14 ޖޫން 2021
ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިއްޔެ އިސްލާހު ގެނައުމާއެކު، ސިފައިންގޭގައި 33 އަހަރު ވަންދެން ހިދުމަތް ކުރެއްވި، އަސްކަރީ ތަޖުރިބާކާރު އިބްރާހިމް މުހައްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިއްޔެ އިސްލާހު ގެނައުމާއެކު، ސިފައިންގޭގައި 33 އަހަރު ވަންދެން ހިދުމަތް ކުރެއްވި، އަސްކަރީ ތަޖުރިބާކާރު އިބްރާހިމް މުހައްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ބްރިގޭޑިއާ ޖެނެރަލް ދީދީގެ ކަންބޮޑުވުން ޓުވިޓާގައި އޮއްސާލެއްވިއިރު، ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އެފްޑީއައި އަށް އިސްލާހު ގެނެސްފަ އެވެ ނަމަވެސް ކުރިން އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އެވެ. މި އިސްލާހުގައިވާ ގޮތުން ނަމަ، އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ އެވެ.
ދީދީގެ މައިގަނޑު ކަންބޮޑުވުމަކީ، ސަރުކާރުގެ މި ނިންމުމާއެކު، ދިވެހި ސިފައިންގެ ބާރު ނުފޯރުވޭ ގޮތަށް ކަންކަން ހިނގައިދާނެތީ އެވެ. އެހެންވެ، އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް އިސްލާހު ގެނައިރު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މިކަން އެނގިވަޑައިގަންނަވާތޯ ވެސް ދީދީ އެއްސެވި އެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟ ކޮބައިތޯ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް؟،" ދީދީ ކަންބޮޑުވުމާއެކު، ގައުމީ ސަލާމަތީ ބާރުތަކުގެ އިސްވެރިންނާ ސުވާލު ކުރެއްވި އެވެ.
ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭނާ އެ ވިދާޅުވާ، ގާނޫނުއަސާސީގެ 237 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނަނީ ސަލާމަތީ ހިދުމަތްތަކުން ރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓަން ވާނެ ވާހަކަ އެވެ.
ދީދީ ވިދާޅުވީ، ދިވެހި ސަރުކާރުގެ މި ނިންމުމަކީ ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ދީދީގެ ޓުވިޓާ ގުޅިގެން އެހެން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ރިސޯޓުތައް ލީސްކޮށްގެން ބޭރު މީހުން ހިންގާ ގޮތާއި ރާއްޖޭގައި ބޭރުގެ މީހުންނަށް އެއާޕޯޓުތައް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިނުމާ ވަރަށް ތަފާތު ކަމަށެވެ.
ތަންކޮޅެއް ފުންކޮށް ވިސްނާލައްވާ. ނޭޝަނަލް ސެކިއުރިޓީ އިޝޫސް ލުއިކޮށް ނަގަން ހެޔޮ ނުވާނެ،"--- ދީދީ
ދީދީ ވިދާޅުވި ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލާއެކު، ރާއްޖޭގައި އެއާޕޯޓެއް ބޭރުގެ ބަޔަކަށް ދިނުމާއި ރިސޯޓެއް އެ ގޮތަށް ދޫކުރުމާ އެއްވަރެއް ނުކުރެވޭނެ އެވެ.
"ތަންކޮޅެއް ފުންކޮށް ވިސްނާލައްވާ. ނޭޝަނަލް ސެކިއުރިޓީ އިޝޫސް ލުއިކޮށް ނަގަން ހެޔޮ ނުވާނެ،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރު އަދި އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ، އެއާޕޯޓެއް [ބޭރު ބަޔަކު] ހިންގިޔަސް އެއީ ރާއްޖޭގެ އިހުތިސާސްގެ ތެރޭގައި އޮންނާނެ ތަނެއް ކަމަށާއި ރާއްޖޭގެ ގާނޫނުތައް އެ ތަނުގައި ވެސް ހިނގާނެ ކަމަށް ބުނެ މީހަކު ސުވާލު ކުރުމުންނެވެ.
"ރިސޯޓުތައް ވެސް މިއޮތް ހިނގަނީ ނޫންތޯ؟ އެއާޕޯޓު ވެސް ލީސް ނޫންތޯ ކުރާނީ،" އެ މީހާ ދީދީއާ ކުރި ސުވާލުގައި ވެ އެވެ.
