Roadha Mihaaru
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ

"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ

19 ޖޫން 2021

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވަޓާ" ސީރީޒްގެ ފިލްމަކުން ފެނިދާނެކަމުގެ އިޝާރާތެއް މަޝްހޫރު އެކްޓަރު ވިން ޑީޒެލް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވަޓާ" ސީރީޒްގެ ފިލްމަކުން ފެނިދާނެކަމުގެ އިޝާރާތެއް މަޝްހޫރު އެކްޓަރު ވިން ޑީޒެލް ދީފި އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ތަރި އެމްޓީވީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ކެމެރޮން އާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ. އަދި "އެވެޓާ" ސީރީޒް އަކީ އޭނާ ވަރަށް އުންމީދުކުރާ އެެއްޗެއް ކަމަށް ބުންޏެވެ.

"ކެމެރޮން އަކީ އަހަރެން ވަރަށް ލޯބިވާ މީހެއް. ހަމައެއާ އެކު އޭމާގެ އެވަޓާ ސީރީޒް އަކީ އަހަރެންގެ އުންމީދުތަކާ ގުޅިފައިވާ އެއްޗެއް. އެކަމަކު މީގެ މާނައެއް ނޫން އަދި ކެމެރޮންގެ ޕްރޮޖެކްޓެއްގައި އަހަރެން މަސައްކަތް ފެށީއެކޭ،" ޑީޒެލް ބުންޏެވެ. "އެކަމަކު ބުނަން ކެރިދާނެ އަހަރެމެން ދެ މީހުން އެކީގައި މަސައްކަތްކޮށްފާނެއޭ."

މި ވާހަކަ މީޑިއާތަކުން ސިފަކުރީ އަންނަ އަހަރު ގެނެސްދޭ "އެވަޓާ" ގެ ފުރަތަމަ ސީކްއެލް އިން ޑީޒެލް ފެންނާނެ ކަމަށް ދިން އިޝާރާތެއްގެ ގޮތުގަ އެވެ. އެ ފިލްމަކީ މިދިޔަ އަހަރު ނިއު ޒީލެންޑްގައި ޝޫޓްކޮށް ނިންމާފައި އޮތް ފިލްމެކެވެ. އެހެންވެ "އެވަޓާ 2" އިން ޑީޒެލް ފެނިދާނެކަމާ ދޭތެރޭ ސުވާލުތަކެއް އުފެދުނަސް، އޭނާގެ ބައިވެރިވުން އެ ފިލްމުގައި ނެތް ކަމަށް ބެލުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ މިގޮތަށް ޕްރޮޖެކްޓްތަކުގައި ވަރަށް ސިއްރިޔާތުން ބައެއް ތަރިން ކުރިން ވެސް މަސައްކަތްކޮށްފައި ހުރުމެވެ.

އަދި ފާހަގަކޮށްލެވޭ ކަމަކީ "އެވަޓާ 2" ގެ ވިކިޕީޑިއާގައި އޭގެ ކާސްޓުންގެ ތެރޭގައި ޑީޒެލްގެ ނަން އޮތް ކަމަށާއި އޭނާގެ ފިލްމޯގްރަފީ ތެރޭގައި ވެސް "އެވަޓާ 2" އާއި "އެވަޓާ 3" ވެސް އޮތް ކަމެވެ.

ކެމެރޮން 2009 ގައި ގެނެސްދިން "އެވަޓާ" ގެ ސީކްއެލްގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ. މީގެ ކާސްޓްގައި ފުރަތަމަ ބައިގެ ތަރިންނާ އެކު، އާ ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ކެމެރޮންގެ 1997 ގެ "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން "އެވެޓާ 2" ގެނެސްދޭ އިރު މީގެ ޕްރީކްއެލް އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ވެސް އޮތް ފިލްމެކެވެ. ކެމެރޮން ބުނެފައިވާ ގޮތުގައި އާ ފިލްމަކީ ފުރަތަމަ ފިލްމުގެ ރެކޯޑް މުގުރުލައިލާ ވަރުގެ ވަރުގަދަ ފިލްމަކަށް ވާނެ އެވެ.

"އެވަޓާ 2" އިން ޑީޒެލް، 53، ފެނުމުގެ ފުރުސަތު އޮތް އިރު، އޭނާގެ އެންމެ ފަހުގެ ފިލްމަކީ ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ނުވަ ވަނަ ފިލްމު "އެފް9" އެވެ. ޑީޒެލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޯ: ލަވް އެންޑް ތަންޑާ" ހިމެނެ އެވެ.