Roadha Mihaaru
މެމްބަރު ރިޒާގެ ރިޒްގެ މައްސަލަ "އަދިވެސް ބަލަނީ"

މެމްބަރު ރިޒާގެ ރިޒްގެ މައްސަލަ "އަދިވެސް ބަލަނީ"

23 މެއި 2021

އެތައް މުވައްޒަފުންނަކަށް މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލައިގައި ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވިތާ ފަސް މަސް ވެގެން ދިޔައިރު ވެސް ދައުވާ ނުކޮށް އަދިވެސް ކުރަނީ އިތުރު ހެކި ހޯދުމުގެ މަސައްކަތް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެތައް މުވައްޒަފުންނަކަށް މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލައިގައި ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވިތާ ފަސް މަސް ވެގެން ދިޔައިރު ވެސް ދައުވާ ނުކޮށް އަދިވެސް ކުރަނީ އިތުރު ހެކި ހޯދުމުގެ މަސައްކަތް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން އެހެން ކުންފުންޏެއްގެ އަތުން މަސައްކަތް ނަގައިގެން އުޅުނު ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައި 1 ގަ އެވެ. އެ މައްސަލައިގައި ރިޒްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ޑިސެމްބަރު 3 ގައި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. ހަމަ އެ މަހުގެ 16 ވަނަ ދުވަހު އެ މައްސަލަ ބަލައިގެންފައި ވެ އެވެ.

އެމްޑީޕީގެ މެމްބަރު ރިޒާއަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރުކުރި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މީގެ ކުރިން ވިދާޅުވީ ރިޒް އަށް ދައުވާނުކުރެވި ލަސްވަނީ އެ މައްސަލައާ ގުޅިގެން އިތުރު ހެކިތަކެއް ހޯދާތީ ކަމަށެވެ.

"މައްސަލަ ޕީޖީ އޮފީހުގައި ބާއްވައިގެން އެކަން ބަލަމުންދަނީ އިސްލާހުކުރުމަށް އަނބުރާ ފޮނުވާލައިފި ނަމަ އިތުރަށް ލަސްވެދާނެތީ،" ޝަފީއު ވިދާޅުވި އެވެ.

ބިދޭސީންނަށް މުސާރަ ހޯދައިދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ރައީސް މަރިޔަމް ޝުނާނާ ވަނީ އެ މައްސަލަތައް ދިގުލައިގެންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރިޒް އަށް ދައުވާނުކޮށް ލަސްވުމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ދާ ސްޕީޑާ މެދު ވެސް އޭނާ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

"ހިއުމަން ޓްރެފިކިންގެ ދައުވާކުރަން ފޮނުވާފައި އޮންނަތާ އެތައް ދުވަހެއް ވީއިރު ވެސް އެ މައްސަލަ ކުރިއަކަށް ނުދިޔަ. ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ވެސް ކޮންމެ ފަހަރަކު އެކި އުޒުރުތައް ދެއްކުމަށް ފަހު ވަކީލުން ކެންސަލްކުރަނީ،" ޝުނާނާ ވިދާޅުވި އެވެ.

ފުލުހުން ރިޒްއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަތުން ހިމެނެ އެވެ.

އޭގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރި އެވެ.