Roadha Mihaaru
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ

ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް؛ ސަރުކާރުން ބުނީ ބިރެއް ނެތް ކަމަށް

28 ޑިސެމްބަރ 2023

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ އާ ވެރިއަންޓް ދެކުނު އިންޑިއާއިން ފެނިފައިވާ ކަމަށާއި އެކަމަކު މިއީ ހާސްވާންޖެހޭ ވަރުގެ ބަލިމަޑުކަމެއްގެ ބިރު އޮތް ވޭރިއަންޓެއް ނޫން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ އާ ވެރިއަންޓް ދެކުނު އިންޑިއާއިން ފެނިފައިވާ ކަމަށާއި އެކަމަކު މިއީ ހާސްވާންޖެހޭ ވަރުގެ ބަލިމަޑުކަމެއްގެ ބިރު އޮތް ވޭރިއަންޓެއް ނޫން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން އޮފިޝަލުންނާ ހަވާލާދީ ބުނީ މި ފަހުން ޖިނޯމް ސިކުއެންސިން ހެދި ތިން ސާމްޕަލެއްގެ ތެރެއިން އެއް ސާމްޕަލް ކޮވިޑްގެ އޮމިކްރޯން ވެރިއަންޓްގެ ސަބް ވެރިއެންޓެއް ކަމަށްވާ ޖޭއެން.1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ނިއު ދިއްލީގެ ހެލްތު މިނިސްޓަރު ސައުރާބް ބަރްވާޖް ވިދާޅުވީ މި ވެރިއެންޓްގެ ސަބަބުން މާ ބޮޑުވަރު ނުވާ ކަމަށާއި މިއީ އާދައިގެ ބައްޔެއް ކަމަށެވެ.

"ޖޭއެން.1 އަކީ އޮމިކްރޯންގެ ސަބް ވޭރިއަންޓެއް. މިއީ އާދައިގެ ބައްޔެއް. ދެކުނު އިންޑިއާގައި ފެތުރެނީ މި ވެރިއަންޓް. މިކަމާ ގުޅިގެން ކަންބޮޑުވާންޖެހޭ ކަމެއް ނެތް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

އަންގާރާ ދުވަހުގެ ނިޔަލަށް އިންޑިއާއިން ވަނީ އާ ވޭރިއަންޓްގެ 109 ކޭސް ފެނިފަ އެވެ. އޭގެ ތެރެއިން 40 ކޭހަކީ 24 ގަޑިއިރުތެރޭ ފެނުނު ކޭސްތަކެވެ. މި ކޭސްތައް ގުޖަރާތު، ކަރްނާޓަކާ، ގޯއާ، މަހާރަޝްތުރާ، ކެރެލާ، ރާޖަސްތާން، ޓެމިލް ނާޑޫ އަދި ޓެލަންގާނާއިން ވަނީ ފެނިފަ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ބުނި ގޮތުގައި ކޮވިޑްގެ އެކްޓިވްސް ކޭސްތައް މިހާރު ދަނީ މައްޗަށެވެ. އެ ދުވަހުގެ ނިޔަަލަށް އެކްޓިވް ކޭސްތައް 5،000 އާ ގާތްކުރާ އަދަދެއްގައި ހުރި އިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މަރު ވެފަ އެވެ.

ކޮވިޑްގެ އާ ވެރިއަންޓް ޖޭއެން.1 އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޯގަސްޓް މަހު ލަގްޒެމްބާގުންނެވެ. މިހާރު މި ވޭރިއަންޓް 40 އަށް ވުރެ ގިނަ ގައުމުން ފެނިފައި ވާއިރު އެމެރިކާގައި ވެސް މިހާރު އެންމެ ގިނަ މީހުންނަށް ޖެހެނީ މި ވޭރިއަންޓް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.