މަސައްކަތް ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އޭރު ކުރެވުނު މަސައްކަތްތަކުން ކުއްޖާއަކީ ކިޔެވުމުގައި ގާބިލުކަން ހުރި ކުއްޖެއްކަން ޓީޗަރުގެ ފަރާތުން ވެސް އެނގުނު ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްޖާގެ މަންމައާ ގުޅިގެން މަސައްކަތް ކުރީ އިޖުތިމާއީ ގޮތުން އެހީތެރިވުމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކޮށްފައި ވަނީ މި ކުއްޖާގެ މަންމައާ ގުޅިގެން އިޖުތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، ކުއްޖާގެ މަރާލި ހަބަރު ލިބުމާ އެކު އާއިލާ އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އާންމުންނާއި މީޑިއާތަކުން ވެސް ކުއްޖާގެ އާއިލާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަންދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އެ ޕްރެސް ސްޓޭޓްމަންޓުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން ހޯދަމުން ދަނިކޮށެވެ.

ރަޝީދު ވިދާޅުވީ، ހުޅުމާލޭ ޕޮލިހުންނަށް އާންމުންގެ މީހަކު ރިޕޯޓްކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މަައުލޫމާތު ލިބުމުން، އެ ސަރަހައްދު ހޯދާ ބަލަމުންދަނިކޮށް ކުއްޖާ ފެނުނީ އެތަނުގެ އިރުއުތުރު ފަރާތުގެ މޫދުގައި ފޮއްޓަކަށް ލާފައި އޮއްވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ރަޝީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ހެކި، ގަރީނާ އެއްކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ، އެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް ވެސް ރަޝީދު އެދިވަޑައިގަތެވެ.

"މި މައްސަަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ނަމްބަރު 9911099 ނުވަތަ 3000600 އަށް ގުޅައި ނުވަތަ 1412 އަށް ގުޅައި ހިއްސާކޮށްްދެއްވުމަށް،" ފުލުހުން އެދިފައިވެ އެވެ.