Roadha Mihaaru
ސަލްމާން ކުޅުނު އަމަންގެ ރޯލް ލިބުނު: ޗަންދުރަޗޫރް

"ކުޗް ކުޗް ހޯތާ ހޭ" ގައި ސަލްމާން ޚާން ކުޅުނު އަމަންގެ ރޯލް ލިބުނު: ޗަންދުރަޗޫރް ސިންގް

22 ޖޫން 2020

ކަރަން ޖޯހަރުގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ސަލްމާން ޚާން ކުޅުނު ސަޕޯޓިން ރޯލް އަމަންގެ ކެރެކްޓާ ކުޅެން ލިބުނު ކަމަށް އެކްޓަރު ޗަންދުރަޗޫރް ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރުގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ސަލްމާން ޚާން ކުޅުނު ސަޕޯޓިން ރޯލް އަމަންގެ ކެރެކްޓާ ކުޅެން ލިބުނު ކަމަށް އެކްޓަރު ޗަންދުރަޗޫރް ސިންގް ބުނެފި އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ނުކުތް ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިލްމީ ދާއިރާ އިން ގެއްލުނު އެކްޓަރު ބުނީ އަމަންގެ ރޯލް ދޫކޮށްލުމަކީ ކެރިއަރުގައި ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަހަލަ ކަންކަމުން މިހާރު އިބުރަތް ހާސިލުކުރާ ކަމަށް ބުންޏެވެ.

ކަރަން 1998 ގައި ގެނެސްދިން "ކުޗް ކުޗް ހޯތާ ހޭ" އަކީ ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މަގުބޫލުވި ފިލްމެކެވެ. އޭގެ ލީޑް ރޯލް ކުޅުނީ ޝާހްރުކް ޚާނއި ކާޖޮލްގެ އިތުރުން ރާނީ މުކަރްޖީ އެވެ. ސަލްމާން ކުޅުނު ސަޕޯޓިން ރޯލަކީ ވަރަށް ކުރު، އެކަމަކު އެ ފިލްމުގެ ވަރަށް މުހިއްމު ކެރެކްޓާއެކެވެ.

ކަރަންގެ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އަމަންގެ ރޯލް ކުޅެދިނުމަށް އެދި ސަލްމާނަށް ހުށަހެޅީ އޭނާ އެއްބަސްވާނެކަމުގެ އެއްވެސް އުންމީދެއް އޮވެގެނެއް ނޫނެވެ. އެކަމަކު އޭނާގެ އަލަތު ފިލްމުގައި ސަޕޯޓިން ރޯލެއް ކުޅެދިނުމަކީ އަބަދު ވެސް ސަލްމާނަށް ޝުކުރު އަދާކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" ގައި ޝާހްރުކާ އެކީ ސްކްރީން ހިއްސާކުރަން ލިބުނު ފުރުސަތު ޗަންދުޗޫރް ދޫކޮށްލި ނަމަވެސް އޭނާ ވަނީ 2000 ވަނަ އަހަރު ޝާހްރުކްގެ "ޖޯޝް" ގެ ރޯލެއް ކުޅެފަ އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ޝާހްރުކްގެ ކޮއްކޮ ޝާލީ ދިއާސް (އައިޝްވާރިއާ ރާއީ) ގެ ލޯބިވެރިޔާގެ ރޯލެވެ.

ޗަންދުރަޗޫރް، 54، ބޮލީވުޑަށް ނުކުތީ 1996 ގެ ފިލްމު "މާޗިސް" އިންނެވެ. އެ ފިލްމުން އޭނާ އަށް ފިލްމުފެއާގެ އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ. ޗަންދުރަޗޫރް ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދިލް ކިޔާ ކަރޭ"، "ދާގް: ދަ ފަޔާ"، "އާމްދަނީ އަތައްނީ ޚަރްޗާ ރުޕައްޔާ" އަދި "މުހައްބަތު ހޯ ގައީ ހެ ތުމްސޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

މިހާރު ވަރަށް މަދުމަދުން ފެންނަ ޗަންދުރަޗޫރްގެ އެންމެ ފަހުގެ މަސައްކަތަކީ މި މަހުގެ 19 ގައި ޑިޒްނީ+ހޮޓްސްޓާ އިން ސްޓްރީމްކުރަން ފެށި ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" އެވެ. ނުވަ އެޕިސޯޑް ހިމެބޭ ސީރީޒްގައި އޭނާ ކުޅެފައި ވަނީ ސުޝްމިތާގެ ފިރިމީހާގެ ރޯލެވެ.

ޗަންދުރަޗޫރް ބުނިގޮތުގައި އޭނާ އަބަދު ވެސް ކުޅެން އެއްބަސްވަނީ އަމިއްލަ ހުނަރު ދައްކައިލެވޭ ކަހަލަ ރޯލްތަކަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނިގޮތުގައި އެކްޓިން ކެރިއަރަށް ބުރޫއަރައި، ފެނުން މަދުވާން ޖެހުނު މައިގަނޑު ސަބަބަކީ 2000 ވަނަ އަހަރު ގޯއާގައި ޖެޓްސްކީ ދުއްވަނިކޮށް ލިބުނު އަނިޔާއެއްގައި ކޮނޑުކަށިގަނޑަށް ލިބުނު ގެއްލުންތަކަކާ ހެދި އެވެ. އަދި އެކަމާ ހެދި އޭރު އެތައް ފިލްމެއް ދޫކޮށްލަން ޖެހުނު ކަމަށާއި އެ އަނިޔާގައި އަށް އަހަރު އުޅެން ޖެހުނު ކަމަށް ބުންޏެވެ.