Roadha Mihaaru
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ

"ކުޗް ކުޗް ހޯތާ ހޭ" ނުކުޅުނީ ފާޑުކިޔައިފާނެތީ: އައިޝްވާރިއާ

14 ޖޫން 2021

ކަރަން ޖޯހަރްގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ" ގައި ބަތަލާ ރާނީ މުކަރްޖީ ކުޅުނު ޓީނާގެ ރޯލު ވަރަށް ގިނަ ބަތަލާއިންނަށް ހުށަހެޅުމުން ވެސް ދޫކޮށްލި ވާހަކަ ވަރަށް ގިނައިން ދެކެވެ އެވެ. ބަތަލާ އައިޝްވާރިއާ ރާއީ ވެސް ހިމެނީ މި ލިސްޓުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ" ގައި ބަތަލާ ރާނީ މުކަރްޖީ ކުޅުނު ޓީނާގެ ރޯލު ވަރަށް ގިނަ ބަތަލާއިންނަށް ހުށަހެޅުމުން ވެސް ދޫކޮށްލި ވާހަކަ ވަރަށް ގިނައިން ދެކެވެ އެވެ. ބަތަލާ އައިޝްވާރިއާ ރާއީ ވެސް ހިމެނީ މި ލިސްޓުގަ އެވެ.

ކަރަން 1998 ގައި ގެނެސްދިން އެ ފިލްމުގެ ޓީނާގެ ކެރެކްޓާ އަކީ އަސްލު ބަތަލާ ޓްވިންކަލް ކަންނާ އަށް ހާއްސަކޮށްގެން ފައްކާކުރި ކެރެކްޓާއެކެވެ. އަދި އެ ރޯލު ހުށަހެޅުމުން ޓްވިންކަލް އެ ރޯލު ގަބޫލުނުކުރާނެ ކަމަށް ބުންޏެވެ. ސަބަބަކަށް ދެއްކީ ޝާހްރުކް ޚާނާއި ކާޖޮލް ފަދަ އޭރުގެ އެންމެ މަޝްހޫރު ތަރިން ކުޅޭ ފިލްމެއްގައި ސަޕޯޓިން ރޯލެއް ކުޅެގެން ލިބޭނެ ހާއްސަކަމެއް އަދި ކުރިއެރުމެއް ވެސް ނެތް ކަމަށް ގަބޫލުކުރުމެވެ.

އެކަމަކު ފާހަގަކޮށްލެވުނު ކަމަކީ ޓީނާގެ ކެރެކްޓާ އިން ރާނީގެ މުޅި ފިލްމީ ކެރިއަރު ބަދަލުކޮށްލިކަމެވެ. އޭނާ ސްޓާރަކަށް ބަދަލުކުރީ އެ ފިލްމެވެ. "ކުޗް ކުޗް ހޯތާ ހޭ" އިން ޝާހްރުކް ޚާން އެންމެ މޮޅު އެކްޓަރުގެ ފިލްމުފެެއާ އެވޯޑް އަދި ބަތަލާ ކާޖޮލް އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލައިލި އިރު، ރާނީ އަކީ އެންމެ މޮޅު ސަޕޯޓިން ބަތަލާ އެވެ.

ޓްވިންކަލް ފިލްމު ގަބޫލުނުކުރުމުން ކަރަން ދެން ޓީނާގެ ރޯލު ހުށަހެޅި ބަތަލާއިންގެ ތެރޭގައި ކަރިޝްމާ ކަޕޫރް، އައިޝްވާރިއާ ރާއީ، ރަވީނާ ޓަންޑަން، ޝިލްޕާ ޝެޓީ، އުރްމިލާ މަޓޯންޑްކަރް އަދި ތައްބޫ ވެސް ހިމެނެ އެވެ. މި ހުރިހާ ބަތަލާއިން ވެސް ބުނީ ނޫނެކޭ އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދިން "ކުޗް ކުޗް ހޯތާ ހޭ" އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި ލޯބީގެ ފިލްމުތަކުގެ ތެރެއިން އެންމެ އައިކޮނިކް އެއް ފިލްމަކަށްވުމެވެ. އެއީ މިހާތަނަށް އައި އިރު ވެސް ބެލުންތެރިންގެ ހަނދާނުގައި ބިންވަޅު ނެފިފައިވާ ވަރަށް ހާއްސަ ފިލްމެކެވެ.

އައިޝްވާރިއާ ފިލްމުފެއާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ އެ ފިލްމު ދޫކޮށްލީ އަމާޒުވެދާނެ ފާޑުކިޔުންތަކާ ހެދި އެވެ. މިސް ވޯލްޑްގެ ތާޖު 1994 ގައި ހާސިލުކުރި ބަތަލާ އަށް "ކުޗް ކުޗް ހޯތާ ހޭ" ކުޅެން ލިބުނީ ފިލްމު ކުޅެން ފެށިތާ ދެވަނަ އަހަރު އެވެ. އައިޝްވާރިއާގެ ފުރަތަމަ ފިލްމަކީ 1997 ގެ ތަމަޅަ ފިލްމު "އިރުވަރު" އެވެ. އޭނާގެ އަލަތު ހިންދީ ފިލްމަކީ އެ އަހަރުގެ "...އޯރް ޕިޔާރު ހޯ ގަޔާ" އެވެ.

ޓީނާގެ ކެރެކްޓާ އަކީ ވަރަށް އަންހެންވަންތަ ކެރެކްޓާއެއް. އޭނަގެ ފަން އިސްތަށިގަނޑާއި މޭކަޕާއި މިނީ ސްކާޓް ފަދަ ކޮސްޓިއުމްތަކާ އެކު ސްޓައިލިން ހުރީ ހަގީގަތުގައި މިސް ވޯލްޑަށް އަހަރެން ކުރި ދަތުރުގައި މުޅިންހެން ފެނުނު ގޮތަށް: އައިޝްވާރިއާ

އައިޝްވާރިއާ ބުނި ގޮތުގައި އޭނާ "ކުޗް ކުޗް ހޯތާ ހޭ" ކުޅުނު ނަމަ ބެލުންތެރިން އޭނާ ލޭބަލްކުރާނީ މިސް ވޯލްޑް ތާޖު ހާސިލުކުރި ގޮތަށް ގްލެމެރަސް އިން ނުނެއްޓިގެން އުޅޭ ބަތަލާއެއްގެ ގޮތުގަ އެވެ.

"ޓީނާގެ ކެރެކްޓާ އަކީ ވަރަށް އަންހެންވަންތަ ކެރެކްޓާއެއް. އޭނަގެ ފަން އިސްތަށިގަނޑާއި މޭކަޕާއި މިނީ ސްކާޓް ފަދަ ކޮސްޓިއުމްތަކާ އެކު ސްޓައިލިން ހުރީ ހަގީގަތުގައި މިސް ވޯލްޑަށް އަހަރެން ކުރި ދަތުރުގައި މުޅިންހެން ފެނުނު ގޮތަށް،" އައިޝްވާރިއާ ބުންޏެވެ. "އެހެންވީމަ ކެރިއަރުގެ އެހާ ކުރީކޮޅު އަނެއްކާ އެކަހަލަ ގޮތަކަށް ފެނުނީމަ ބެލުންތެރިން އަހަންނަށް ވަރަށް ފާޑުކިޔާނެ. އެހެންވެ އެ ރޯލަށް ނޫނެކޭ ބުނަން ޖެހުނީ."

އޭނާ ބުނި ގޮތުގައި ޓީނާގެ ރޯލަށް އެއްބަސްނުވި އަނެއް ސަބަބަކީ ސީނިއާ ބަތަލާއަކާ އަޅާކިޔާނެތީ އެކަމާ ވެސް ޖެހިލުންވެގެންނެވެ. "ކުޗް ކުޗް ހޯތާ ހޭ" ގެ ލީޑް ބަތަލާއަކީ ކާޖޮލް އަށްވެފައި އޭނާ އަކީ އޭރުގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ.

"އަހަންނަށް ހަމަ ވަރަށް ޔަގީން އަހަރެން އެ ފިލްމު ކުޅުނު ނަމަ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވީސް." އައިޝްވާރިއާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ސަބަބުތައް ވަރަށް ރަނގަޅަށް ކަރަން ކިޔައި ވެސް ދިނެވެ. އެހެންވެ "ކުޗް ކުޗް ހޯތާ ހޭ" ދޫކޮށްލަން ޖެހުނަސް ކަރަން އޭނާއާ ދޭތެރޭ އެއްވެސް ހިތްބަރުކަމެއް ނުބާއްވާ ކަމަށް އައިޝްވާރިއާ ބުންޏެވެ. ނަތީޖާ އަކީ އޭގެ އެތައް އަހަރެއް ފަހުން ކަރަންގެ އެހެން ފިލްމަކުން އޭނާ އަށް ފުރުސަތު ލިބުމެވެ.

އެއީ ކަރަން އެންމެ ފަހުން ގެނެސްދިން 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އޭގައި އައިޝްވާރިއާ ކުޅުނީ ވަރަށް ކުރު ސަޕޯޓިން ރޯލެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގެ ލީޑް ތަރިންނަކީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާގެ އިތުރުން ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނެވެ. "އޭ ދިލް ހެ މުޝްކިލް" އަކީ ބެލުންތެރިންނަށް އައިޝްވާރިއާ، 47، އެންމެ ފަހުން ފެނުނު ފިލްމު ވެސް މެ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" ހުށަހެޅި ބަތަލާއިންގެ ތެރެއިން އައިޝްވާރިއާ ފިޔަވައި އެހެން އެއްވެސް ބަތަލާއަކަށް ފަހުން ކަރަންގެ ފިލްމަކުން ފުރުސަތެއް ނުލިބޭކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

އެ ފިލްމުގައި ސަޕޯޓިން ރޯލެއް ކުޅުނު އައިޝްވާރިއާގެ ކުރީގެ ލޯބިވެރިޔަ ސަލްމާން ޚާން ބުނެފައިވާ ގޮތުގައިު އޭނާ ފިލްމުގެ އަމަންގެ ރޯލަށް އެއްބަސްވީ ކޮއްކޮ އަރްޕިތާ ޚާންގެ ވަރަށް ބޮޑު އެދުމެއްގެ މަތިންނެވެ. އެހެން ނޫން ނަމަ އޭނާ ވެސް އެ ފިލްމަށް އެއްބަސްނުވާނެ ކަމަށް ބުނެފައިވެ އެވެ.