Roadha Mihaaru
ޑިފެންސްމިނިސްޓަރު، އެސްޕީޖީއާ ދެއްކި ވާހަކަ ލީކުވެއްޖެ

ޑިފެންސް މިނިސްޓަރު، އެސްޕީޖީއާ ދެއްކި ވާހަކަ ލީކުވެއްޖެ

02 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ޣައިރު ގާނޫނީ އަމަލެއް ހިންގާފައި ނުވާ ކަމަށާއި ޖިނާއީ އަމަލުތަކެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ވިދާޅުވެ، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ލީކުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ޣައިރު ގާނޫނީ އަމަލެއް ހިންގާފައި ނުވާ ކަމަށާއި ޖިނާއީ އަމަލުތަކެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ވިދާޅުވެ، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ޑިފެންސް މިިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ލީކުވެއްޖެ އެވެ.

އެސްޕީޖީއާ މިނިސްޓަރު ބައްދަލުކުރައްވާފައި މިވަނީ، އޯޑިއޯ އިން އެނގޭ ގޮތުގައި، މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު އެ ދުވަހު އެވެ. މި ބައްދަލުވުމަކީ، މަޖިލިސް މެމްބަރުންނަށް ހުރަސްއަޅައި ސިފައިން ޣައިރު ގާނޫނީ އަމަލުތަކެއް ހިންގި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ، އެއީ ހަގީގަތެއް ނޫން ކަން ސާފުކޮށްދެއްވަން ދެއްކެވި ވާހަކަތަކެއް ކަން ވެސް އޯޑިއޯ އިން އެނގެ އެވެ.

އެ އޯޑިއޯގައި މިނިސްޓަރު ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހާއި އޭގެ ފަހުން ވެސް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ޣައިރު ގާނޫނީ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. ގާނޫނާ ޚިލާފަށް އަމަލުކުރީ ނުވަތަ ސިފައިންގެ މަސައްކަތަށް ހުރަސްއެޅި ބަޔަކީ މަޖިލީހުގެ އިދާރާގެ ގޯތި ތެރެއަށް ގަދަކަމުން ވަދެވަޑައިގަތް މެމްބަރުން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން.

މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ވަށައިގެން ސިފައިން އެތުރިގެން.

"ހެކިންގެ ގޮތުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން [ތަހުގީގަށް] ގެންދިއުމަކީ އެކަށީގެންވާ ކަމެއް. އެމްއެންޑީއެފްގެ ލީޑަޝިޕުން ނިންމަވާފައި އެ އޮތީ އެ ގޮތަށް ފުލުހުން [ގެންދާއިރު ވެސް] މިލިޓަރީ ޕޮލިސްގެ ލޯޔަރަކާ އެކު ވަޑައިގަތުމަށް. އެއީ ތިޔަބޭފުޅުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި މެމްބަރުން ކުށްވެރި ނުވަނީ ވޯޓު ދޭ ގޮތަކުންނާއި ދައްކާ ވާހަކައަކުން ކަަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އެ ނޫން ކޮންމެ އަމަލަކީ އެހެން މީހުންނެކޭ އެއްފަދައިން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލިސް ހުއްޓުވައި މެމްބަރުން ހިންގި އަމަލުތަކަކީ ކުރިއަށް އޮތް ތަނުގައި ވެސް ތަކުރާރުވެދާނެ ފަދަ ކަމަކަށް ވާތީ އެމްއެންޑީއެފްގެ ލީޑަޝިޕުން އެކަމާ މަޝްވަރާކޮށް ނިންމާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޖެހެނީ އެފަދަ އަމަލުތައް ތަކުރާރުވަމުންދާއިރު ސިފައިންގެ ހައްގުގައި އެކަން ކުރަން ޖެހޭނެ ކަމަށް ފެންނާތީ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެކަމުގައި، އަޅުގަނޑުމެން ކޮޅެއްގައި ޖައްސާނަން. އަޅުގަނޑުމެން ބެލިން އެންމެ އަވަހަށް މި މައްސަލަ، މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ. ބަލާފައި އަޅުގަނޑުމެންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވެސް އަޅުގަނޑުމެންނަށް ދެއްވި ލަފައަކީ އެކަން އެންމެ އަވަސްކޮށް ކުރެވޭނެ ގޮތަަކަށް އޮންނާނީ މޯލްޑިވްސް ޕޮލިސް މެދުވެރިވެގެން ތަހުގީގުކުރެވިގެން މައްސަލަ ހުށަހެޅުއްވުމުން ކަަމަށް. އެހެންވީމާ އަޅުގަނޑުމެން އެ މަގު އިހްތިޔާރު މި ކުރީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލިހުގެ ޗެމްބަރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ނެރެން ސިފައިން މަސައްކަތް ކުރަނީ.

