Roadha Mihaaru
ދެ އަތް ނެތަސް މިއީ މޮޅު ފެހުންތެރިއެއް

ދެ އަތް ނެތަސް މިއީ މޮޅު ފެހުންތެރިއެއް

23 ޖުލައި 2017

އިންޑިއާގެ ހަރްޔާނާއަށް އުފަން މަދަން ލާލް، 45، އަކީހިތްވަރުގަދަކަމުގެ މިސާލެކެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޑިއާގައި އޮންނަ ތަފާތުކުރުން ވެސް މަދަން ލާލްގެ ދިރިއުޅުމުން ފެނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ހަރްޔާނާއަށް އުފަން މަދަން ލާލް، 45، އަކީހިތްވަރުގަދަކަމުގެ މިސާލެކެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންޑިއާގައި އޮންނަ ތަފާތުކުރުން ވެސް މަދަން ލާލްގެ ދިރިއުޅުމުން ފެނެ އެވެ.

އޭނާއަށް ސްކޫލްތަކުން އެޑްމިޝަން ނުދީ ކިޔެވުމުން މަހްރޫމްކުރި އެއީ ދެ އަތް ނެތް މީހަކަށް ވުމުންނެވެ.

ނަމަވެސް މަދަން ލާލް ހިތްވަރު އެލުވައެއް ނުލަ އެވެ. އަމިއްލަ ހިތްވަރާއި މަސައްކަތުން އޭނާ ވަނީ މޮޅު ފެހުންތެރިއަކަށް ވެފަ އެވެ. ނަމަވެސް ދެ އަތް ނެތް މީހަކު ފަހާނީ ކިހިނެއްބާއޭ ގިނަ ބައެއްގެ ހިތަށް އަރާނެ އެވެ. މަދަން ލާލް ފަހަނީ އަދި ފެހުމާ ބެހޭ ހުރިހާ ކަމެއް ވެސް ކުރަނީ އޭނާގެ ދެ ފައިންނެވެ.

މިން ނެގުމުން ފެށިގެން ހެދުން ކެނޑުމާއި އެހެން ހުރިހާ ކަމެއް ވެސް ދެ ފައިން ކުރިޔަސް އޭނާ އަކީ ފެހުމަށް ވަރަށް މޮޅު މީހެކެވެ. ކުޑައިރު މަދަން ލާލް އަށް އޭނާގެ އާއިލާގެ އެހީތެރިކަން ލިބުނު ނަމަވެސް ހަޔާތުގައި އޭނާއަށް ވަރަށް ހިތްދަތި އަދި އުނދަގޫ ތަޖުރިބާތަކެއް ކުރަން ޖެހުނެވެ.

އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ އޭނާއަށް ތައުލީމު ދޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވި އެވެ. އަދި ފަހަން ދަސްކުރަން އުޅުމުން އެއްވެސް މީހަކު އޭނާއަށް ފެހުމުގެ ތަމްރީނު ވެސް ދޭކަށް އެއްބަހެއް ނުވި އެވެ. އޭނާ ފަހަން ދަސްކުރީ އެހެން އަވަށެއްގައި ހުރި ފަހާ މީހެއް ކައިރިއަށް ގޮސްގެންނެވެ.

ފެހުމުގެ ތަމްރީން ދިން މީހާއަށް އޭނާއަށް ފަހަން ދަސްކޮށްދޭން ނެގީ އެންމެ 15 ދުވަހެވެ. ފަނަރަ ދުވަސް ތެރޭގައި އޭނާއަށް ބަރާބަރަށް ފަހަން ދަސްވެއްޖެކަމަށް މަދަން ލާލް އަށް ދަސްކޮށްދިން މީހާ ނިންމި އެވެ.

އެނބުރި އަވަށަށް ގޮސް ފަހާ ތަނެއް ހުޅުވައި މަސައްކަތް ފެށި އެވެ. މި މަސައްކަތަކީ އޭނާގެ އަވަށުގެ މީހުން ވެސް ވަރަށް އުފާކުރި އަދި އޭނާއަށް މުޅިން އާ ދިރިއުޅުމެއް ލިބުނު މަސައްކަތަކަށް ވި އެވެ. ކުރީކޮޅު ބައެއް މީހުން މަދަން ލާލްގެ ފެހުމުގެ ހުނަރާ މެދު ޝައްކުކޮށް އޭނާ ލައްވާ ފައްސަން ޖެހިލުންވި އެވެ. ނަމަވެސް މިއަދު މިހާރު ކޮންމެ އެއްޗެއްވެސް ވަރަށް ފުރިހަމަވާނެ ކަމުގެ ޔަގީންކަމާ އެކު މީހުން އޭނާގެ ހިދުމަތް ހޯދަ އެވެ.