Roadha Mihaaru
ސްކޭމް ކޯލްތައް: އެކެއްގެ ނަމުގައި 800 ނަންބަރު!

އެކަކުގެ ނަމުގައި 800 ފޯނު ނަންބަރު، ސްކޭމްތައް ހަދަނީ ޖަލުގައި!

20 ޖޫން 2021

ސްކޭމް ކޯލްތަކުގެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިމެނީ މާފުށީ ޖަލާ ހިސާބުންނެވެ. ފޯނު ނަންބަރުގެ ވެރިފަރާތް ބަލާއިރު ގިނަ ފަހަރަށް އޮންނަނީ ބިދޭސީއެއްގެ ނަމުގަ އެވެ. މި ނުބައި އަމަލު ހިންގަން، އެއް ބިދޭސީއެއްގެ ނަމުގައި 800 ނަންބަރު ވެސް ނަގައިފައި އެބަހުއްޓެވެ. ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަތަކުގެ އަދަދުތަކާއި ވާހަކަތަކުން ފިތްކަނޑައިގެންދާ ވަރުވެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޭމް ކޯލްތަކުގެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިމެނީ މާފުށީ ޖަލާ ހިސާބުންނެވެ. ފޯނު ނަންބަރުގެ ވެރިފަރާތް ބަލާއިރު ގިނަ ފަހަރަށް އޮންނަނީ ބިދޭސީއެއްގެ ނަމުގަ އެވެ. މި ނުބައި އަމަލު ހިންގަން، އެއް ބިދޭސީއެއްގެ ނަމުގައި 800 ނަންބަރު ވެސް ނަގައިފައި އެބަހުއްޓެވެ. ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަތަކުގެ އަދަދުތަކާއި ވާހަކަތަކުން ފިތްކަނޑައިގެންދާ ވަރުވެ އެވެ.

"އެކެއްގެ ނަމުގައި 800 ނަންބަރު ދޫކުރުމަކީ އެއީ ހަގީގަތުގައި ވެގެން ވާނެ ވެސް ކަމެއް ނޫން،" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވި އެވެ.

ބިދޭސީއެއްގެ ނަން މަތީގައި މި ގޮތަށް ނަގައިފައި ހުންނަ ނަންބަރުތައް ބަލާއިރު އެ މީހާގެ ފުރިހަމަ މައުލޫމާތު ވެސް ލިބޭކަށް ވެސް ނުހުރެ އެވެ. މި ނަންބަރުތައް ނަގައިފައި ހުންނަނީ މައުލޫމާތު އޮޅުވާލައިގެންނެވެ. މި ކަހަލަ 1،305 ނަންބަރެއް ފުލުހުން މިހާތަނަށް ބުލޮކް ކޮށްފައިވެ އެވެ. އަދި 374 ނަންބަރެއް ބްލެކް ލިސްޓު ކުރި އެވެ.

މި ކަހަލަ ނަންބަރުތަކުން މީހުންނަށް ގުޅައި، ފައިސާ އަތުލުމުގެ އަޑީގައި ގިނައިން ތިބެނީ ޖަލުތަކުގެ ގައިދީން ކަމަށް ތުހުމަތުކުރެވެ އެވެ. މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު، 90 ޕަސެންޓް ސްކޭމް ކޯލްތައް އައިސްފައި ވަނީ ހަމައެކަނި ޖަލުންނެވެ.

މިއީ ޖަލުގައި ތިބޭ މީހުންނާއި މުޖުތަމައުގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެކެވެ.

އާންމު މުޖުތަމައުގެ ތެރެއިން ވެސް ސްކޭމް ކޯލްތައް އާދެ އެވެ. އެންމެ ގިނައިން މި ކަހަލަ ކޯލްތައް އަންނަ ދެ ސަރަހައްދެއް ފުލުހުންނަށް މިހާރު ވަނީ ފާހަގަކުރެވިފަ އެވެ. އެއީ ޅ. އަތޮޅާއި ލ. އަތޮޅުންނެވެ. އަދި އައްޑޫން އަންނަ ސްކޭމް ކޯލްތައް ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.

