Roadha Mihaaru
ބައިނަލްއަގުވާމީ އެވޯޑަކަށް އެފްއެޗްޓީއެސް ނޮމިނޭޓްވެއްޖެ

އިންޑިއާ ކަނޑުގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޓަކަށް އެފްއެޗްޓީއެސް ނޮމިނޭޓް ވެއްޖެ

19 ޖޫން 2021

އިންޑިއާ ކަނޑުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓަކަށް ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ނޮމިނޭޓު ވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާ ކަނޑުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓަކަށް ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ނޮމިނޭޓު ވެއްޖެ އެވެ.

މިއީ ރާއްޖޭގެ އިންސްޓިޓިއުޓެއް މި އެވޯޑަށް ނޮމިނޭޓުވި ފުރަތަމަ ފަހަރެވެ.

މި އެވޯޑަށް އެފްއެޗްޓީއެސްގެ އިތުރުން ނޮމިނޭޓު ވީ އިތުރު ދެ ގައުމެއްގެ ތިން އިންސްޓިޓިއުޓެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ އެވޯޑު ހާސިލް ކުރި މޮރިޝަސްގެ އޮލިވިއޭ ކަލިނަރީ ސްކޫލް ހިމެނެ އެވެ.

މި އެވޯޑަށް ނޮމިނޭޓު ވެފައިވާ އިންސްޓިއުޓުތަކުގެ މެދުގައި ވޯޓުލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގެ އެފްއެޗްޓިއެސް އަށް ވޯޓު ދޭން ބޭނުންވާ މީހުންނަށް "ވޯލްޑް ކަލިނަރީ އެވޯޑުސް"ގެ ވެބްސައިޓު https://worldculinaryawards.com/.../indian-ocean.../2021 މެދުވެރިކޮށް ވޯޓު ދެވޭނެ އެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްއެޗްޓީއެސްގެ ލެކްޗަރާއެއް ކަމަށްވާ އާމިނަތު ޝާނީ ވިދާޅުވީ، މިއީ ގައުމީ ޔުނިވާސިޓީގެ އިތުރުން މުޅި ރާއްޖެ އަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެހެންކަމުން ރާއްޖެ އަށް މި އެވޯޑު ހާސިލް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު ވޯޓު ދިނުމަށް އޭނާ އެދުނެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިހާ ބޮޑު އެވޯޑަކަށް ފުރަތަމަ ފަހަރަށް ނޮމިނޭޓުވުމުން ވަރަށް އުފާވޭ. އެންމެން ވެސް އެފްއެޗްޓީއެސްއަށް ވޯޓު ދިނުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ޝާނީ ވިދާޅުވި އެވެ.

އިންޑިއާގެ ކަނޑުގެ އެންމެ މޮޅު ކަލިނަރީ އިންސްޓިއުޓްގެ އެވޯޑަކީ ވޯލްޑް ޓްރެވެލް އެވޯޑްސް އިން ކަލިނަރީ ދާއިރާ އަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު ތައާރަފު ކުރި އެވޯޑެކެވެ.