Roadha Mihaaru
މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރަނީ

އެމްއެންޑީއެފްގެ އެންގުމަށް މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރަން ފަށައިފި

23 މެއި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންގުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންގުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ފަށައިފި އެވެ.

މާފަންނު މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑެއްގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، ރައީސްގެ ސެކިއުރިޓީގެ ބޭނުމަށް ކާނުތައް މަދުކުރި ނަމަވެސް ހުރިހާ ކާނެއް ނުނަގާނެ ކަމަށެވެ.

"ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ވާތީ އަޅުގަނޑުމެން މާ ގިނަ ވާހަކަތަކެއް މިކަމުގައި ދައްކާކަށް ނެތިން. ބޮން ގޮއްވައިލުމާ ގުޅިގެން ސެކިއުރިޓީ ހަރުދަނާ ކުރަން އެމްއެންޑީއެފުން އެދޭ ކަންކަން އަޅުގަނޑުމެން މިދަނީ ކޮށްދެމުން. އެމްއެންޑީއެފަށް އެއްބާރުލުން ދެމުން،" މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކައުންސިލަރުކަމާ ހަވާލުވި، އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކައުންސިލަރު ނަރީޝްގެ ޓުވީޓް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.

އެ ހަމަލަ އަށް ފަހު، ސިފައިންގެ އެދުމަށް މިހާރުގެ ސިޓީ ކައުންސިލުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވީ ނަމަވެސް ކުރީގެ ކައުންސިލާއި ހައުސިން މިނިސްޓްރީގެ ކޯޅުމާ ގުޅިގެން އެ ދުވަސްވަރު ވަރަށް މުހިންމު އެއް ކަމެއް އޮތީ ފެއިލްވެފަ އެވެ.

އެއީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅީގެ އެއް ފަރާތުގައި ސައިކަލްތައް ޕާކް ކޮށްފައި ހުރުމުން، އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިވެ، އެ ޕާކިން ޒޯނު ނެގުމުގެ މައްސަލަ އެވެ. ޕާކިން ޒޯނު ނެގުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލުގައި އެދުނަސް ނަޝީދު އަވަހާރަ ކޮށްލަން އެ ގޯޅި ކަންމަތީގައި ބޮމެއް ގޮއްވައިލީ އެ ޕާކިން ޒޯނު ނެގުމުގައި އޭރުގެ ކައުންސިލަރުންނާއި ހައުސިން މިނިސްޓްރީ ސިޓީބިޓީ ބަދަލުކުރުމާއި ކޯޅުމުގައި ތިއްބަ އެވެ.

އެންމެ ފަހުން އެ ޕާކިން ޒޯނު ނެގީ ނަޝީދަށް ދިން ނުރައްކާތެރި ހަމަލަ އަށް ފަހު ބޮޑެތި ފިއްތުންތަކެއް ކުރިމަތި ވެފައި ވަނިކޮށެވެ. އެ ހުރިހާ އަރައިރުމެއް ވިއިރު، އޭރުގެ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ.

މި ފަހަރު އަލަށް ހޮވި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށެވެ.