Roadha Mihaaru
ފަސް އަހަރު ފަހުން ގަލްފް ކްރާފްޓްގެ ބޮޑު އުޅަނދު ހަގީގަތަކަށް

ފަސް އަހަރު ފަހުން ގަލްފް ކްރާފްޓްގެ އެންމެ ބޮޑު އުޅަނދު ހަގީގަތަކަށް

25 މެއި 2021

ރާއްޖޭގައި ވެސް ލޯންޗުފަހަރު ބަނުމުގެ މަސައްކަތްކުރަމުން އަންނަ ޔޫއޭއީގެ މަޝްހޫރު ކުންފުނި ގަލްފް ކްރާފްޓުން މިހާތަނަށް ބަން އެންމެ ބޮޑު ކޮމްޕޮޒިޓް ސުޕަޔޮޓް އާދީއްތަ ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި ވެސް ލޯންޗުފަހަރު ބަނުމުގެ މަސައްކަތްކުރަމުން އަންނަ ޔޫއޭއީގެ މަޝްހޫރު ކުންފުނި ގަލްފް ކްރާފްޓުން މިހާތަނަށް ބަން އެންމެ ބޮޑު ކޮމްޕޮޒިޓް ސުޕަޔޮޓް އާދީއްތަ ދުވަހު ދައްކާލައިފި އެވެ.

ދުބާއީގެ މެރީނާ ހާބާގައި އެ ދައްކައިލަން ބޭއްވި އިވެންޓްގައި ޔޫއޭއީގެ މަތީ ފެންވަރުގެ އޮފިޝަލުން ބައިވެރިވަޑައިގެންނެވެ. އޭގެ ތެރޭގައި ދުބާއީ ސްޕޯޓްސް ކައުންސިލްގެ ޗެއާމަން ޝައިހް މަންސޫރު ބިން މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ހިމެނިވަޑައިގަންނަވަ އެވެ.

"މެޖެސްޓީ 175" ގެ ނަން ދީފައިވާ މި އުޅަނދަކީ ލަގްޒަރީ ކްރޫޒް ދަތުރުތަކަށް އެންމެ ފައްކާވާނެ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ދިގު މިނުގައި 54 މީޓަރު ހުންނަ މި އުޅަނދަކީ ގަފްލް ކްރާފްޓު، 1982 ގައި ވުޖޫދަށް އައި ފަހުން މިހާތަނަށް ބަން އެންމެ ބޮޑު އުޅަނދެވެ. އަދި "މެޖެސްޓީ 175" ސިފަކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކޮމްޕޮޒިޓް ސުޕަހޮޓްގެ ގޮތުގަ އެވެ.

މީތި ހަދަން ނިންމިކަން ގަލްފް ކްރްފާޓުން އިއުލާންކުރީ 2016 ގައި ބޭއްވި މޮނާކޯ ޔޮޓް ޝޯގަ އެވެ.

"މެޖެސްޓީ 175" ދައްކައިލުމާ އެކު ގަލްފް ކްރާފްޓް ޗެއާމަން މުހައްމަދު އަލްޝާލީ އެ ސިފަކުރެއްވީ މާސްޓަޕީސްއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "މެޖެސްޓީ 175" އަކީ އެފަދަ އުޅަނދެއް ބަންނަން އާންމުކޮށް ނަގާ މުއްދަތަށް ވުރެ ވެސް އަވަހަށް ނިންމުނު އެއްޗެކެވެ.

"ހާއްސަކޮށް މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ އެކު ދިމާވި ގޮންޖެހުންތަކާ އެކު ވެސް މި ނިންމާލައި ރަސްމީކޮށް ދައްކައިލެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ އުންމީދަކީ މެޖެސްޓީ 175 ފަދަ އުޅަނދުތަކާ އެކު ޔޫއޭއީ އަކީ ވަރުގަދަ ޔޮޓް ޑެސްޓިނޭޝަނަކަށް ހެދުން."

ވަރަށް ފަސޭހަ އިން ބަނދަރު ކުރެވޭ ގޮތަށް އަދި ތިލަ ތަންތަނުގައި ދަތުރުކުރަން ވެސް އެކަށޭނެ ގޮތަށް ތައްޔާރުކުރި އުޅަނދުގެ އިންޓީރިއާ ޑިޒައިން ހެދީ އެފަދަ މަސައްކަތްތަކުން އެވޯޑް ހޯދާފައިވާ އިޓަލީގެ ކުންފުނި ކްރިސްޓިއާނޯ ގެޓޯ ޑިޒައިން ސްޓޫޑިއޯއިންނެވެ. އަދި މި ޕްރޮޖެކްޓްގެ ނޭވަލް އާކިޓެކްޗަރެއްގެ ގޮތުގައި މަސައްކަތްކުރީ އިޓަލީގެ ޔަންކީ ޑެލްޓާ ސްޓޫޑިއޯގެ މަސިމޯ ގްރެގަރީ އެވެ.

ކާބަން ފައިބަރާއި ވިނީލް އެޒްޓާ ފަދަ މެޓީރިއަލްތައް ބޭނުންކޮށްގެން ބަން "މެޖެސްޓީ 175" އަކީ ފަސް މީޓަރުގެ އިންފިނިޓީ ޕޫލަކައި ހާމަ އުޑަށް ހުޅުވައިލެވޭ ހައިބްރިޑް ސްކައި-ލައުންޖެއް ހިމެނޭ ގޮތަށް 10 ވަރަކަށް މީހުންގެ ޖާގަ ހިމެނޭ މަތީ ފެންވަރުގެ ސްޓޭޓް ރޫމެއް ވެސް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން ހަ ކްރޫ މެމްބަރުންގެ ޖާގައިގެ ކެބިންއަކައި ޕްރައިވެޓް ކެޕްޓަން އެކޮމަޑޭޝަން ހިމެނެ އެވެ.

ގަލްފް ކްރާފްޓުން ބުނި ގޮތުގައި "މެޖެސްޓީ 175" އަށް ބޭނުންވާ ހަކަތަ އުފައްދަނީ 175 ކިލޯވޯޓްގެ ކޯލާ ޖެނެރޭޓަރާއި ދެ ޓްރެކް ފިން ސްޓެބިލައިޒާއިންނެވެ. މީގެ ފުލް ސްޕީޑަކީ 16.5 ނޮޓެވެ. އަދި ކްރޫޒިން ސްޕީޑަކީ 10 ނޮޓެވެ. އެއާ އެކު 4،000 ނޯޓިކަލް މޭލަށް ދަތުރުކުރެވޭނެ އެވެ.

އާދީއްތަ ދުވަހު ރަސްމީކޮށް "މެޖެސްޓީ 175" ދައްކައިލުމުގެ ކުރިން މި އަހަރުގެ ކުރީކޮޅު މީގެ ޓްރަޔަލް ދަތުރުތަކެއް ވެސް ބާއްވާފައިވެ އެވެ.