Roadha Mihaaru
"ރައީސަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތް"

ރައީސް ޔާމީނަށް 2018 ދޭން ނުޖެހޭ ސަބަބެއް ނެތް: އަޒްލީން

22 ނޮވެމްބަރ 2016

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ގައުމަށް ހޯދައިދިން ކުރިއެރުންތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު ވެރިކަމުގެ ދެ ވަނަ ދައުރެއް ރައީސް އަބްދުﷲ ޔާމީނަށް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ގައުމަށް ހޯދައިދިން ކުރިއެރުންތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު ވެރިކަމުގެ ދެ ވަނަ ދައުރެއް ރައީސް އަބްދުﷲ ޔާމީނަށް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ހޯމް މިނިސްޓްރީގައި ބޭއްވި ކޭކުފެޅުމުގެ ހަފުލާއަކަށް ފަހު އަޒްލީން ނޫސްވެރިންނަށް ވިދާޅުވީ 2018 ގައި ވެރިކަން ކުރައްވާނެ ކަމަށް ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގަތަސް އެއީ އެހާ ފަސޭހަ އިން ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވަންް ޖެހޭނީ އެކަމަށް ގާބިލް ތަޖުރިބާ ހުންނަން ބޭފުޅެއް ކަމަށާއި ރައީސް ޔާމީނަށް ވުރެ ކާމިޔާބު ވެރިއެއް ރާއްޖޭގެ ތާރީހު ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މާހައުލުން އަޅުގަނޑުމެން ހޯދާބަލާއިރު ނުފެނޭ ރައީސް ޔާމީންހާ ގާބިލް ހުރިހާ ދިމާލަކަށް ލޯ ހުޅުވިފައިވާ ވެރިއެއް، ލީޑަރެއް. އެހެންކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ 2023 އަށް ވެސް އަަޅުގަނޑުމެން ޖެހޭނީ މީހަކު ތައްޔާރުކުރަން ހެން،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތިން އަހަރުގެ ތެރޭގައި ސަރުކާރުން ތަރައްގީ ހާސިލްކޮށް ނުދޭ ދާއިރާއެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޯމް މިނިސްޓަރު އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތިން އަހަރުގެ ތެރޭގައި ސަރުކާރުން ތަރައްގީ ހާސިލްކޮށް ނުދޭ ދާއިރާއެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބަޔަކު ތިބި ނަމަ، ވެރިކަން ކުރުމުގެ ވައްޓަފާޅި ރައީސް ޔާމީން އަރިހުން ދަސްކުރައްވަން ވެސް އޭނާ ގޮވާލެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މުޅި ރާއްޖެ އަށް ގެންނަ ތަރައްގީގެ ކުލަވަރު އިދިކޮޅު ފަރާތްތަކަށް ނުފެންނަ ނަމަ، އެކަމުގައި މައްސަލައެއް އެބަ އުޅޭ ކަމަށެވެ. އެހެން ނޫނަސް، ރައްޔިތުންނަށް ފައިދާކުރާ ގޮތަށް މަސައްކަތް ކުރާނެ ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތަފްސީލު އަންނަ ހޯމަ ދުވަހު ބާއްވާ ހަފުލާގައި އިދިކޮޅު ފަރާތްތަކަށް ހާމަވެގެންދާނެ އެވެ. ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކާމިޔާބު ނުހޯދާ އެއްވެސް ދާއިރާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ހޯމް މިނިސްޓްރީން ބޭއްވި ހަފުލާގައި ވަޒީރުންނާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ހޯމް މިނިސްޓްރީން ބޭއްވި ހަފުލާގައި ވަޒީރުންނާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޯމް މިނިސްޓްރީގެ ކާމިޔާބީތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މީގެ ތިން އަހަރު ކުރިން މާލޭގެ މަގުތައް އޮތީ ވަރަށް ނާމާންކޮށް ކަމަށެވެ. އެކަމަކު މި ސަރުކާރުގައި މަގުމަތި އަމާންވެ، ބިތްޖެހިފައި ތިބި ޒުވާނުން ވެސް މަގުތަކުން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"ބޮޑެތި މާރާމާރީތައް ހިންގާ ތަނެއް ނުފެނޭ. އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރަން ކުރާ މަސައްކަތް ވަރަށް ކާމިޔާބު،" އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޯމް މިނިސްޓްރީގެ މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހާސިލްކުރާނެ އެވެ. އެއާ އެކު، އެހެން ދާއިރާތަކުން ވެސް ދެ އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.