Roadha Mihaaru
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ފާހެއް ނުކުރި

ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް ހުށަހެޅި އިސްލާހު ފާހެއް ނުކުރި

22 ނޮވެމްބަރ 2016

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެ ނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ސަރުކާރުގެ މެމްބަރުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެ ނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ސަރުކާރުގެ މެމްބަރުން މިއަދު ބޭރުކޮށްލައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އިތުރުން ޖޭޕީގެ 24 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.

މިއީ ސަރުކާރުގެ މެމްބަރަކު ހުށަހެޅުއްވި ބިލެއް މަޖިލީހުން މި ފަހުން ފާސްނުވެ ބޭރުކޮށްލި ފުރަތަމަ ފަހަރެވެ. ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކަވާފައި ފަހު ވަގުތު ބިލާ ދެކޮޅަށް ވޯޓު ލެއްވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެ އިސްލާހަށް ތާއީދުކުރީ ކީއްވެގެންކަމެއް ވެސް، އެ މެމްބަރުން ވިދާޅެއްނުވެ އެވެ.

ދީދީ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ.

މި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، ފާސްކުރަން އިސްލާހު ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ދީދީ ވިދާޅުވީ އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރު ކަން ގެއްލޭތީ ކަމަށެވެ. އިސްލާހު ހުށަހެޅުއްވީ އިންތިހާބުތަކުގައި ލާ ވޯޓަކީ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިއްރު ވޯޓެއްކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ، ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ދީދީ ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރީ ކޮމެޓީން އެއްވެސް ބަދަލެއް ނުގެނެސް ފޮނުވި ގޮތަށް 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިސްލާހާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ އިސްލާހުގައިވާ ގޮތުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަން ވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގަ އެވެ. އަދި އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށް ވެސް ދީދީ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލް ނައްސެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.