ކުރީގެ ބްރިގޭޑިއާ ޖެނެރަލް ދީދީ އާއި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ: ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ހުއްދަ ބޭރުގެ މީހުންނަށް ދިނުމަކީ މި ސަރަހައްދަށް ވެސް އޮތް ނުރައްކަލެއް ކަމަށް ދީދީ ވިދާޅުވި.
ނަމަވެސް ދީދީގެ ޖަވާބުން އެނގޭ ގޮތުގައި އެ މީހާ މި މައްސަލައިގައި ވިސްނާފައި ވަނީ ވަރަށް ތިލަކޮށެވެ. އެހެންވެ، ގައުމީ ސަލާމަތާ ގުޅޭ ކަންކަން އެހާ ލުއިކޮށް ނުނެގުމަށް ނުސީދާކޮށް އެދިވަޑައިގަތެވެ.
ދީދީ ވިދާޅުވީ، މި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ހުރިހާ ވާހަކަތަކެއް ޓުވިޓާގައި ނުދެއްކޭނެ ކަމަށެވެ.
"މާލޭގައި ހުންނަ މުވާސަލާތު ކުންފުންޏާއި ރާއްޖޭގެ ކޮންމެވެސް ރަށެއް އެއާޕޯޓެއް ހިންގަން އެއާ ޓްރެފިކް ކޮންޓްރޯލާއެކު ބޭރުގެ ކުންފުންޏަކަށް ދިނުމުން ތަފާތުވާތީ ނުރައްކާ ވާ ވާހަކަ މި ދަންނަވަނީ. ކޮންސިއުއެންސެންސް ނުރައްކާ ވެފައި ހިތިވެދާނެ،" ފެށުނީއްސުރެ ރާއްޖޭގައި މުވާސަލާތީ ކަންކަން ހިންގަނީ ސަރުކާރުން ރެގިއުލޭޓް ކުރާ ގޮތަށް، ބޭރުގެ ކުންފުނިތަކުން ކަމަށް ވާއިރު، އެއާޕޯޓެއް ބޭރުގެ ބަޔަކު ހިންގުމުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ބުނެ މީހަކު ކުރި ސުވާލަކާ ގުޅިގެން ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސެކިއުރިޓީންނާއި ކަސްޓަމްސް އާއި ފުލުހުންގެ ފުރިހަމަ ބާރު އޮންނަ ގޮތަށް އަދި އެމްއެންޑީއެފްގެ ހުއްދަ ނެތި، ބޭރު މީހުން ރާއްޖޭގައި ހިންގާ އެއާޕޯޓުތަކަށް ފްލައިޓްތައް ނުޖެއްސޭ ގޮތަށް ހެދުން ކިހިނެއް ވާނެ ތޯ އެވެ. އަދި އެފަދަ އެއާޕޯޓުތަކުން ދޭ ވަޒީފާތަކުގެ 60 ޕަސެންޓު ދިވެހިންނަށް ހާއްސަ ކުރުމަށް ތާއީދު ކުރައްވައި އެ ވިސްނުން ވެސް ޓުވިޓާގައި ދީދީ ހާމަކުރެއްވި އެވެ.
ދީދީގެ ވާހަކަތައް މި މައްސަލައިގައި މި ސަރުކާރުން އަޑުއެހުމުގެ މުހިންމުކަން ބައެއް މީހުން ފާހަގަކުރި އެވެ. ދީދީމެން ފަދަ ބޭފުޅުން ގައުމަށް ދެރައެއް ލިބޭކަށް އެދިވަޑައިނުގަންނަވާނެ ކަމަށާއި އެހެންވެ، އެ ބޭފުޅުންގެ ކަންބޮޑުވުންތަކާ މެދު ސަރުކާރުތަކުން ވިސްނަންޖެހޭނެ ކަމަށް އެކަކު ޓުވިޓާގައި ބުންޏެވެ.
"އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ،" އޭނާ ބުންޏެވެ.
ދީދީގެ ވާހަކަތަކާ ގުޅިގެން ކޮމެންޓު ކުރި އެހެން މީހަކު ބުނީ، ރާއްޖޭގައި އެއާޕޯޓެއް ހިންގަން ބޭނުންވާ ބޭރުގެ ބަޔަކު ފަސް އަހަރުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޝަރުތު ކޮށްފައި އޮތަސް އެއީ އިންޑިއާ ނުވަތަ އެހެން ގައުމަކުން ވެސް ރާއްޖޭގެ ހުރިހާ އެއާޕޯޓެއް "ގަނެލައި" އެ ބައެއްގެ އަތްދަށަށް ވަރަށް ފަސޭހަ އިން ރާއްޖެ ގެންދެވިދާނެ ނުރައްކާތެރި ރޭވުމެއް ކަމަށެވެ.
