Roadha Mihaaru
ލޯފަން ދެ މީހެއްގެ ލޯބި އެންމެ ފަހުން ކައިވެންޏަށް

ލޯފަން ދެ މީހެއްގެ ލޯބި އެންމެ ފަހުން ކައިވެންޏަށް

19 ނޮވެމްބަރ 2017

ބޭންކެއްގައި ކްލާކެއްގެ ވަޒީފާ އަދާކުރާ ޕޫރަން ސިންގް މީނާ، 23، އާއި ޕޯސްޓްގްރެޖުއޭޓް ސްޓޫޑަންޓެއް ކަމަށްވާ ޕުޝްޕަންޖަލީ، 21، މިދިޔަ ހުކުރު ދުވަހު ވަނީ ކައިވެނި ކޮށްފަ އެވެ. މި މީހުން ކައިވެނިކުރީ ދޮޅު އަހަރު ވަންދެން ލޯބިވެގެން އުޅުމަށް ފަހުގަ އެވެ. އެހެން މީހުންނާ މި ދެމަފިރިންގެ ތަފާތީ އެންމެ ކަމެކެވެ. ދެ މީހުންގެ ވެސް ލޮލަކަށް ނުފެނެ އެވެ. އެކަމަކު އެމީހުންގެ ހިތާއި ހިތް ވަނީ ގުޅިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ބޭންކެއްގައި ކްލާކެއްގެ ވަޒީފާ އަދާކުރާ ޕޫރަން ސިންގް މީނާ، 23، އާއި ޕޯސްޓްގްރެޖުއޭޓް ސްޓޫޑަންޓެއް ކަމަށްވާ ޕުޝްޕަންޖަލީ، 21، މިދިޔަ ހުކުރު ދުވަހު ވަނީ ކައިވެނި ކޮށްފަ އެވެ. މި މީހުން ކައިވެނިކުރީ ދޮޅު އަހަރު ވަންދެން ލޯބިވެގެން އުޅުމަށް ފަހުގަ އެވެ. އެހެން މީހުންނާ މި ދެމަފިރިންގެ ތަފާތީ އެންމެ ކަމެކެވެ. ދެ މީހުންގެ ވެސް ލޮލަކަށް ނުފެނެ އެވެ. އެކަމަކު އެމީހުންގެ ހިތާއި ހިތް ވަނީ ގުޅިފަ އެވެ.

އިންޑިޔާގެ ބިހާރްގައި ދިރިއުޅޭ ޕުޝްޕަންޖަލީ އަށް ޕޫރަން ތައާރަފްވީ ނިއު ދިއްލީގައި އޮތް އެކުވެރިއެއްގެ ކައިވެނި ޕާޓީއަކުންނެވެ. ރާޖަސްތާނުގެ ކުރޯލީއަށް ނިސްބަތްވާ ޕޫރަން އާއި ޕުޝްޕަންޖަލީ ފުރަތަމަ ބައްދަލުވީ ފަހަރު ވެސް ސަލާން ގޮވާލާ ހާލު އަހުވާލު އޮޅުންފިލުވި ހިސާބުން ކޮންމެވެސް ކަހަލަ ޚާއްސަ ގުޅުމެއް އެ ދެމެދުގައި އޮތް ކަމުގެ އިހްސާސް ކުރެވުނެވެ.

އެ ދުވަހު އެ މީހުން އެކަކު އަނެކަކުގެ ފޯނު ނަންބަރު ބަދަލުކުރި އެވެ. ލޯފަން މީހުންނަށް ހުރި ތައުލީމީ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

ނަމަވެސް ދެ މީހުން ފޯނުން ވާހަކަ ދެއްކި ދެއްކިހެން އެކަކު އަނެކަކާ ގާތްވަމުން ދިޔަ އެވެ. އަދި އިސާހިތަކު ދެ މީހުންނަށް ލޯބި ވެވުނެވެ.

ޕުޝްޕަންޖަލީ އަކީ މާސްޓާޒް އަށް ކިޔަވާ ދަރިވަރެކެވެ. ޕޫރަން އަކީ ބޭންކް އޮފް ބަރޯޑާގެ މުވައްޒަފެކެވެ. އެމީހުން ކައިވެނިކުރަން ނިންމި ހިސާބުން ދެން ކުރިމަތިވީ އެހެން މައްސަލައެކެވެ. ދެ ފަރާތުގެ އާއިލާގެ މީހުން ކައިވެންޏާ ދެކޮޅު ހެދުމެވެ. އެހެންވެ ދެ މީހުން އަމިއްލައަށް ކޯޓަށް ގޮސް ކައިވެނި ކުރީ އެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންގެ އާއިލާގެ މީހުން މި ކައިވެންޏާ ދެކޮޅުކަން. ނަމަވެސް ވަރަށް އަވަހަށް އެމީހުން އަހަރެމެންގެ މި ނިންމުމަށް މަރުހަބާ ކިޔާނެކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް،" ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ފުރިހަމަ ކުރުމަށް ފަހު ޕޫރަން ބުންޏެވެ.

އޭނާ ބުނީ އޭނާގެ އަލަތު އަނބިމީހާ އަކީ އޭނާ ކަހަލަ މީހަކަށް ވާތީ އެންމެ ރަނގަޅަށް އޭނާ އެނގޭނީ ވެސް އަންހެނުންނަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. އިންޑިޔާގައި މިހާރު ވެސް އާންމުކޮށް ކައިވެނިކުރަނީ ދެ ފަރާތުގެ އާއިލާއިން ދައްކާ މީހަކާ އެވެ. އެކަމަކު ޕޫރަން އަކީ ލޯބީގެ ކައިވެންޏަށް ތާއީދުކުރާ މީހެކެވެ.

އޭނާ ބުނި ގޮތުގައި ދެ ފަރާތުގެ އާއިލާއިން ހަމަޖައްސާ ކައިވެނީގައި ކޮންމެ ފިރިހެނަކު ވެސް ބޭނުންވަނީ އެންމެ ރީތި އަންހެންކުއްޖާ އެވެ. އޭގެ ބަދަލުގައި ލޯބީގެ ކައިވެނިތަކުގައި ރީއްޗަށް ވުރެ އެކަކަށް އަނެކަކު ކަމުދިއުމުން އެ ނިމުނީ އެވެ.

ޕުޝްޕަންޖަލީ ބުނީ ޕޫރަން އަށް އޭނާގެ ހިތް ދެވުނީ ޕޫރަން ވާހަކަ ދައްކާލެއް ފަށުވި ކަމުން ކަމަށެވެ.

"އޭނާއަށް ވަރަށް ރީއްޗަށް އިނގިރޭސިން ވާހަކަ ދައްކަން އެނގޭ. އަހަންނަށް އޭނާއާ އެންމެ ގަޔާ ވެވުނީ އޭނާގެ ވާހަކަ ދެއްކުމުގެ ހުނަރުގެ ސަބަބުން،" ޕުޝްޕަންޖަލީ ބުންޏެވެ.

"އަހަރެންގެ އާއިލާގެ މީހުން ބޭނުމެއް ނޫން އަހަރެން ލޯފަން މީހަކާ ކައިވެނި ކުރާކަށް. ނަމަވެސް އަހަރެން އަޑުއެހީ އަހަރެންގެ ހިތް ބުނި ވާހަކަ."