Roadha Mihaaru
ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް މަރުހަބާ

ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް ގިނަ ޖަމިއްޔާތަކެއް ތާއީދު!

02 ޑިސެމްބަރ 2021

ކައިވެނިކޮށްގެން ކަމަށް ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ގޮތުގައި ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކުން މިއަދު މަރުހަބާ ކިޔައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކައިވެނިކޮށްގެން ކަމަށް ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ގޮތުގައި ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހަށް ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކުން މިއަދު މަރުހަބާ ކިޔައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ ޖިންސީ ކުށުގެ ގާނޫނުގައި ރޭޕް މާނަކުރާއިރު، ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަން ރޭޕްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ސަބަބުތައް އުވާލައި، ކައިވެނިމަތީގައި ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ގޮތުގައި ކަނޑައަޅައިފަ އެވެ.

އެކަމަށް މަރުހަބާ ކިޔައި، ރާއްޖޭގައި ހަރަކާތްތެރިވާ އަށް ޖަމިއްޔާއަކުން މިއަދު ނެރުނު ބަޔާނުގައި ބުނީ 2014 ވަނަ އަހަރު ވުޖޫދުވީި ޖިންސީ ކުށުގެ ގާނޫނުގައި ހުރި އެތައް އުނި ކަންތައްތަކެއްގެ ސަބަބުން އޭރު އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބުން އޮތީ ދުރުގައި ކަމަށެވެ.

އެހެންވެ މަޖިލީހުން ފާސްކުރި އިސްލާހުތަކުގައި، ހާއްސަ ގޮތެއްގައި ރޭޕްގެ ކުށާއި ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައި ވުމަކީ މުހިންމު ކުރިއެރުމެއް ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކުރި އެވެެ.

"ކައިވެނީގެ ތެރޭގައި ކުރާ ރޭޕް އަކީ ހުރިހާ ހާލަތެއްގައި ވެސް ރޭޕް ކަމަށް ކަނޑައެޅި، މި އިސްލާހުތަކުގެ ތެރޭގައި ފާސްވެގެން ދިއުމަކީ ދެކުނު އޭޝިއާގައި ވެސް މި ދާއިރާގެ ގާނޫނުތައް ކުރިއަރާފައިވާ އެހެން ގައުމުތަކާ ދިވެހިރާއްޖެ އެއްހަމަވެގެން އަދު އައިސްފައިވާ ކަމުގެ ހެއްކެއް،" ބަޔާނުގައި ބުނެފައި ވެ އެވެ.

ރޭޕްގެ ކުށް ތަހުގީގު ކުރުމުގައި ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށް ގާނޫނުގައި ގެނެސްފައިވާ އިސްލާހުތަކަކީ ވެސް އުފަލާ އެކު ބަލައިގަންނަ އުންމީދީ އިސްލާހުތަކެއް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

"މި އިސްލާހުތަކުގެ ސަބަބުން ޖިންސީ އަނިޔާ އާއި ރޭޕްގެ ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމުގެ މަގު ހަގީގަތުގައި ވެސް ފަހިވެގެން ދާނެކަމުގެ އުންމީދު އަދު ލިބިގެންދާކަން ފާހަގަކުރަމެވެ،" ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ޖަމިއްޔާތަކުން ވަނީ ވީއެންމެ އަވަސް ފުރުސަތެއްގައި ޖިންސީ ކުށުގެ ގާނޫނޫ ތަސްދީގުކޮށް ޖިންސީ އަނިޔާގެ ޖަރީމާއިން ދިވެހި މުޖުތަމައު ރައްކާތެރި ކުރުމަށް ގާނޫނީގޮތުން ކުރެވެން ހުރި އެންމެހައި ކަންކަން ލަސްނުކޮށް ތަންފީޒީ އިދާރާތަކުން ފެނިގެން ދިއުމަށް އެދޭކަމަށް ބުނެފަ އެވެ.

ބަޔާން ނެރުނު ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ އުތެމަ، ފެމެލީ ލީގަލް ކްލިނިކް، އީކުއެލިޓީ ނައު، ފެމް ހެލްތު، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ހޯޕް ފޯ ވިމެން، ވިމެން އެންޑް ޑިމޮކްރެސީ އަދި ރައިޒް އަޕް ޖަމިއްޔާ އެވެ.