ދީދީ އާއި މިކަމާ ކަންބޮޑުވާ އެހެން ބައެއް މީހުންގެ ވާހަކަތަކުން ބޮޑަށް ފާހަގަވަނީ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ބޭރުގެ ކުންފުންޏަކުން ހިންގޭ ގޮތަށް އިސްލާހު ގެނެސްފައި އޮތުމެވެ. އެއީ އެއްވެސް ގައުމެއްގައި މިހާތަަނަށް ކޮށްފައި ނުވާ ކަމަށް ވާއިރު، އެ ބައި މި އިސްލާހުން އުވައިލުމަށް ބައެއް މީހުން އަންނަނީ ސަރުކާރަށް ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި މިހާރު ވެސް އެއާ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.
"މާ ބޮޑަށް ލަސްނުވަނީސް މިކަން ހުއްޓުވާ. އެއާ ޓްރެފިކް ކޮންޓްރޯލްގެ ބައި އެ އިސްލާހުން އުނިކުރޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރު ޓެގްކޮށް، އެއާ ޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރާ ހުސައިން ދީދީ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ވެ އެވެ.
No where in the world Air Traffic Control is given to a foreign company to manage! @ibusolih @governmentmv stop this before it's too late! Remove Air Traffic Control from that amendment.
— Didi (@hussaindidi) June 13, 2021
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ދިވެހި ސަރުކާރުގެ ނިންމުމާއެކު ރާއްޖެ އަނދަވަޅަކަށް ވެއްޓޭނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް: ރާއްޖޭގެ އެއާޕޯޓުތައް ބޭރުގެ ފަރާތްތައް ދޫކުރެވޭ ގޮތަށް ގެނައި އިސްލާހު ރައްޔިތުން ހުއްޓުވަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
"އެއާޕޯޓްސް، ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ބަޔަކަށް ހުރިހާ ކޮންޓްރޯލަކާއެކު ދިނުމަކީ އިގްތިސާދީ ގޮތުން ނިކަމެތިވެ، ސިޔާދަތީ ބާރު ގެއްލި، އަނދަވަޅަކަށް ގައުމު ވެއްޓޭނެ ކަމެއް. މިކަން ރައްޔިތުން ހުއްޓުވަން ޖެހޭ،" މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއާޕޯޓުތައް ބޭރުގެ މީހުންނަށް ދޫކޮށްލުމަކީ "ކަބޯޓޭޖް ރައިޓް" އެއް ދޫކޮށްލުމެވެ.
"ކަބޯޓޭޖް ރައިޓްސް" އަކީ އެ ގައުމެއްގެ ސަރަހައްދުގައި ދަތުރުފަތުރުކުރުމުގެ ބާރެވެ.
ބޭރުގެ މީހުންނަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ފުރުސަތު ސަރުކާރުން ކުއްލި ގޮތަށް މި ދިނީ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމަށެވެ. ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާ އެވެ. އެ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާ އިން ރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެއްގެ ތެރެއިންނެވެ.
އެމްޑީޕީން މީގެ ކުރިން ވެރިކަން ކުރިއިރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ އޭރުގެ ނަމުން ނަމަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު، އޭގެ ފަހުން ވެރިކަން ކުރި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ އެއްބަސްވުން އުވާލައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ކުންފުންޏަށް ބަދަލު ވެސް ދީފަ އެވެ.
ޖީއެމްއާރުގެ އެއްބަސްވުން އުވައިލީ އާންމުންގެ ބޮޑެތި ފިއްތުންތަކަކާ ގުޅިގެންނެވެ.
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ވަކިވަކި ސިފައިން މަޖިިލީހަށް ޖަވާބުދާރީ ނުކުރެވޭނެ:ދީދީ
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
އަސްކަރިއްޔާގެ ހަގީގީ ބޭނުމަކީ ސުލްހަގާއިމްކުރުން:ރައީސް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ޑިފެންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން އެދެފި
އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބަށް ހުރަސްއެޅުން؟
އަމާންކަން ނަގާލަން ބަޔަކު އެބަ ރާވާ: އާދަމް ޝަރީފް
ޑިފެންސްމިނިސްޓަރު، އެސްޕީޖީއާ ދެއްކި ވާހަކަ ލީކުވެއްޖެ
ސިފައިންގެ ހައްގު ނިގުޅައިގެންފި ނަމަ އިހްތިޖާޖުކުރާނަން