30 އޮކްޓޯބަރ 2020
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ދިޔަ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލަ ބަލައިދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި އިއްޔެ އެދިއްޖެ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ދިޔަ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލަ ބަލައިދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި އިއްޔެ އެދިއްޖެ އެވެ.
މިލަންދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު، އަލީ ރިޒާގެ ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުން ޖުލައި 1، ގައި އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގައި މުދަލަށް ވަނީ ގެއްލުން ދީފަ އެވެ. އެކަމާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރުކޮށް ޖިނާއީ ތަހުގީގު ފަށާފައިވެ އެވެ. މުސާރަ ހޯދުމަށް 198 ބިދޭސީންގެ ފަރާތުން ޕީއައިއެލްސީން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފަ އެވެ.
ހިލޭ ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޖަމިއްޔާ އިން އެޗްއާރުސީއެމަށް އިއްޔެ ފޮނުވި ސިޓީގައި ބުނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ބިދޭސީންނަށް ރިޒް ކުންފުނިން މުސާރަ ދޭނެ ކަމަށް ބުނުމުން ލޭބަ ރިލޭޝަންސް އޮތޯރިޓީގެ ހާޒިރުގައި ރިޒް ކުންފުންޏާ އެކު އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާއަށް ފަހު، އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް ރިޕާޓްރިއޭޝަން ޕްރޮގްރާމްގެ ދަށުން ގައުމަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. މުސާރަ ހޯދުމަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވެގެންދިޔައިރު ވެސް އެ އިދާރާ އަށް ހަމައެކަނި ކަނޑައެޅިފައި ވަނީ ބިދޭސީންގެ ފަރާތުން ޕީއައިއެލްސީ އަށް ދައުވާކުރެވޭނެ ކަމަށެވެ.
ސިޓީގައި ބުނީ އެ މައްސަލައިގައި ހިމެނޭ ގިނަ ބިދޭސީން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ގައުމަށް ދާން ކަމަށެވެ. ނަމަވެސް އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް ފުލުހުން، އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައި ބިދޭސީން ގައުމަށް ނުފޮނުވުމަށް އެދިފައިވެ އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، އެ މަސައްކަތްތެރިންނަކީ ދޮޅު އަހަރު މުސާރަ ނުދީ އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކުރުވާފައިވާ މަސައްކަތްތެރީންނެވެ. މިކަމުގެ ސަބަބުން އެ މީހުންގެ ދަރިންނާއި އާއިލާ އެ މީހުންގެ ގައުމުގައި ހާލުގައި ޖެހިފައިވުމުން އެ މީހުން ތެރެއިން ގިނަ މީހުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ގައުމަށް ދިއުމަށެވެ. އެ މަސައްކަތްތެރިން ގައުމަށް ދިއުން ތިޔަ ސާވިސް އިން މަނާކުރާ ކަމަށްވާ ނަމަ އެ މަސައްކަތްތެރިންގެ އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ،" ފުލުހުންނަށް ވެސް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
"މިހާރު ވެސް އެ މަސައްކަތްތެރިންނާއި އާއިލާ ތިބީ އެ މީހުންގެ ގައުމުގައި ވަރަށް ހާލުގައި ކަމާއި އަދި އާއިލާގެ ބައެއް މީހުން ބަލި ހާލަތު ދަށަށް ދިއުމާއި އެ މީހުންގެ ދަރިންނަށް ކެއުން ބުއިމާއި އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވެ އެވެ،" ސިޓީގައި ބުންޏެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލައިގެ ހެކިބަހަށް ބިދޭސީން ބޭނުންވިޔަސް އެ ފަދަ ދިގު މުއްދަތެއް ވަންދެން އެ މީހުން ހުޅުމާލެ ފެސިލިޓީގައި ބަންދުވެފައި ތިބެންޖެހުމަކީ އިންސާނީ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމެއް ކަމަށް ބުންޏެވެ.
މުސާރަ ނުދީ އެ މީހުން ގައުމަށް ފޮނުވަން ލޭބަ ރިލޭޝަންސް އޮތޯރިޓީން އިއުތިރާޟްކުރާކަމުގެ މައުލޫމާތު ލިބިފައިވިއަސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ އަދި ޝަރުއީ މަރުހަލާގައި އެ މައްސަލަ ދިގު ދެމިގެންދާނެ މުއްދަތެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އެހެންވެ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ މީހުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ގައުމަށް ދިއުމަށް ކަމަށް ބުންޏެވެ.
"ވީމާ، އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތްކުރައްވައި، ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި މަސައްކަތްތެރިން އަނބުރާ އެ މީހުންގެ ގައުމަށް ދާން ބޭނުންވި ނަމަވެސް އެކަމަށް ދައުލަތުގެ ދެ އިދާރާއަކުން އިއުތިރާޟްކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެ މަސައްކަތްތެރިންނަށް ނުހައްގުން އަދަބު ލިބެމުންދާތީ އާއި އިންސާނީ ހައްގުތައް ގެއްލި އަދި ގެއްލެމުންދާތީ ދައުލަތުގެ މި ދެ އިދާރާއަށް، ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި މަސައްކަތްތެރިން އަނބުރާ އެ މީހުންގެ ގައުމަށް ދިއުމަށް މަނާ ނުކުރެއްވުމަށް އަންގަވައި ދެއްވައި މި މައްސަލަ ބައްލަވާ ދެއްވުން އެދެމެވެ،" ސިޓީގައި ބުންޏެވެ.
އެ ބިދޭސީން މިހާރު ހުރި ހާލަތަށް ބަލާއިރު އެ މީހުންނަށް ބޭސް ފަރުވާއާއި އެކަށީގެންވާ ކެއުން ބުއިމާއި އަސާސީ ހިދުމަތް ނުލިބުމަކީ އިންސާނީ ހައްގުތަކާބެހޭ މައްސަލައެއް ކަމުގައިވާތީ އެ މީހުން ބައިތިއްބާފައި ތިބި ހުޅުމާލެ ފެސިލިޓީ އަށް ޒިޔާރަތްކޮށް ހާލަތު ބަލައިދިނުމަށް ވަނީ އެދިފަ އެވެ.
ރިޒްއަށް ދައުވާކުރުން ލަސްވާތީ ކަންބޮޑުވެއްޖެ
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފި
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!
މުސާރަ ނުދޭކަން ސަރުކާރަށް އެނގޭ، ހައްލުނުވީ ކީއްވެ؟
ބޮޑުފިނޮޅުގެ މައްސަލަ ރިޒުން ކަނޑާލީ ސީލްގެ ބޮލަށް!