"މި ގޮތަށް ފާހަގަކުރެވޭ [ސްކޭމް ކޯލް ކުރާ] ގިނަ މީހުންނަކީ ވެސް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުގައި މިނިވަންވެފައި ތިބޭ މީހުން،" ފާއިޒު ވިދާޅުވި އެވެ.

އެކި ސްކޭމްތަކުން މި އަހަރު 7.4 މިލިއަން ރުފިޔާގެ ގެއްލުން!

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، އެކި ސްކޭމްތައް ހަދައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުލުހުންނަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަތުގެ އަދަދު ވެސް ހުރީ، މުޅި މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ މާ މަތީގަ އެވެ. މިދިޔަ އަހަރު މިފަދަ 226 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް 259 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ދެ އަހަރު ވަކިން ބަލާއިރު، މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި އޮޅުވާލައިގެން މީހުންގެ އަތުން 3.5 މިލިއަން ރުފިޔާ ނަގާފައިވާ އެވެ. އަދި މި އަހަރުގެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ، އެކި މީހުންގެ އަތުން އަތުލާފައިވެ އެވެ.

ކޮވިޑާ އެކު މައްސަލަތައް އިތުރުވި

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިފަދަ މައްސަލަތައް ކުއްލިއަކަށް މާ ބޮޑަށް އިތުރުވި އެވެ. އެންމެ ގިނައިން ހުށަހަޅާފައި ވަނީ ތަކެތި ގަތުމަށް ފަހު، ފޭކް ސްލިޕް ފޮނުވާ މައްސަލަ އެވެ.

ފޭކް ސްލިޕް ފޮނުވާ މީހުން އެކަން ކުރާ ގޮތް ވެސް ފާއިޒް ކިޔައިދެއްވި އެވެ.

"ފުރަތަމަ ފިހާރަ އަށް ގޮސް، ގަންނަން ބޭނުންވާ ތަކެތީގެ އަގު ބަލަނީ. އެ ތަކެއްޗަށް ޖުމްލަ އަރާނެ އަދަދު ބަލައިފައި، އޭގެ ފަހުން ސްލިޕް ތައްޔާރުކޮށްގެން އަނބުރާ އެބަދޭ ފިހާރަ އަށް،" އަދި މި ސްލިޕްކޮޅު ވައިބާ ކުރުމަށް ފަހު ސާމާނު ހިފައިގެން ފިހަރާ އިން ނިކުމެ އަވަހަށް ޑިލިޓް ކޮށްލާ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ.

ފިހާރަތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތަކުން ބަލައިގެން، އެ މީހުން ފާހަގަކޮށް ތަހުގީގަށް ގެނެވުނު ނަމަވެސް ވަކި ހިސާބަކުން މައްސަލަ ކުރިއަކަށް ނުގެންދެވެ އެވެ.

"ނިޒާމު އެކުލެވިފައި މި އޮންނަ ގޮތުން ހަމައެކަނި ފުޓޭޖެއް ބަލައިފައި އަޅުގަނޑުމެންނަކަށް ނޯވޭ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވޭކަށް. އެއާ ގުޅުންހުރި ބައިވަރު ކަންކަން ނުހޯދޭ ނަމަ،" އަދި ސްކޭމްގެ މައްސަލަތަކުގައި މިކަން ކުރާ މީހުން ހޯދުމާއި ފައިސާ އަނބުރާ ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށް ފާއިޒް ވިދާޅުވި އެވެ.

އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ؛ ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދަން މަސައްކަތްކުރޭ.-- ފައިލް ފޮޓޯ / މިހާރު

އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ؛ ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދަން މަސައްކަތްކުރޭ.-- ފައިލް ފޮޓޯ / މިހާރު

ފުލުހުން ބުނީ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވެނީ މިފަދަ ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ. އަދި ގިނަ ފަހަރު، އަތުލި ފައިސާ އަނބުރާ ނުހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލްތައް ވަކި ބަޔަކަށް ޓާގެޓްކުރަނީ

މިގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގަ އާއި ފިހާރަތަކާއި ޖަމިއްޔާތަކާއި އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންނެވެ.

