Roadha Mihaaru
ޝައްކު ކުރެވުނު މީހާގެ ފަރާތުން ބްލެކް ފަންގަސް ނުފެނޭ

ޝައްކު ކުރެވުނު މީހާގެ ފަރާތުން "ބްލެކް ފަންގަސް" އެއް ނުފެނުނު: މަބްރޫކް

23 މެއި 2021

އިންޑިއާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި "ބްލެކް ފަންގަސް" ދިވެއްސަކަށް ޖެހުނު ކަަމަށް ޝައްކު ކުރެވުނަސް އެ މީހާގެ ފަރާތުން އެ ބަލި ނުފެންނަކަން ޓެސްޓުތަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި "ބްލެކް ފަންގަސް" ދިވެއްސަކަށް ޖެހުނު ކަަމަށް ޝައްކު ކުރެވުނަސް އެ މީހާގެ ފަރާތުން އެ ބަލި ނުފެންނަކަން ޓެސްޓުތަކުން ދައްކައިފި އެވެ.

އެޗްއީއޯސީގެ ފަރާތުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ބްލެކް ފަންގަސް ޖެހުނު ކަމަށް ޝައްކުކުރެވުނު މީހާ އިތުރަށް ޓެސްޓް ކުރުމުން، އެއީ އެ ބަލި ނޫންކަން އެނގިފައިވާ ކަމަށެވެ.

އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު އަދި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މީޑިއާތަކަށް ވިދާޅުވީ، އެ މީހާގެ ފަރާތުން ފެނުނީ އުމުރުން ދުވަސްވެފައިވާ ނުވަތަ އެނދުމަތި ކޮށްފައިވާ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ޒާތުގެ "ފަންގައި އިންފެކްޝަން" އެއް ކަމަށެވެ.

ރާއްޖެ އިން ބްލެކް ފަންގަސް އަށް ޝައްކު ކުރެވުނު މީހާ އަށް އެ ބަލި ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ. އެހެންވެ، ބަލިމަޑުކަމާ ގުޅޭ މައުލޫމާތު ހޯދުމުގައި އެޗްޕީއޭ އަށް ބަރޯސާވުމަށް މަބްރޫކް މިރޭ އިލްތިމާސްކުރެއްވި އެވެ.

މީގެ ކުރިން ވަރަށް މަދުން ފެންނަ ބައްޔެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ "ބްލެކް ފަންގަސް" އަކީ ވަރަށް ނުރައްކާތެރި، އެ ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ރޭޓް 50 ޕަަސެންޓްގައި ހުންނަ ބައްޔެކެވެ. އިންޑިއާގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"ބްލެކް ފަންގަސް" އިތުރުވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފަައި ވަނީ ކޮވިޑް-19 ޖެހުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވުމާއި ކޮވިޑްގައި ދޭ ބައެއް ފަރުވާ ތަކެވެ.

މިއީ އާއްމު ގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ވަރަށް މަދުން ފެންނަ، ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ އެ ބާވަތުގެ ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރެދާނެ އެވެ. އަދި އެއީ ވައިގެ ތެރޭގައިި ވެސް އުޅެފާނެ އެއްޗެކެވެ. އެ ފަންގަސް ގެއްލުން ދެނީ ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެއަށެވެ.