25 މެއި 2021
"އަޅުގަނޑުގެ ގައިގައި އަތާއި ފައިން ވެސް ތެޅި، ކޮޅުފައިން ވެސް ތެޅި. މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން،" މި މަހުގެ 16 ވަނަ ދުވަހުގެ ރޭ، ޅ. ނައިފަރުގައި ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މުންތަސިރު މުހަންމަދު "މިހާރު" އަށް ބުންޏެވެ.
"އަޅުގަނޑުގެ ގައިގައި އަތާއި ފައިން ވެސް ތެޅި، ކޮޅުފައިން ވެސް ތެޅި. މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން،" މި މަހުގެ 16 ވަނަ ދުވަހުގެ ރޭ، ޅ. ނައިފަރުގައި ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މުންތަސިރު މުހަންމަދު "މިހާރު" އަށް ބުންޏެވެ.
ލިބުނު އަނިޔާތަކާއި އޭގެ ތަފުސީލުތައް ވެސް އޭނާ ވަނީ ޕޮލިހަށް ރިޕޯޓްކޮށްފަ އެވެ. އަދި މައްސަލަ ބަލަން ފުލުހުންގެ ޓީމެއް ވެސް ނައިފަރަށް ވަނީ ގޮސްފަ އެވެ. ޒުވާން މަސްވެރިޔާ، މުންތަސިރަށް އަނިޔާކުރި މައްސަލަ، ރަށުގައި ބޮޑު މައްސަލަގަނޑަކަށްވެ، އެންމެ ފަހުން ރަށުގެ ބައެއް މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުމަކަށް ގޮސް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންތަކެއް މުންތަސިރަށް އަނިޔާކުރި ކަމަށް ތުހުމަތުކުރަނީ ފުލުހެއްގެ އަންބަކު މަގުމަތިން ދަނިކޮށް، ތުނބުންފުމެ ފުރައްސާކުރި ކަމަށް ބުނެ އެވެ.
މުންތަސިރު ބުނާ ގޮތުން، ފުލުހެއްގެ އަންބަކަށް އެއްވެސް ފުރައްސާރައެއް އޭނާ ނުކުރެ އެވެ. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ނައިފަރުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލާގައި އެ ރަށުގެ ބައެއް މީހުން ރުޅިގަދަވެ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުން
"އެ ރޭ ގޭގައި އޮއްވާ އަޅުގަނޑަށް ނުދަންނަ ނަންބަރަކުން ގުޅައިފައި ބުނީ ބޭރަށް ނިކުމެ ބަލާށޭ ވަރަށް އަވަހަށް. މަންމައާ އެއްކޮށް ބޭރަށް ނިކުމެ ހުއްޓާ ފަސް ސައިކަލުގައި އެ 10 ވަރަކަށް ފުލުހުން އައީ،" މުންތަސިރު ބުންޏެވެ.
އެ ރޭ 09:30 ހާއިރު އެ 10 ފުލުހުން އެންމެ ފުރަތަމަ ގޮސް މަޑުކުރީ އޭނާގެ ގެ ކައިރީގައި ހުރި ހަނި ގޯޅިގަނޑަކަށް ކަމަށާއި އެއީ ކޮން ބައެއްކަން އެނގުނީ ވެސް ގޮސް ބެލުމުން ކަމަށް މުންތަސިރު ބުންޏެވެ. އަދި އެ މީހުންނާ އަރާ ހަމަވުމުން ވާހަކައެއް ދައްކަން ދާން ހިނގާށޭ ބުނެ ސައިކަލަށް އަރުވައިގެން ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
އަނިޔާކުރީ އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދަށް ގެންގޮސް ކަމަށް އޭނާ ބުންޏެވެ. އަދި ފަހުން ކުނިގޮނޑު ސަރަހައްދަށް ގެންގޮސް ވެސް އޭނާ އަށް އަނިޔާކުރި ކަމަށް ބުންޏެވެ.
ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަމުން، އެތަނުން ފުލުހަކު މުންތަސިރުގެ މޫނުމަތީގައި ތިން ފަހަރު ޖެހި ކަމަށާއި އަދި އެންމެ ފަހު ފަހަރު ޖެހުމުން ބިންމައްޗަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އަދި ވެއްޓުމުން އެ ހުރިހާ ފުލުހުން ވެގެން އޭނާގެ ގައިގައި ފައިންނާއި އަތުން ތެޅި ކަމަށް ވެސް ބުންޏެވެ.
ނައިފަރުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލާގައި އެ ރަށުގެ ބައެއް މީހުން ރުޅިގަދަވެ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުން
"އަޅުގަނޑު ތަކުރާރުކޮށް އެދުނިން ވެގެން އުޅޭ ގޮތް އޮޅުން ފިލުވައިދޭށޭ. ބުނިން މީހަކަށް ގެއްލުމެއް ދީގެންހޭ ނޫނީ މީހަކު އަތުން ފޭރިގެންހޭ ނޫނީ މީހެއް ގައިގައި ތަޅައިގަނެގެންހޭ ތިއުޅެނީ،" އެހެން ބުނުމުން "ކަލެޔަށް އޭނގޭނެއޭ" ބުނެ އިތުރަށް އަނިޔާކުރި ކަމަށް މުންތަސިރު ބުންޏެވެ.
އޭނާ ބުނީ އެ ރޭ ލިބުނު އަނިޔާތަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދައިފައިވާނެ ކަމަށެވެ. އަދި ގައިގެ ތަންތަން ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.
ޖެހިގެން އައި ދުވަހު މުންތަސިރުގެ އާއިލާގެ ބައެއް މީހުންނާއި ރައްޓެހިން، ފުލުހުން އުޅޭ ގެތަކަށް ގޮސް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އުޅުމުން އިތުރު ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.
"އަޅުގަނޑުގެ އާއިލާއިން ގޮސް އަނިޔާކުރި ފުލުސް މީހާގެ އަންހެނުން ގާތުގައި އެހީމަ އެ އަންހެން މީހާ ވެސް ބުނި ނުވެސް އެނގެއޭ ތިމަންނައަކަށް [ފުރައްސާރަ ކުރި ކަމެއް]. ނުވެސް ނިކުންނަމޭ އެ ދުވަހަކު ގެއަކުން،" އޭނާ ބުންޏެވެ.
އެ މައްސަލާގައި އެ ދުވަހު އާއިލާގެ ބައެއް މީހުންނާ ފުލުހުންނާ ދެމެދު އަނެއްކާ ވެސް ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. އެ ދުވަހު ވެސް ފުލުހުން މުގުރު ފަދަ އެއްޗެހިން އޭނާގެ އާއިލާގެ ބައެއް މީހުންނާއި ރައްޓެހިންނަށް އަނިޔާކުރި ކަމަށާއި އަދި ޕެޕާ ސްޕްރޭ ވެސް ޖެހި ކަމަށް ބުންޏެވެ. އެ ދުވަހު އާންމުންގެ ހަތް މީހަކަށް އަނިޔާވި އެވެ.
މީހަކަށް އަނިޔާކުރި މައްސަލައިގައި ނައިފަރުގައި އުފެދުނު ހަމަނުޖެހުން
މި ހަމަނުޖެހުންތަކުގެ ތެރެއިން އާންމުންގެ ފަސް މީހަކު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަސް ހަމަވީ އިއްޔެ އެވެ. އެކަމަކު އެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ކޯޓުން މުއްދަތު ޖެހުމުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބޭތިއްބި އިރު، ފުލުހުން އެ މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތު ވެސް އާއިލާ އިން ވަނީ ކޮށްފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ވޭތުވެދިޔަ ދެ ދުވަހު ކުރި މަސައްކަތުން، ފުލުހުން މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން ދާތީ މި ވަގުތު އާންމުކުރެވޭނެ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް މިހާރު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތައް ހިނގިއިރު ނައިފަރުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރޭތީ އެ ރަށް އޮތީ ފުރަބަންދު ވެސް ކޮށްފަ އެވެ.
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ކެފޭއަކަށް ވަދެ މީހަކަށް ހަމަލާދިން މީހާ ދޫކޮށްލައިފި
ޖަޒީލަށް ބޭނުންވަނީ ފަރުވާ: މަންދީ
ނައިފަރުގައި އަނިޔާކުރި ފުލުހުން މަގާމުން ވަކިކޮށްފި
ނައިފަރުގައި ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަނީ
ފުވައްމުލަކު މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި
މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި
އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ގޭޓްވޭގެ އިސް ވެރިޔަކަށް ބެލެނިވެރިއަކު ހަމަލާ ދީފި
ހައްޔަރުކުރި އެއް ކުއްޖެއްގެ ބަންދަށް 10 ދުވަސް