Roadha Mihaaru
އަތް ނެތަސް ކާރު ރޭސް ޖަހާ މީހެއް

އަތް ނެތަސް ކާރު ރޭސް ޖަހާ މީހެއް

17 ޖޫން 2021

ނުކުޅެދުންތެރި ކަމެއް ހުރުމަކީ އެ މީހަކު ކޔރަން ބޭނުންވާ ކަމެއް ހާސިލުކުރަން އޮތް ހުރަހެއް ނޫނެވެ. ދެ އަތް ވެސް ނެތް އިންޑިއާގެ މި ފިރިހެން މީހާ ދެއްކި ހިތްވަރުން މިހާރު އަތް ނެތް އެތައް ބަޔަކަށް ކާރު ޑްރައިވިން ލައިންސިން ލިބިފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުކުޅެދުންތެރި ކަމެއް ހުރުމަކީ އެ މީހަކު ކޔރަން ބޭނުންވާ ކަމެއް ހާސިލުކުރަން އޮތް ހުރަހެއް ނޫނެވެ. ދެ އަތް ވެސް ނެތް އިންޑިއާގެ މި ފިރިހެން މީހާ ދެއްކި ހިތްވަރުން މިހާރު އަތް ނެތް އެތައް ބަޔަކަށް ކާރު ޑްރައިވިން ލައިންސިން ލިބިފައިވެ އެވެ.

ހިއުމަންސް އޮފް ބޮމްބޭ އަށް ވިކްރަމް ކިޔައިދިން ގޮތުގައި އޭނާގެ ދެ އަތް ކަނޑާލަން ޖެހުނީ އުމުރުން 7 އަހަރުގައި ކަރަންޓްގައި ޖެހި ލިބުނު ޝޮކަކާ އެކު އަތަށް ލިބުން ގެއްލުންތަކަކާ ހެދި އެވެ. އެކަމަކު އޭރު ވެސް އަދި މިހާރު ވެސް އާއިލާ އިން އޭނާ އަކީ ނުކުޅެދޭ މީގެއްގެ ގޮތުގައި ނުދެކޭ ކަމަށް ވިކްރަމް ބުންޏެވެ.

"އަހަރެންގެ ދެ އަތް ބުރިކޮށްލަން ޖެހުމަކީ މަންމަ އާއި ބައްޕަ އަށް ލިބުނު އެންމެ ބޮޑު ހިތާމަ. އެކަމަކު ދުވަހަކު ވެސް އަހަރެންގެ ހާލާ މެދު ހިތާމަކޮށް އެ މީހުންގެ އަހަރެންގެ ކުރިމަތީގައި ރޮއެއް ނަދަހާ،" އޭނާ ބުންޏެވެ. "އެ މީހުން އަބަދު ވެސް މަސައްކަތްކުރީ އަހަންނަށް ހިތްވަރު ދޭން."

ވިކްރަމް ބުނީ މައިންބަފައިން އޭނާ ބޮޑުކުރީ ހަމަ އާދައިގެ ކުއްޖެއްގެ ގޮތުގައި ކަމަށެވެ. އަދި ސްކޫލަށް ވެސް ވައްދައިގެން ކިޔަވައިގެން ރަނގަޅު ނަތީޖާ ވެސް ހޯދި ކަމަށް ބުންޏެވެ. މާސްޓާޒް ހަދައި، ވިކްރަމް ފެށި މަސައްކަތަކީ ގޭސް ވިއްކުމުގެ ވިޔަފާރި އެވެ.

ވިކްރަމް.

ވިކްރަމް.

"ކިޔެވި ދުވަސްވަރަކީ އަހަރެން ވަރަށް ހިތްވަރުކުރި ދުވަސްތަކެއް. އަހަރެންގެ ފައިގެ އިނގިލިތައް ބޭނުންކޮށްގެން ލިޔާތީ ވަރަށް ގިނަ ކުދިން ތިބޭނެ ބަލަހައްޓައިގެން،" އޭނާ ބުންޏެވެ.

އަތް ނެތިގެން ނުލިޔެވިގެން ދުވަހަކު ވެސް އިންތިހާނަކުން ފެއިލް ނުވާ ކަމަށް ވިކްރަމް ބުންޏެވެ.

"ހާލަތާ އެއްގޮތަށް މީހާ ބަދަލުވީމަ ހުރިހާ ކަމެއް ދާނީ ރަނގަޅަށް. އަހަންނަކީ އަބަދު ވެސް ދިިރިއުޅުމާ ދޭތެެރޭ ޕޮޒިޓިވްކޮށް ދެކޭ މީހެއް،" އޭނާ ބުންޏެވެ.

އަތް ނެތް މީހަކު ކާރު ދުއްވާނެ ގޮތަކާ މެދު ހިޔާލުކޮށްލާށެވެ. އެކަމަކު ކާރު ދުއްވަން ދަސްކޮށް، ޑްރައިވިން ލައިންސަސް ނެގުމަކީ އަބަދު ވެސް ވިކްރަމް ދެކެމުން އައި ހުވަފެނެވެ.

