Roadha Mihaaru
ނައިފަރުގައި ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަނީ

ނައިފަރުގައި ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަނީ

17 މެއި 2021

ރޭ ޅ.ނައިފަރުގައި ދެ ފުލުހަކު އާންމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރޭ ޅ.ނައިފަރުގައި ދެ ފުލުހަކު އާންމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުުލުހުން ބުނެފި އެވެ.

ނައިފަރުން ވާހަކަ ދެއްކި ބައެއް މީހަކު ބުނި ގޮތުގައި ދެ ޒުވާނަކަށް ފުލުހުން އަނިޔާކުރީ ރަށުގެ ގޮނޑުދޮށަށް ގެންގޮސްފަ އެވެ. އޭނާ ބުނީ އެ މައްސަލާގައި ރަށުގެ އާންމުން މަގުތަކަށް ނިކުމެ މިއަދު އިހުތިޖާޖުކުރުމުން ފުލުހުން ނުކުމެ ގާނޫނީ އިންޒާރެއް ވެސް ނުދީ، އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާވާ ގޮތަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ކުރިމަތިލުން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި އާންމުންނާއި ފުލުހުންގެ މީހަކު ބަހުގެ ހަމަލާތަކެއް ބަދަލުކުރެ އެވެ. އަދި އޭގެ ފަހުން މީހެއްގެ ކަރަށް ފިތޭ ގޮތަށް އަތް އަޅުވާލައި ހިފަހައްޓައިގެން ގެންދާތަން ވެސް ފެނެ. އެ މީހާ "މިއޮއް މަރުވަނީ" އޭ ގޮވާ އަޑު އިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބަލަމުންދާކަށް ފުލުހުން ޔަގީންކޮށްދިނެވެ.

"މި މައްސަލަ ބަލައި އެފަދަ ކަމެއް ހިނގަފާއިވާ ނަމަ ފުލުހުން މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލަތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން،" އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ޝާމިލު ވަނީ ކިތައް ފުލުހުން ކަމެއް ނުބުނެ އެވެ.

ނައިފަރުގައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިނގި އިރު އެ ރަށް މިހާރު ވެސް އޮތީ ކޮވިޑް-19 ފެތުރިފައި ވާތީ މޮނިޓަރިންގެ ހާލަތުގައި އަދި އިތުރު ހަރުކަށި ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.