Roadha Mihaaru
ސެކިއުރިޓީއަކީ ވަކި ގެޔަކުން ދެވޭ އެއްޗެއްނޫން: ނާޝިދު

ސެކިއުރިޓީ އަކީ ވަކި ގެޔަކުން ދެވޭ އެއްޗެއްނޫން: ނާޝިދު

28 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ގޭގައި ސެކިއުރިޓީ ދިނުމުގައި ހުރި ގޮންޖެހުންތައް އެންގެވިކަން ހާމަވުމާ އެކު، ސެކިއުރިޓީ އަކީ ވަކި ގެޔަކުން ދެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އާއިލާ އިން ނުރުހުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ގޭގައި ސެކިއުރިޓީ ދިނުމުގައި ހުރި ގޮންޖެހުންތައް އެންގެވިކަން ހާމަވުމާ އެކު، ސެކިއުރިޓީ އަކީ ވަކި ގެޔަކުން ދެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އާއިލާ އިން ނުރުހުން ފާޅުކޮށްފި އެވެ.

ނަޝީދަށް އޮތް ނުރައްކަލާއި އެ މަނިކުފާނަށް ސެކިއުރިޓީ ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން އެމްއެންޑީއެފުން ނަޝީދަށް ދިން ލަފާތަކާ ބެހޭ ގޮތުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓާ ގުޅިގެން ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު "މިހާރު" އަށް ވިދާޅުވީ މާލޭގައި ނަޝީދު ދިރިއުޅުއްވާ ސަރަހައްދަކީ ރައްކާތެރި ސަަރަހައްދަކަށް ހެދީމާ ސެކިއުރިޓީ ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނުދެވޭނެ ވަކި ގެއަކުންނެއް،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ޝާއިއުކުރި ރިޕޯޓް ޓްވީޓްކުރައްވައި ނާޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް އެމްއެންޑީއެފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. ނާޝިދުގެ ޓްވީޓްގައި ވިދާޅުވީ ދައުލަތަށް ނަޝީދުގެސެކިއުރިޓީ އެންމެ ރަނގަޅަށް ބެލެހެއްޓިފައި އޮތީ އެ މަނިކުފާނު ޖަލުގައި ހުންނެވި އިރު ކަމަށެވެ. ދެން ވެސް އެކަން ވާން އޮތީ އެގޮތަށް ތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދީފައިވަނީ ނަޝީދު އުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން، އެ ގެ ހުންނަ ހަނި މަގުން މަޖީދީމަގަށް ނުކުންނެވި ވަގުތު، ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވާލައިގެންނެވެ. ކެނެރީގެ ހުންނަ މަގުގެ ހަނިކަމުން، އެ މަގުގައި ވެހިކަލް ޕާކްކުރުން މަނާކޮށްދިނުމަށް ހަމަލާގެ މާކުރިން އެމްއެންޑީއެފުން މާލޭ ސިޓީ ކައުންސިލްގައި އެދިފައިވެ އެވެ. ނަމަވެސް ހަމަލާ ދިން ރޭ ނަޝީދަށް ސެކިއުރިޓީ ދިން ގޮތް ގޮތާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މ. ޔާގޫތުގެއިން އެ މަނިކުފާނު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ބަދަލުވެ ވަޑައިގަންނަވާތީ ސިފައިން ވަނީ ކެނެރީގޭގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައިފަ އެވެ. އެ އެސެސްމަންޓްގައި ހުރި ކަންބޮޑުވުންތަކާ އެކު، މިދިޔަ އަހަރުގެ އޮކްޓޫބަރު 11 ގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެސްޕީޖީގެ ހެޑް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަޑައިގެން ނަޝީދާ ބައްދަލު ކުރެއްވި އެވެ. ނަމަވެސް އެ ކަންކަމަށް ނުބައްލަވައި ނަޝީދު އެ ގެޔަށް ބަދަލުވެވަޑައިގަތީ އެވެ.

ކެނެރީގޭގައި ނަޝީދު ހުންނެވުމަށް ރައްކާތެރި ނުވާ ގިނަ ސަބަބުތަކެއް ސެކިއުރިޓީ އެސެސްމަންޓުން ފާހަގަވިކަން ނަޝީދަށް އެންނެގެވި ކަމަށް ބުނާތީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ދަނީ އެ ވާހަކަތަކާ މެދު ނުރުހުން ފާޅުކުރަމުންނެވެ.