Roadha Mihaaru
ޕާކިސްތާނުގެ މީހުން މާލެތެރޭ ސަލާންޖަހަނީ!

ޕާކިސްތާނުގެ މީހުން މާލެތެރޭ ސަލާންޖަހަނީ!

25 މެއި 2021

މަގުމަތިން ދިމާވާހާ މީހެއް ގާތު އެ މީހުން އެދެމުން ދިޔައީ ރާއްޖޭން ފުރަން ޕީސީއާރް ޓެސްޓް ހަދަންޖެހޭތީ އެކަން ކުރުމަށް ބޭނުންވާ ފައިސާ ދިނުމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. އެ މީހުން މާލޭ މަގުމަތީ އެގޮތަށް ސަލާންޖަހަން އުޅެނީ ކީއްވެތޯ ބައެއް މީހުން އެހުމުން ބުނީ އެ މީހުންނަކީ ކަޝްމީރު ބައެއް ކަމަށާއި އަގު ދީގެން ހަދާ ޕީސީއާރް ޓެސްޓަކުން ނޫނީ ދަތުރުކުރުމުގެ ހުއްދަ ނުލިބޭ ކަމަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަގުމަތިން ދިމާވާހާ މީހެއް ގާތު އެ މީހުން އެދެމުން ދިޔައީ ރާއްޖޭން ފުރަން ޕީސީއާރް ޓެސްޓް ހަދަންޖެހޭތީ އެކަން ކުރުމަށް ބޭނުންވާ ފައިސާ ދިނުމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. އެ މީހުން މާލޭ މަގުމަތީ އެގޮތަށް ސަލާންޖަހަން އުޅެނީ ކީއްވެތޯ ބައެއް މީހުން އެހުމުން ބުނީ އެ މީހުންނަކީ ކަޝްމީރު ބައެއް ކަމަށާއި އަގު ދީގެން ހަދާ ޕީސީއާރް ޓެސްޓަކުން ނޫނީ ދަތުރުކުރުމުގެ ހުއްދަ ނުލިބޭ ކަމަށެވެ.

މާލެ ތެރެއަށް ގިނަވެގެން މި އުޅޭ މީހުންނާއި އެ މީހުން އެހެން އުޅޭ ސަބަބު ބެލި އިރު މިއީ ވޯކް ޕާމިޓުގައި ޕާކިސްތާނުން ސައުދި އަރަބިއްޔާ އަށް މަސައްކަތު ދާން އައިސް އުޅޭ މީހުންކަން އެނގުނެވެ. އަދި ސައޫދީގައި ތިބެފައި އެނބުރި ޕާކިސްތާނަށް ދާން ވެސް، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ފަސޭހަ ޓްރާންސިޓް މަންޒިލަކަށް ރާއްޖެ ވެފައި ވާތީ އެ މީހުން އައިސްގެން އުޅެނީ ކަމަށް ބެލެވެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސައުދީ ސަރުކާރުން އޮތީ 20 ގައުމަކާއި އެ ގައުމާ ދެމެދު ދަތުކުރުން މަނާކޮށްފަ އެވެ. ރާއްޖޭގެ ނަން އެ ލިސްޓުގައި ނެތަސް ޕާކިސްތާނު ހިމެނެ އެވެ. އެހެންވެ ޕާކިސްތާނު މީހުންނަށް މިހާރު ރާއްޖެ ވެފައި ވަނީ އެ ގައުމާއި ސައޫދީއާ ދެމެދު ދަތުރުކުރަން އޮތް މަގަކަށެވެ.

ޕަކިސްތާނު މީހުންތަކެއް ރައީސް އޮފީހާ ދިމާލުން ބަނދަރުމަތީގައި މަޑުކޮށްލައިގެން.

ޕަކިސްތާނު މީހުންތަކެއް ރައީސް އޮފީހާ ދިމާލުން ބަނދަރުމަތީގައި މަޑުކޮށްލައިގެން.

ރާއްޖޭގައި 14 ދުވަސް ހަމަކޮށްފައި، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން ސައުދީއަށް އަދި ޕާކިސްތާނަށް ވެސް ދެވޭނެ އެވެ.