މަޖިލިހުގެ ޗެމްބަރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ނެރެން ސިފައިން މަސައްކަތް ކުރަނީ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ މައްސަލަތައް އަވަސްކޮށްދޭން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ވަނީ، ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެ މައްސަލަތައް ބަލަނީ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ކަމަށް ވެސް ވިދާޅުވި އެވެ.

ސިފައިންގެ މަސައްކަތުގެ ތެރޭގައި އެއްވެސް ޣައިރު ގާނޫނީ އަމަލެއް ހިންގަން ސިފައިންގެ އިސްވެރިން ނާންގަވާނެ ކަމުގެ ޔަގީންކަން ވެސް ޑިފެންސް މިނިސްޓަރު ދެއްވި އެވެ.

"ސިފައިންގެ އެއްވެސް ބޭފުޅަކަށް އަޅުގަނޑު އޯޑަރެއް ނެރޭ ކަމަށް ވަންޏާ، އެ އޯޑަރެއް ނެރުމުގެ ކުރިން އަޅުގަނޑު މައިގަނޑު ގޮތެއްގައި އޭޖީއާ މަޝްވަރާ ކުރަން، ބައެއް ހާލަތްތަކުުގައި އާޒިމާ ޝަކޫރާ ވެސް މަޝްވަރާ ކުރަން އަދި ވަރަށް ގިނަ ފަހަރަށް ޕީޖީއާ ވެސް މަޝްވަރާކުރަން. އެއީ އަޅުގަނޑުމެންނަށް މި ނެގޭ ޑިސިޝަނެއްގައި، އެންމެ އާދައިގެ ބަހުން ބުނާކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޭގެ ނޭދެވޭ އަސަރެއް ކޮށްފާނެ ގޮތަކަށް ކަމެއް ވިޔަ ނުދިނުމަށްޓަކައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުރިހާ ނިންމުންތަކާއި އިރުޝާދުތައް ވެސް ނިންމާފައި ވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ. އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފް އަދި އެއްވެސް އިސްވެރިއަކު ގާނޫނާ ހިލާފު ކަމެއް ކުރަން ނާންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނާ ޚިލާފު ކަމެއް ކުރަން އަންގާ ހިސާބުން ދެން ކުރިމަތިވާނެ ކަންކަން މާބޮޑުވާނެ ކަން ސިފައިންގެ އިސްވެރިންނަށް އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިއަދާ ހަމައަށް އޮތް އެންމެ އަބުރުވެރި، ރައްޔިތުން އިތުބާރު ލިބިފައިވާ މުއައްސަސާއަކީ ސިފައިން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސިފައިންގެ އަގު ވައްޓާލަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެކަމާ މެދު ދުރާލައި ވިސްނައި ހުޝިޔާރުވެ ތިބުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ސިފައިންގެ ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

ސިފައިންގެ ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ކަންކަން ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ޓެރަރިޒަމަށް ވެދާނެ ފަދަ ނޭއްގާނީ އަމަލުތައް ހިންގަފާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ ވަރަށް ޒިންމާދާރު ފަރާތަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"އެކަން ޑޮކިއުމެންޓް ކޮށްދެއްވަން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި އިދާރާގައި އެދުމުން، މަޖިލީހުން އެކަން ޑޮކިއުމެންޓްކޮށްދެއްވައި މަޖިލީހުގެ އިދާރާ އިން އަންގާފައި އޮންނަނީ. އެތަނުގައި އެ ބާވަތުގެ އަމަލެއް ހިނގާފާނެ ކަމަށް. އެހެންވީމަ ސެކިއުރިޓީގެ ގޮތުން އަޅުގަނޑުމެންނަށް މަޖުބޫރުވީ އެ ދުވަސްތަކުގެ ތެރޭގައި އެކްސެސް ކުޑަކުރަން. ލީޑަޝިޕުން އެ ނިންމެވި ނިންމުމެއް ނިންމަވާފައި އެ އޮތީ ގާނޫނުން އެކަން ސިފައިންނަށް ލާޒިމްކުރާތީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ދުވަހު މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ސިފައިން ބެލެހެއްޓީ ގާނޫނާޚިލާފަށް ނޫން ކަަމަށާއި އެ ދުވަހު މަޖިލީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ރޭވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރަސްމީ މަސައްކަތެއް 24 އިން ފެށިގެން 31 އަށް ނޯންނާނެ ކަން ވެސް މަޖިލީހުގެ އިދާރާ އިން ސިފައިންނަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ މަޖިލީސްގެ މަސައްކަތަކަށް އަޅުގަނޑުމެން ހުރަހެއް ނާޅަން. އެ ހުރިހާ ކަމަކަށް ބަލާއިރު ވެސް ސިފައިން ޣައިރު ގާނޫނީ އަމަލަކަށް ނުވަތަ ގާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ވާހަކަތަކާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރާ ގުޅަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި ކުރި އެއްވެސް މެސެޖަކަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.