Roadha Mihaaru
ފޯނަށް ބަލަމުން ގޮސް ޖެހޭ ނަމަ އަންގައިދޭ ޑިވައިސްއެއް

ފޯނަށް ބަލަމުން ގޮސް ތަނެއްގައި ޖެހޭ ނަމަ އަންގައިދޭ ޑިވައިސްއެއް

06 ޖޫން 2021

ސްމާޓްފޯނާ ކުޅެމުން ގޮސް ތަނެއްގައި ލައި ނުގަންނަ މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. އެހެންވެ މިފަދަ ކަންކަމުން ސަލާމަތްކޮށްދޭނެ ޑިވައިސްއެއް ދެކުނު ކޮރެއާގެ ޒުވާނަކު މި ވަނީ އުފައްދައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނާ ކުޅެމުން ގޮސް ތަނެއްގައި ލައި ނުގަންނަ މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. އެހެންވެ މިފަދަ ކަންކަމުން ސަލާމަތްކޮށްދޭނެ ޑިވައިސްއެއް ދެކުނު ކޮރެއާގެ ޒުވާނަކު މި ވަނީ އުފައްދައިފަ އެވެ.

އުމުރުން 28 އަހަރުގެ ޕައެން މިން-ވޫކް އުފެއްދީ ރޮބޮޓް ލޮލެކެވެ. މިއަށް ދީފައިވާ ނަމަކީ "ތާޑް އައި" އެވެ.

ވޫކް ބުނެފައިވާ ގޮތުގައި މި ޑިވައިސް އަކީ "ސްމާޓްފޯނު ޒޮމްބީތަކަށް" އޭނާ ގެނެސްދޭން ބޭނުންވާ ރައްކާތެރިކަމުގެ ހައްލެކެވެ. "ތާޑް އައި އިންނާނީ އެ މީހެއްގެ ނިތްކުރިމައްޗާ ދިމާލުން ބޮލުގައި ހަރުކޮށްފަ އެވެ. އެ ލޯ އިންނާނީ ކުރިމަތިން ސީދާ ނިތްކުރިން މެދަށްވާ ގޮތަށެވެ.

މި މަސައްކަތްކުރާ ގޮތަކީ ފޯނުގެ ޑިސްޕްލޭ އަށް ބަލައިގެން ހިނގަމުން ދަނިކޮށް އެއްވެސް އެއްޗެއްގައި ޖެހެން އުޅޭ ނަމަ އެލާޓަށް ގެނައުމެވެ. އެ އެއްޗަކާ، އެކެއް ނުވަތަ ދެ މީޓަރު ދުރުން އެލާޓްކޮށްދޭނެ އެވެ. ނަތީޖާ އަކީ އަނިޔާއަކުން ސަލާމަތްވާން މަގުފަހިކޮށް ދިނުމެވެ.

"ތާޑް އައި" ގެ ނަން ދީފައިވާ ޑިވައިސްއާ އެކު ވޫކް.

"ތާޑް އައި" ގެ ނަން ދީފައިވާ ޑިވައިސްއާ އެކު ވޫކް.

އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް އާޓާއި އިންޕީރިއަލް ކޮލެޖް ލަންޑަނުން އިނޮވޭޝަން ޑިޒައިން އިންޖިނިއަރިއަރިން ދާއިރާ އިން ޕޯސްޓްގްރެޖުއޭޓްވެފައިވާ ވޫކް ބުނި ގޮތުގައި "ތާޑް އައި" އަކީ މި ޒަމާނުގައި މިހާރު ކޮންމެހެން ވެސް ބޭނުން އެއްޗެއް ކަމަށެވެ.

"ހުރިހާ އެންމެން ވެސް އަބަދު ފޯނާއެކީ އުޅޭ ތަން މި ފެންނަނީ. ގިނަ ވަގުތު ލޯ އަމާޒުވެފައި މި ހުންނަނީ ފޯނުގެ ޑިސްޕްލޭ އަށް. އެހެންވީމަ މި ޒަމާނުގައި އިންސާނުންނަށް ދެ ލޮލަކުން ނުފެދޭ. އެހެންވެ އެގޮތަށް އައި ހިޔާލެއްގެ ތެރެއިން އުފަންވި އެއްޗެއް ތާޑް އައި އަކީ،" އޭނާ ބުންޏެވެ.

ވޫކް ބުނީ އެ ޑިވައިސް އުފައްދާފައި ވަނީ ގައިރޯ ސެންސަ އާއި އަލްޓްރާސޮމިކް ސެންސަ ބޭނުންކޮށްގެން ކަމަށްވާތީ އެއީ ދުރުގައި ހުންނަ އެއްޗެހި ޓްރެކްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށެވެ. ޑިވައިސްގައި އިންނަ ދެ ސެންސަރު އިންނަނީ އޯޕަން-ސޯސް ސިންގަލް-ބޯޓް މައިކްރޮކޮންޓްރޯލަަކާ ގުޅާލައިފަ އެވެ.

ވޫކް ބުނި ގޮތުގައި "ތާޑް އައި" އަށް މިހާރު ގިނަ ބައެއްގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތައް ލިބިފައިވެ އެވެ. އަމާޒަކީ ވިޔަފާރި އުސޫލުން އެ އުފައްފައި ނެރުމެވެ. އޭނާ ދެކޭ ގޮތުގައި މިއީ ފޯނަށް ދެވިހިފައިވާ މީހުންނަށް ރައްކާތެރިކަން ހޯދައިދޭ ޑިވައިސްއަކަށްވާތީ އޭގެ ބޭނުން ވަރަށް މުހިއްމު ވާނެ އެވެ.

"މިއީ އަދި އެންމެ ފުރިހަމަ ހައްލަކަށް ނުވެދާނެ. އެކަމަކު ޔަގީނުން ވެސް މިކަހަލަ ޑިވައިސްއެއްގެ ބޭނުންތެރިކަން އަހަރެމެންނަށް މިހާރު ބޮޑު،" ވޫކް ބުންޏެވެ.

"ތާޑް އައި" އަދި ރަސްމީކޮށް ވިޔަފާރި އުސޫލުން އުފައްދައި ވިއްކަން ފަށާނެ އިރެއް އޭނާ ނުބުނެ އެވެ.