Roadha Mihaaru
ރިސޯޓެއްގައި ރޭޕްކުރި މައްސަލާގައި 15 އަހަރަށް ޖަލަށް

ރިޒޯޓެއްގައި ގްރޫޕަކުން އަންހެނަކު ރޭޕްކުރިކަން ސާބިތުވެ އެކަކު 15 އަހަރަށް ޖަލަށް

17 ޖޫން 2021

ރާއްޖޭގެ ރިޒޯޓެއްގައި ގްރޫޕަކުން ސައުތު ކޮރެއާގެ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައި އޮއްވައި، އޭގެ ތެރެއިން އެކަކަށް ކުށް ސާބިތުވާ ކަމަށް އިއްޔެ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭގެ ރިޒޯޓެއްގައި ގްރޫޕަކުން ސައުތު ކޮރެއާގެ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައި އޮއްވައި، އޭގެ ތެރެއިން އެކަކަށް ކުށް ސާބިތުވާ ކަމަށް އިއްޔެ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ރިސޯޓެއްގެ ބީޗު ކޮޓަރިއެއްގައި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އެއް ރެއެއްގެ ދަންވަރު އެތަނުގެ އަންހެން މުވައްޒަފު ރޭޕްކުރީ ކަނުބަނދެ އަނގަ ވެސް ބަންދުކޮށް، ކަރުގައި ތޫނު އެއްޗެއް ޖައްސައި ބިރުދައްކައިގެން ކަމަށް ދައުވާގައިވެ އެވެ. މި މައްސަލައިގައި އެ ރިޒޯޓުގެ ދިވެހި ތިން މުވައްޒަފެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. ރޭޕް ކުރުމުގެ ދައުވާ ދެ މީހަކަށް ކުރި އިރު އެކަކަށް ކުރީ ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުގައި އެ މައްސަލަ އެ ތިން މީހުން ވެސް ސަލާމަތްވީ އެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ދެއްކި ޑޮކްޓަރު ވަނީ އެ އަންހެން މީހާއަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އަދި އޭނާގެ ސައިކޮލޮޖިކަލް ރިޕޯޓުން ދައްކާފައި ވަނީ އެކަމުގެ ސަބަބުން އޭނާއަށް ޕޯސްޓް ޓްރޯމޭޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ކުރިމަތިވެފައިވާ ކަމަށެވެ.

އަންހެން މީހާގެ ކުރިމަތިފަރާތުން ނެގި ސާމްޕަލަކުން ވަނީ ރޭޕް ކުރުމުގެ ދައުވާ ލިބުނު ދެ މީހުންގެެ ތެރެއިން އެކެއްގެ ދަރިފަނިން ޑީއެންއޭ ލިބިފަ އެވެ. އަދި އަނެއް މީހާގެ ޑީއެންއޭ ވަނީ އަންހެން މީހާ ހުރި ކޮޓަރީގެ ފާހާނާގެ މޫނު ދޮންނަ ތަށި ތެރޭގައި އޮތް ބާލިސް އުރައަކުން ފެނިިފަ އެވެ. ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ކުރި މީހާގެ ފިންގަޕްރިންޓް ވަނީ ހަމަ އެ ކޮޓަރީގެ ފާހާނާގެ މޫނުދޮންނަ ތަށީގެ މަތީގައި ހުރި ބިއްލޫރިއަކުން ފެނިފަ އެވެ.

ދައުވާތައް ސާބިތު ނުވުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ހުކުމް ކުރީ ރޭޕް ކުރުމުގެ ކުށް އެކަކުގެ މައްޗަށް ސާބިތުވާ ކަމަށާއި އަނެއް ދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ޖަލަށް ހުކުމްކުރަން ވަރުގަދަ ހެއްކެއް

ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ އަންހެން މީހާގެ ކުރިމަތިފަރާތުން އެ މީހެއްގެ ދަރިފަނި ފެނުނު މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެ މީހާ ތަހުގީގުގައި ވެސް ހުރީ ހަނެވެ. އަދި ޝަރީއަތުގައި އިންކާރުކުރި ނަމަވެސް ދިފާއުގައި ހެއްކެއް ހުށައެއް ނާޅަ އެވެ.

ދައުވާ ލިބުނު މީހާގެ ދަރިފަނި އަންހެން މީހާގެ ކުރިމަތިފަރާތުން ފެންނަންވީ ސަބަބެއް ދެއްކިފައި ނުވާ ކަމަށް ހައި ކޯޓުގައި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ. އެހެންވެ، އޭނާގެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފަނޑިޔާރު ޝަހީދު ނިންމެވި އެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން މަޒީދު ތާއީދު ކުރެއްވި އެވެ.

އެެހެންވެ ހުކުމްކޮށްފައި ވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާތީ 15 އަހަރު ދުވަހަށް ޖަލަށް ލާށެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ރޭޕް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ އަދަބަކަށް ވާނީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށް ނަމަ 15 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެކެވެ.