ނަމަވެސް މިއަދު ވަނީ ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ. އަދި މީގެ ކުރިން ޕާކިސްތާނު ވެސް ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ އެއްވެސް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިޔުލާއެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ގައުމުތައް ރޭޓުކުރާ ކެޓަގަރީގެ "ސީ" އަށް ރާއްޖެ ވެއްޓިފައިވާ ކަމަށް، އެ ގައުމުގެ އެމްބަސީން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން ޕާކިސްތާނުން ރާއްޖެ އަށް ދަތުރުކުރުން މަނާވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

"އޭޓީއެމްއެއް ކައިރިން އިއްޔެ ދިމާވީ ޕާކިސްތާނުގެ ބަޔަކާ. އެ މީހުން ބުނީ ޕީސީއާރް ޓެސްޓް ހަދަން ފައިސާ ނެތިގެންނޭ ތިމަންނަމެން މިއުޅެނީ. ދެ ތިން ދުވަހުގެ ތެރޭގައި ފުރަންޖެހެޔޭ، ފައިސާއެއް ނެތޭ،" ސަލާންޖަހާ މީހަކާ ދިމާވި މީހަކު ކިޔައިދިނެވެ.

ޕާކިސްތާނުގެ މީހެއް މާލެ މަގުމަތީގައި ހިނގައިފައި ދަނީ.

ޕާކިސްތާނުގެ މީހެއް މާލެ މަގުމަތީގައި ހިނގައިފައި ދަނީ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ގޮސް ބެލި އިރު މީގެ އެތައް ބަޔަކު ފެނުނެވެ.

މާލޭގައި ހުންނަ ސައުދީ އެއާލައިންގެ ޓިކެޓް އޮފީސް ކައިރިން ދިމާވި ޕާކިސްތާނުގެ ބައެއް މީހުން ވެސް ބުނީ އެ މީހުން ރާއްޖެ އައީ ސައުދީއަށް ދާން ރާއްޖޭގައި 14 ދުވަސް ހަމަކުރަން ކުރުމަށެވެ. ނަމަވެސް މިއަދު ދިމާވި އެއްވެސް މީހަކު ފައިސާ ނެތިގެން އުޅޭ ވާހަކައެއް ނުބުނެ އެވެ. އެކަމަކު ޕީސީއާރް ޓެސްޓްގެ ނަތީޖާ ނުލިބި ލަސްވާ ކަމުގެ ޝަކުވާކުރި އެވެ.

"މާދަމާ ސައުދީއަށް ފުރަން ޓިކެޓް ނަގަން އައިސް މި ހުރީ،" އުރުދޫ ބަހުން ވާހަކަދެއްކި ފިރިހެނަކު ބުންޏެވެ.

"ޕީސީއާރް ޓެސްޓް ނަތީޖާ އަދިވެސް ނުލިބޭ. މާދަމާ ފުރަންވެގެން ޕާކިސްތާނުކޮޅުން ޓިކެޓް ބުކިން ވެސް ހަދައިގެން މިކޮޅަށް އައީ،" އެހެން މީހަކު ބުންޏެވެ.

ދުވަސް ހަމަކުރަން އެ މީހުން ތިބެނީ މާލޭގެ ގެސްޓް ހައުސްތަކުގަ އެވެ. އެހެންވެ ޓެސްޓުގެ ނަތީޖާ ލަސްވުމުން އަތްމަތިދަތިވެ ބައެއް މީހުން އެހީ އަށް އެދި މަގުމައްޗަށް ވެސް ނުކުމެ އެވެ.

ޕަކިސްތާނު މީހުންތަކެއް ހުޅުލޭ ފެރީ ފުރާ ސަރައްހަދުގައި މަޑުކޮށްލައިގެން.

ޕަކިސްތާނު މީހުންތަކެއް ހުޅުލޭ ފެރީ ފުރާ ސަރައްހަދުގައި މަޑުކޮށްލައިގެން.

ސައުދީ އެއާލައިންގެ ޓިކެޓް އޮފީހުގައި ވެސް ތިބީ ހުސް ޕާކިސްތާނު މީހުންނެވެ. އަދި މީހުން ގިނަކަމުން އެ ތަނުގެ އެތެރެއަށް ނުވެސް ވަދެވެ އެވެ. އެ އިމާރާތުގެ ތިރީގައި ވެސް ބޮނޑިވެގެން، ކިއުގައި ބައެއް މީހުން އެބަ ތިއްބެވެ.

މާލޭގެ ބައެއް މީހުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާކިސްތާނަކީ ވެސް ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައި ގައުމަކަށް ވާއިރު، އެ ގައުމުން އަންނަ މީހުން ކަރަންޓީނުވުމެއް ވެސް ނެތި މާލޭގެ މަގުތަކުގައި ގިނަވެފައިވުމެވެ. އަދި މީގެ ތެރެއިން ގިނަ މީހުން އުޅެނީ ވެސް މާސްކު ނާޅައި، އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ކަމަށެވެ.

މިކަމާ ގުޅިގެން ސައުދީ އެމްބަސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ޕާކިސްތާނުގެ 200 އަށް ވުރެ ގިނަ މީހުން ރާއްޖޭން ސައުދީއަށް ގޮސްފައިވެ އެވެ.