"އަބަދު ވެސް ވަރަށް ފޯމިއުލާ 1 ރޭސް ބަލާ މީހެއް އަހަންނަކީ. ޑްރައިވިން އަކީ ވަރަށް ބޮޑު ޝައުގެއް. އެ ޝައުގު އޮންނަލެއް ބޮޑުކަމުން އަހަންނަށް އަހަރެން ސިފަކުރެވޭ މައިކަލް ޝޫމޭކާގެ ގޮތުގައި ވެސް." ވިކްރަމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކާރު ދުއްވާނެ ފުރުސަތު ލިބި، އެކަން އިތުރަށް ދަސްކުރަން މަގުފަހިވީ ރައްޓެއްސެއްގެ ގާތުގައި އެ ވާހަކަ ދެއްކުމުންވެެ.

"އެ ދުވަހު އޭނަ އަހަރެންގެ އަތަށް ހުންގާނު ދިން. އަދި އަހަރެން ފައި ބޭނުންކޮށްގެން ކާރު ދުއްވީމަ ވަރަށް ހިތްވަރު ދީފައި ބުނި މިކަން ވާނޭ. ހިނގާށޭ ދެން ކުޑަކޮށް ޓްރޭނިން ހަދާލައި ލައިސަންސަށް އެޕްލައި ކުރަން." ވިކްރަަމް ބުންޏެވެ.

ނަމަވެސް ލައިސަންސް ހޯދަން ކުރި މަސައްކަތް ފަސޭހައެއް ނޫނެވެ. ތިއަރީ ޓެސްޓުން ވިކްރަމް ފާސްވި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް ޓްރާންސްޕޯޓް އޮފީސް (އާރްޓީއީ) އިން ވިކްރަމަށް ލައިސަންސް ދޭން ދެކޮޅު ހެދީ އޭނާގެ ދެ އަތް ނެތުމުންނެވެ.

ވިކްރަމް.

ވިކްރަމް.

"އެ މީހުން ފަހުން އެންގީ އަތް ނެތީމަ ނެތޭ ލައިސަންސް ދެވޭކަށް. އަދި އަހަރެން ކަހަލަ މީހުންނަށް ލައިންސަންސް ދޭނެ އުސޫލުތަކެއް ވެސް ނެތޭ ހަމަޖެހިފައެއް،" ވިކްރަމް ބުންޏެވެ.

އެކަމަކު އަދި އެވަރަކުން އޭނާ ހުއްޓައިލާކަށް ބޭނުމެއް ނުވި އެވެ. ކަމާ ބެހޭ އިދާރާކުގެ ވެރިންނާއި ސީދާ މިނިސްޓަރާ ހަމައަށް މައްސަލަ ގެންދިޔަ އެވެ. ނަތީޖާއަކަށްވީ ވިކްރަމަށް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސަންސް ދޫކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކޮމިޓީއެއް އުފައްދައި، ލައިސަންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ. އޭގެ ސަބަބުން އަތް ނެތް އެތައް ބަޔަކަށް ފަހުން ލައިސަންސް ލިބޭނެ ގޮތް ފަހިވި އެވެ.

"އަހަންނަށް ލައިސަންސް ދޭން ނިންމިކަން އަންގައި ގުޅި ދުވަހަކީ މިހާތަނަށް ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް. އަދި އެންމެ އުފާވާ ކަމަކީ އަހަރެން ކުރި މަސައްކަތުގެ ސަަބަބުން އަހަރެން ކަހަލަ އެތައް ބަޔަކަށް ލައިސެންސް ހޯދަން ފަސޭހަވެފައިވާތީ،" އޭނާ ބުންޏެވެ.

ވިކްރަމް.

ވިކްރަމް.

ވިކްރަމް ހަމައެކަނި ކާރު ލައިސަންސް ހޯދީއެއް ނޫނެވެ. އޭނާ އަކީ މިހާރު ޕްރޮފެޝަލްް ކާރު ރޭސް ޖެހުންތެރިއެއް ވެސް މެ އެވެ. އަދި އޭނާ އަކީ މީހުންނަށް ހިތްވަރުދީ ކަންކަމަށް ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރާ މޯޓިވޭޝަނަލް ސްޕީކާއެކެވެ.

ވިކްރަމް ކިޔައިދިން ގޮތުގައި އޭނާގެ ހިތްވަރާއި ޖޯޝަކީ އާއިލާގެ ފަރާތުން ލިބޭ ސަޕޯޓެވެ. އެހެންވެ ހާސިލުރަން ބޭނުންވި އެއްވެސް ކަމެއް މިހާތަނަށް ދެ އަތް ނެތިގެން ނުވެފައި ނެތް ކަމަށް ބުންޏެވެ.

"މަންމަ އަބަދު ވެސް ބުނާނެ ނުކުޅެދުންތެރި ކަމަކީ މީހާގެ ސިކުނޑީގައި ހުންނަ އުނި ކަމެކޭ. އެހެންވީމަ ތަރައްގީވާން ޖެހެނީ ހަގީގަތުގައި މީހާގެ ވިސްނުމާއި ހިޔާލާއި ފިކުރު،" ވިކަރަމް ބުންޏެވެ. "އަހަރެން އެހެން މިހުންނަށް ނަގައިދޭ ފިލާވަޅަކީ ވެސް އެއީ."