މިހާތަނަށް ކުރެވުނު މިފަދަ މައްސަލަތަކުގެ ތަހުގީގުތަކުން ފުލުހުންނަށް އަބަދު ވެސް ފާހަގަކުރެވިފައި ވަނީ އެ ދުވަސްވަރެއްގައި ހިނގާ ކަންތައްތަކަށް ބިނާކޮށް، ސްކޭމް ކޯލް ކުރާ މީހުންގެ ވާހަކަތައް ވެސް ބަދަލުވަމުންދާ ކަމެވެ.

"ބީއެމްއެލްގެ އާ މޯބައިލް އެޕް ލޯންޗުކުރުމާ ދިމާކޮށް ވެސް ބޭންކުގެ ނަމުގައި މީހުންނަށް އެހާ އަވަހަށް ގުޅާ ސްކޭމްތައް އެބަ ހިންގާ،" މިފަހުން ހިނގަމުންދާ ކަމަކަށް އިޝަރާތް ކުރައްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް އެންމެ ކުރިން ހިނގަމުން އައީ ރޭންޑަމް ކޮށް މީހުން ގުޅައިގެން ކަމަށް ވިޔަސް، މިހާރު ގުޅަނީ ވަކި ބަޔަކަށް ޓާގެޓް ކޮށްގެން، އިންތިޒާމުތަކެއްގެ ދަށުންނެވެ. ހާއްސަކޮށް ފައިސާ ގެންގުޅޭ، ތަނަވަސް މީހުންނަށް މި ކޯލްތައް ޓާގެޓް ކުރެ އެވެ.

ކުންފުނިތަކުގެ ފޭކް ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި ވެސް މަކަރާއި ހީލަތުން ފައިސާ ހޯދަ އެވެ. އަދި ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގަ އާއި ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައި ވެސް މަކަރު ހަދާ މައްސަލަތައް ވަރަށް ގިނަ އެވެ.

ހޭލުންތެރިކުރުވޭ، ވިސްނާނުލެވެނީ!

ގިނަ ވަސީލަތްތަކެއް މެދުވެރިކޮށް މި ކަން ކަމަށް މީހުން ހޭލުންތެރިކުރަމުން އަޔަސް، ބައެއް ފަހަރު ރަނގަޅަށް ވިސްނާނުލެވި މިފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއަށް މީހުން ދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަޖީދީ މަގުގައި، ދުއްވާ އެއްޗެހި ތޮއްޖެހި ބާރު ބޮޑުވެފައި؛ މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތަކަށް މުޖުތަމައު ކުރިއަށް ވުރެ ހޭލުންތެރި ނަމަވެސް، ވިސްނާލެވޭވަރު އަދިވެސް ކުޑަ.-- ފައިލް ފޮޓޯ / މިހާރު

މަޖީދީ މަގުގައި، ދުއްވާ އެއްޗެހި ތޮއްޖެހި ބާރު ބޮޑުވެފައި؛ މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތަކަށް މުޖުތަމައު ކުރިއަށް ވުރެ ހޭލުންތެރި ނަމަވެސް، ވިސްނާލެވޭވަރު އަދިވެސް ކުޑަ.-- ފައިލް ފޮޓޯ / މިހާރު

އިންތިޒާމުތަކެއްގެ ތެރެއިން ހިންގާ ކަމެއް ވީމަ، މިކަން ކުރާ މީހުން އޮންނަނީ ދުރާލައި ރާވައިގެން ފައިސާ ހަމަ ފޮނުވުމާ އެކު ނަގުދު ފައިސާ ނަގާނެ ގޮތް ވެސް ހޯދައިފަ އެވެ.

