Roadha Mihaaru
ފްލައިން ސްކޫލު ހިންގަން 13 ފަރާތަކުން ކުރިމަތިލައިފި

ފްލައިން ސްކޫލު ހިންގަން 13 ފަރާތަކުން ކުރިމަތިލައިފި

17 ޖޫން 2021

ފްލައިން ސްކޫލެއް ހިންގުމަށް ރާއްޖޭގެ ކުންފުންޏަކާ އެކު 13 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފްލައިން ސްކޫލެއް ހިންގުމަށް ރާއްޖޭގެ ކުންފުންޏަކާ އެކު 13 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގެ ކުންފުންޏެއްގެ އިތުރުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި މެދުއިރުމަތީގެ ގައުމުތަކުން ހުށަހަޅާފައިވާ ކަމަށެވެ.

މޫސާ ވިދާޅުވީ އެ ފޯމުތައް މިހާރު އިވެލުއޭޓުކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކަށް ފަހު ބަލަނީ ވީހާ ވެސް އަވަހަކަށް ފްލައިން ސްކޫލު ފެށޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނިން މި މަހުގެ ކުރީކޮޅުު ނެރުނު އިއުލާނުގައި ވަނީ މާލީގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ދީފަ އެވެ. ނަމަވެސް ފްލައިން ސްކޫލެއް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރާއިރު، ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންނެވެ. އެތަން ހިންގާނީ މިނިވަންކަމާ އެކު ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ފްލައިން ސްކޫލެއް ހެދުމަށް ގައުމީ އެއާލައިން ހިންގާ ކުންފުނިން އިސްނެގީ، އައްޑޫ ފްލައިން ސްކޫލުގެ ހާލަތު ގޯސްވެ ދަރިވަރުން މާޔޫސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ހާލަތު ބޮއްސުންލައިގެން ގޮސް އެ ތަން ބޭރުކުރުމަށް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން ގޮވާލާފައި ވެ އެވެ. އަދި ފްލައިން ސްކޫލު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ހުއްދައިގެ މުއްދަތު ވެސް އަންނަ މަހު ހަމަވާނެ އެވެ.