ތަށިން ޑީއެންއޭ ފެނުނަސް ގުޅެވޭ ހެއްކެއް ނެތް

ބިއްލޫރިން ފިންގަޕްރިންޓް ފެނުނު މީހާ ބުނެފައި ވަނީ އޭނާ އަކީ ރޫމް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. އޭނާގެ މަސައްކަތުގެ ތެރެއިން ފެންބޯ ތަށި ފަދަ އެއްޗެހި ސާފުކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ހާދިސާ ހިނގި ކޮޓަރި އޭނާ ސާފުކުރާ ކަމަށާއި ހާދިސާ ހިނގި ދުވަހު ވެސް ކޮޓަރި ސާފުކުރި ކަމަށް ބުންޏެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ހަމައެކަނި ފިންގާ ޕްރިންޓުގެ މައްޗަށް ބިނާކޮށް، މީހަކު ރޭޕް ކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ފިންގަޕްރިންޓަށް ބާރުދޭ ހެކި ދައުލަތުން ހުށަހަޅާފައި ނުވާކަން ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ފިންގަޕްރިންޓު ބިއްލޫރިގަނޑުން ފެނުނަސް، އެ ފިންގަޕްރިންޓާއި ކުށާ ގުޅުވާލަން ދައުލަތުން ހެކި ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް، އެކަމާ ކުށާ ގުޅުވާލެވޭ ހެކި ގަރީނާ ހުށަހެޅިފައި ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމެވީ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ތިން ފަނޑިޔާރުން ވެސް އެއްބަސްވެވަޑައިގަތެވެ.

ބާލީހުން ޑީއެންއޭ ފެނުނު މީހާއާ މެދު ފަނޑިޔާރުން އެއްބަހެއް ނޫން

ބާލިހު އުރައިން ޑީއެންއޭ ފެނުނު މީހާ ބުނެފައި ވަނީ ހާދިސާ ހިނގި ދުވަހުގެ ރޭ 8:30 ގައި އޭނާ ނިދީ ކަމަށާއި ހާދިސާ ހިނގި ވަގުތުގައި ވެސް އޮންނާނީ ނިދާފައި ކަމަށެވެ.

ދައުލަތުގެ ހެކިވެރިއަކު ހެކިބަސް ދެމުން ބުނެފައި ވަނީ އޭނާ އަކީ ޕަބްލިކް އޭރިއާ އެޓެންޑެންޓެއް ކަމަސާއި އޭނާ ބާލިސް އުރަ ފަދަ އެއްޗެހީގައި އަތްލާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މަދު ހާލަތެއްގައި މަސައްކަތުގައި އުޅޭ އިރު ލޯންޑްރީއަށް ގޮސް އޭނާ އެފަދަ އެއްޗެއްގައި އަތްލަން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

ދައުލަތުން އެ މީހާއާ ދެކޮޅަށް ހުށަހެޅި ދެވަނަ ހެކިވެރިޔާ ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާ އެ ރޭ ފަތިހު 4:00 ހާއިރު ހޭލައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އެކަން ތުހުމަތު ކުރެވޭ މީހާ ދޮގު ކުރި އެވެ. ނަމަވެސް، އޭނާ ނިދާފައިވާކަން ސާބިތު ކުރަން ހުށަހެޅި ހެކިވެރިން ވެސް ފަހުން ނިދާފައި ވުމުން، އެ މީހުންގެ ހެކިބަހުން އޭނާ ނިދާފައި އޮތްކަން ޔަގީން ނުވާ ކަމަށް ފަނޑިޔާރުން ނިންމެވި އެވެ.

ނަމަވެސް، ބާލީހުން ފެނުނު ޑީއެންއޭއާ މެދު އެކަށީގެންވާ ޝައްކެއް އުފެދޭ ކަމަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ. އެ ބާލިސް އުރައިން ޑީއެންއޭ ނެގީ އޭގައި ހުރި ކޮން އެއްޗަކުން ކަމެއް ދައުލަތުން ބުނެފައި ނުވާކަން ވެސް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.

އަދި ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ބާލީހުން ފެނުނު ޑީއެންއޭ ފިޔަވައި އޭނާއާ ކުށާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ދެ ފަނޑިޔާރުން ވެސް ނިންމެވީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަަމަށެވެ.

ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ޝަހީދުގެ ރައުޔު އެކަމުގައި އެއްގޮތް ވިޔަސް، ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔު އެކަމުގައި ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވަނީ އެ ހެކިތަކަށް ބަލާއިރު ބާލީހުން ޑީއެންއޭ ފެނުނު މީހާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ. ނަމަވެސް، އެ ރައުޔަށް އަގުލަބިއްޔަތު ލިބިފައި ނުވާތީ އެ މީހާ ވެސް ވަނީ ސަލާމަތްވެފަ އެވެ.