"[ސްކޭމް ކޯލްތަކުގައި] ޓްރާންސްފާ ކުރާ އެކައުންޓްތައް އެނގޭ، އެކަމަކު ގިނަ ފަހަރަށް އެކައުންޓްގެ ވެރި ފަރާތް ވެސް މި ވަނީ ވިކްޓިމް އަކަށް،" ނާހިދު ވިދާޅުވި އެވެ.

"އެ މީހަކީ ކާކުން ނޭނގި ވެސް، މަގުމަތިން އޭޓީއެމް ކައިރިން ދިމާވެގެން ވެސް ބުނެފައި އެބަހުރޭ ޓްރާންސްފާކޮށްދިނީމަ މި ފައިސާކޮޅު ނަގައި ދީބަލާށޭ، މި އުޅެނީ ކާޑުގެ މައްސލައެއް ދިމާވެގެންނޭ ނުވަތަ މިއަދުގެ ލިމިޓް ހަމަވެގެންނޭ،" އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ވިޔަފާރީތައް ކުރާއިރު ވެސް، ފައިސާ މި ފޮނުވެނީ ކާކަށް ކަން ރަނގަޅަށް ނުބަލާ ޓްރާންސްފާ ކުރެވިގެން ވެސް ލަނޑުލިބިފައި އެބަހުއްޓެވެ.

ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، އެއީ ސްކޭމް ކޯލެއް ކަން އެނގޭ ހިސާބުން ވީހާ ވެސް އަވަހަކަށް ބޭންކަށް ގުޅައި، އެ ފައިސާ ހޯލްޑުކޮށްދިނުމަށް އެދުމަށް ނާހިދު އިލްތިމާސްކުރެއްވި އެވެ. އޭރުން ތަހުގީގަށް ވެސް ފަސޭހަވެ އެވެ.

"މީހުން އަދިވެސް ހޭލުންތެރިވާންވީ ވަރަށް ނުވަނީ. އެއީ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެން މައުލޫމާތު ފޯރުކޮށްދެމުން އަންނައިރު ވެސް މީހުންނަށް މި ކަހަލަ ކަންކަން އެބަ ދިމާވޭ،" މި ކަހަލަ މައްސަލަ އިތުރުވާ ސަބަބާ ގުޅޭ ގޮތުން ދެކިވަޑައިގަންނަވާ ގޮތް ފާއިޒް ވިދާޅުވި އެވެ.

ހައްލު ލިބޭނީ ޖަލު ހަމަޔަކަށް އަޅުވައިގެން!

ޖަލުތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވަމަށް އެކުލަވާލައިފައި އޮތް އެކްޝަން ޕްލޭންގެ ދަށުން، އެ ތަންތަނުގައި ގައިދީން ވަގަށް ގެންގުޅޭ ފޯނު ފަދަ ވަސީލަތްތައް ހޯދައި، ހުއްޓުވުމަށް މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ކަން އެބަ އޮތް ޖަލު ތެރެއިން ހިނގާ މި ކަންކަން ހުއްޓުވިއްޖެ ނަމަ، މިފަދަ މައްސަލަތައް ހުށަހަޅާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ޖަލުގައި ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަންނަ އަހަރު ހައްލެއް ލިބޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖަލުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ވަރަށް ގިނައިން ފޯނު އަތުލައިގެންފައިވެ އެވެ. މި ފަހުން ވެސް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުގައި މާފުށީ ޖަލުން 40 އަށް ވުރެ ގިނަ ފޯނު އަތުލައިގަތެވެ.

ފޭކް ފޯނު ނަންބަރުތަކުގެ މައްސަލަ އަށް ހައްލު ލިބޭނީ، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ނަންބަރު ދޫކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގެންގުޅެން ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. އެއީ ރާއްޖޭގައި މިހާރު މިކަން އޮންނަނީ މާ ފަސޭހަ ކަމެއްގެ ގޮތުގައި ކަމަށް ވާތީ އެވެ.