Roadha Mihaaru
ދުބާއީގެ ދެ އެއާޕޯޓެއްގައި ޕްލާސްޓިކް މަނާ

އަންނަ އަހަރުން ފެށިގެން ދުބާއީގެ ދެ އެއާޕޯޓެއްގައި ސިންގަލް-ޔޫޒް ޕްލާސްޓިކް މަނާ

11 ޑިސެމްބަރ 2019

ދުބާއީގެ އެންމެ ކާރޫބާރު ބޮޑު ދެ އެއާޕޯޓްގައި އަންނަ މަހުގެ 1 އިން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުބާއީގެ އެންމެ ކާރޫބާރު ބޮޑު ދެ އެއާޕޯޓްގައި އަންނަ މަހުގެ 1 އިން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރަން ނިންމައިފި އެވެ.

ޕްލާސްޓިކްގެ ބާވަވްތައް ބޭނުންކުރުން ހުއްޓާލަން ނިންމާފައި ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ދުބާއި ވޯލްޑް ސެންޓްރަލް އެއާޕޯޓްގަ އެވެ. އެތަނުން ނެރުނު ބަޔާންތަކެއްގައި ބުނީ ޖެނުއަރީ 1، 2020 އިން ފެށިގެން ޕްލާސްޓިކް ފުޅި އާއި ތައްޓާއި ޖޫސްބޯ ހޮޅި އަދި އެެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ޕެކްތަކުގައި ވިއްކާ ތަކެތި އެއާޕޯޓްގައި ބޭނުންކުރުން މަނާވާނެ ކަމަށެވެ.

ޕްލާސްޓިކް ކުނިބުނި މަދުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތަކަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާ މި މަސައްކަތަށް ދެ އެއާޕޯޓްގައި ވެސް އައުޓްލެޓްތަކެއް ހިންގާ ކޮފީހައުސް ކުންފުނި ކޮސްޓާ އާއި ފާސްޓްފުޑް ޗެއިން މެކްޑޮނަލްޑުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެ ކުންފުނިތަކުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްް މަދުކުރަން ފަށާފައި މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ތަންތަނުގެ ހިދުމަތްތަކަށް ވެސް ތިމާވެއްޓާ ރައްޓެހި ބަދަލުތައް ގެންނާނެ ކަމަށެވެ.

އެއާޕޯޓް އޮޕަރޭޓްކުރާ ފަރާތްތަކުން ހަދާފައިވާ ދިރާސާއެއްގައި ދައްކާ ގޮތުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ދުބާއީ ވޯލްޑް ސެންޓްރަލް އެއާޕޯޓް މެދުވެރިކޮށް ޔޫއޭއީ އަށް އަހަރަކު އެތެރެވާ 90 މިލިއަން މީހުންގެ ތެރެއިން ޕްލާސްޓިކްގެ ބާވަތްތައް އާންމުކޮށް ބޭނުންނުކުރަނީ އެންމެ ފަސް ޕަސެންޓް ދަތުރުވެރިންނެވެ.