Roadha Mihaaru
ޖަޒީލަށް ބޭނުންވަނީ ފަރުވާ: މަންދީ

ޖަޒީލް ގޮޅިއަށް ލާކަށް ނޭދެން، އޭނާ އަށް ބޭނުންވަނީ ފަރުވާ: މަންދީ

02 ސެޕްޓެމްބަރ 2021

އޭނާ އަށް ހަމަލަދީ ޒަހަމް ކޮށްލި ނަމަވެސް އެކަން ކުރި އެމްޑީޕީގެ އޮފީހުގެ މުވައްޒަފު މުހައްމަދު ޖަޒީލް ޖަލަށް ލާން ނޭދޭ ކަމަށާއި ބޭނުނަވަނީ ފަރުވާ ކަމަށް ހަމަލަ އަމާޒުވި މަރިޔަމް ޒުބައިރު (މަންދީ) މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭނާ އަށް ހަމަލަދީ ޒަހަމް ކޮށްލި ނަމަވެސް އެކަން ކުރި އެމްޑީޕީގެ އޮފީހުގެ މުވައްޒަފު މުހައްމަދު ޖަޒީލް ޖަލަށް ލާން ނޭދޭ ކަމަށާއި ބޭނުނަވަނީ ފަރުވާ ކަމަށް ހަމަލަ އަމާޒުވި މަރިޔަމް ޒުބައިރު (މަންދީ) މިރޭ ބުނެފި އެވެ.

އެ އޮފީހުގައި މިއަދު މެންދުރުފަހު ހިންގި މާރާމާރީގައި އެ ތަނުގެ ސެކްރެޓޭރިއޭޓުގެ އިސް މުވައްޒަފު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީގެ ބޮލުގެ ފުއްކިބައިގައި ޗޭނުގަނޑަކުން ޖަހައި ބޯފަޅާލާފައި ވެ އެވެ. އޭނާގެ އިތުރުން އެ އޮފީހުގައި މަސައްކަތްކުރާ އިތުރު މީހަކަށް ވެސް އެ ހަމަލާގައި އަނިޔާ ވި އެވެ.

މި މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ގެ އަށް ދޫކޮށްލުމުން ކުރި ޓުވީޓެއްގައި މަންދީ ބުނީ، ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާ އަށް ބޭނުންވަނީ ފަރުވާ ކަމަށެވެ. އެހެންވެ، ޖަޒީލް މިރޭ ގެންގޮސް އެކަނި "ގޮޅިއަށް" ނުލުމަށް މަންދީ އެދުނެވެ.

"މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މި އަޅާ ވޭނަށް ވުރެ ޖަޒީލް ގައިގަ މިރޭ އަޅާ ވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ،" މަންދީ ބުންޏެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށް ލާ، އެތައް ދުވަހެއް ވަންދެން ބޭއްވުމަށް ފަހު، ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށް. އޭނާ އަށް ފަރުވާ ބޭނުންވޭ. މި ކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެ. މި ކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފާ ކުރާވަރު އަޅުގަނޑަށް ފެނޭ."

ނަމަވެސް އެމްޑީޕީގެ މެއިންޓަނެންސްގެ މަގާމުގައި ހުރި ޖަޒީލް "މިހާރު" އަށް ބުނީ، އޮފީސް ތެރޭގައި އޭނާ އަށް އެކި ގޮތްގޮތުން ޖެއްސުންކޮށް، ދިމާކުރާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. މިއަދު މާރާމާރީ ހިންގީ ވެސް ކެތް ނުކުރެވިގެން ކަމަށް އޭނާ ބުނެ އެވެ. އެ މައްސަލަ ޕާޓީގެ އިސްވެރިންގެ ސަމާލުކަމަށް އެކަން ގެނަޔަސް އެއްވެސް ކަމެއް ހައްލުވެފައިވާ ނުވާ ކަމަށް ވެސް ޖަޒީލް ބުންޏެވެ.

ޖަޒީލް ބުނާގޮތުން، އޭނާގެ ދެ ފިރިހެން ކުދިންނަށް ވެސް އެމްޑީޕީގެ އޮފީސް ތެރޭގައި ފުރައްސާރަކޮށްފައި ވެ އެވެ.

މަސައްކަތަށް މިއަދު ނުކުތީ ވެސް، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާފައި ގެއަށް ދަނިކޮށް، ގާބުރިއެއް އެއްލައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ގޭގައި މަޑުކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެ ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ މަންދީ އަށް ހަމަލާދިނީ މުސާރަ ކުޑަކުރުމުން ކަމަށެވެ. އެކަން ޖަޒީލް ވަނީ ދޮގުކޮށްފަ އެވެ.

"މިހާރު ޕާޓީގެ މަސައްކަތުގައި އުޅޭތާ 12 އަހަރުވީ މި. ދުވަހަކު ވެސް ރުފިޔާގެ ކަމެއްގައި ޝަކުވާ ނުކުރަން. މިހާރު ވެސް ތިން އަހަރުގެ އިތުރު ގަޑީގެ ފައިސާ ނުދީ އެބަހުރި. އެކަމަކު އެ ވާހަކައެއް ނުދައްކަން،" އެންމެ ކުރިއްސުރެ ފެށިގެން އެމްޑީޕީ އަށް ތާއީދު ކުރާ ޖަޒީލް ބުންޏެވެ.

މަންދީ އަށް ހަމަލަދިނީ އެމްޑީޕީގެ އޮފީސްތެރޭގައި ޖެއްސުމާއި ފުރައްސާރަ ބޮޑުވެގެން ކަމަށް ޖަޒީލް ބުންޏަސް އެކަން އެނގޭ ބައެއް މީހުން އެ ވާހަކަ ދޮގުކުރެ އެވެ. އެ މީހުން ބުނާ ގޮތުން ޖަޒީލަށް "ފަރުވާ" ބޭނުންވާއިރު އެ ކަން ނުކޮށް ހުރުމަކީ ރުޅިގަދަވެ، އަތް އިސްކުރުމުގެ މައިގަނޑު މައްސަލަ އެވެ.