Roadha Mihaaru
އެމިރޭޓްސް ވެސް ޕްލާސްޓިކާ ދެކޮޅަށް

އެމިރޭޓްސް އެއާލައިން ވެސް ޕްލާސްޓިކާ ދެކޮޅަށް

19 ޖޫން 2019

ޕްލާސްޓިކްގެ ބާވަތްތައް ކޮންމެ ދުވަހަކު އެންމެ ގިނައިން ބޭނުންކުރާ އެއް ދިމާއަކަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ވާނެ އެވެ. ދަތުރުމަތީގައި ފަސިންސަރުންނަށް ދޭ ކާނާ އާއި ބުއިންތައް ވެސް ގިނަ ފަހަރަށް ހުންނާނީ ޕްލާސްޓިކް އެއްޗެހީގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލާސްޓިކްގެ ބާވަތްތައް ކޮންމެ ދުވަހަކު އެންމެ ގިނައިން ބޭނުންކުރާ އެއް ދިމާއަކަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ވާނެ އެވެ. ދަތުރުމަތީގައި ފަސިންސަރުންނަށް ދޭ ކާނާ އާއި ބުއިންތައް ވެސް ގިނަ ފަހަރަށް ހުންނާނީ ޕްލާސްޓިކް އެއްޗެހީގަ އެވެ.

އެހެންވެ މިކަމާ ދެކޮޅަށް، ޔޫއޭއީގެ ރަސްމީ އެއާލައިން އެމިރޭޓްސް ވެސް މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެ އެއާލައިން މިހާރު ވަނީ ޖޫސްބޯ ޕްލާސްޓިކް ހޮޅި ބޭނުން ކުރުން މި މަހުގެ 1 އިން ފެށިގެން ހުއްޓާލައި، ބަދަލުގައި ކަރުދާސް ހޮޅި ބޭނުން ކުރަން ފަށައިފަ އެވެ.

އެމިރޭޓްސް އިން ބުނި ގޮތުގައި ދުރު މުސްތަގުބަލަކަށް އަމާޒުކޮށްގެން، ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލަން ހާއްސަ މަސައްކަތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން، ދަތުރު މަތީގައި ބޭނުން ކުރާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ގިނަ އެއްޗެހި ބޭނުން ކުރުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި އެއްޗެހި ބޭނުން ކުރަން ފަށާނެ ކަމަށް ބުންޏެވެ.

އެމިރޭޓްސް އިން ބުނި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އެ އެއާލައިނުން އަހަރެއްގެ މައްޗަށް އުކައިލާ 81.7 މިލިއަން ސިންގަލް-ޔޫޒްޑް ޕްލާސްޓިކް ހުއްޓުމަކަށް އަންނާނެ އެވެ.

ދެހާސް ސަތާރަ އިން ފެށިގެން އެމިރޭޓްސް އިން ޕްލާސްޓިކް މަދުކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން "އިކޯ ތުރެޑް" ރަޖާ ތައްޔާރުކޮށް މިހާރު އަންނަނީ އެ އެއާލައިންގެ ބޯޓްތަކުގެ އިކޮނޮމީ ކްލާހުގައި ބޭނުން ކުރަމުންނެވެ.