Roadha Mihaaru
ސިޔާމްގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ހިސާން "ދަންޖައްސަން" ސިޔާމް ވިދާޅުވި މައްސަލަ ފުލުހަށް

08 ޖޫން 2021

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނަށް ނިސްބަތްކޮށް، "ދަންޖައްސައި، މަރައިލިޔަސް ފާފަ ނުވާނެ" ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ޕޮލިހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނަށް ނިސްބަތްކޮށް، "ދަންޖައްސައި، މަރައިލިޔަސް ފާފަ ނުވާނެ" ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ޕޮލިހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ހިސާން ދަންޖައްސަން ޖެހޭ ކަމާއި އޭނާ މަރައިލިޔަސް ފާފަ ނުވާނެ ކަމަށް ސިޔާމް ވިދާޅުވި މައްސަލައެއް ހިސާންގެ ފަރާތުން މަޖިލިސް ރައީސްގެ ސަމާޅު ކަމަށް ގެނެސްފައިވާ ކަމަށެވެ.

އެކަން ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ 241 ކޮމިޓީ ބައްދަލުވުން ނިމުނު ވަގުތު ކަމަށާއި ހިސާންއާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވިގޮތް ކުށްވެރި ކުރައްވާ ކަމަށް އަފީފް ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލަން ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"މީގެ އިތުރުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މި މައްސަލަ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް ވެސް ފޮނުވައިފިން،" އަފީފް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ފަހުން މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތް ސިޔާމް 241 ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި ސިޔާމް ހިސާނަށް މިހެން ވިދާޅުވީ ވެސް 241 ކޮމިޓީ ބައްދަލުވުމަށް ފަހު އެމްޑީޕީ މެންބަރުންނަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގަ އެވެ.