Roadha Mihaaru
މުސާރަ ނުދޭކަން ސަރުކާރަށް އެނގޭ، ހައްލުނުވީ ކީއްވެ؟

މުސާރަ ނުދޭކަން ސަރުކާރަށް އެނގޭ، މި ހާލަތަށް ދިޔައީ ކީއްވެ؟

04 ޖުލައި 2020

ބ. އަތޮޅު ބޮޑު ފިނޮޅުގައި 13 ދިވެއްސަކު ރަހީނުކޮށް ފުލުހުންނަށް ހަމަލާދިން ބަންގްލަދޭޝް މަސައްކަތު މީހުންނަށް މުސާރަ ނުދީ ހުރިކަން ސަރުކާރަށް ކުރިން އޮތީ އެނގިފަ އެވެ. އަދި އެކަމާ މެދު 200 އަށް ވުރެ ގިނަ މީހުން ފާޅުކުރަމުންދިޔަ ހިތްހަމަނުޖެހުންތައް، އެ ރަށުގައި ރިސޯޓު ތަރައްގީކުރާ ކުންފުންޏާއި މުވައްޒަފުން ގެންގުޅުނު ކޮންޓްރެކްޓަރުގެ ފަރާތުން، ހަމަނުޖެހުން ހިނގުމުގެ މަހެއް ނުވަތަ ދޮޅު މަހެއްހާ ދުވަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާނެކަން، އެ ދެ ކުންފުނީގެ ވާހަކަތަކުން ދޭހަވެ އެވެ. އެހެންވީ އިރު މަސައްކަތު މީހުންގެ ޝަކުވާތަކަށް ހައްލެއް ނުލިބި މިހާ ދުވަސް ވޭތުވެ، ބޮޑު ހަމަނުޖެހުމަކަށް ދާން ފުރުސަތު ލިބުނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ބ. އަތޮޅު ބޮޑު ފިނޮޅުގައި 13 ދިވެއްސަކު ރަހީނުކޮށް ފުލުހުންނަށް ހަމަލާދިން ބަންގްލަދޭޝް މަސައްކަތު މީހުންނަށް މުސާރަ ނުދީ ހުރިކަން ސަރުކާރަށް ކުރިން އޮތީ އެނގިފަ އެވެ. އަދި އެކަމާ މެދު 200 އަށް ވުރެ ގިނަ މީހުން ފާޅުކުރަމުންދިޔަ ހިތްހަމަނުޖެހުންތައް، އެ ރަށުގައި ރިސޯޓު ތަރައްގީކުރާ ކުންފުންޏާއި މުވައްޒަފުން ގެންގުޅުނު ކޮންޓްރެކްޓަރުގެ ފަރާތުން، ހަމަނުޖެހުން ހިނގުމުގެ މަހެއް ނުވަތަ ދޮޅު މަހެއްހާ ދުވަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާނެކަން، އެ ދެ ކުންފުނީގެ ވާހަކަތަކުން ދޭހަވެ އެވެ. އެހެންވީ އިރު މަސައްކަތު މީހުންގެ ޝަކުވާތަކަށް ހައްލެއް ނުލިބި މިހާ ދުވަސް ވޭތުވެ، ބޮޑު ހަމަނުޖެހުމަކަށް ދާން ފުރުސަތު ލިބުނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގަން ފެށީ، މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ނަމަ، ހަ މަހުގެ މުސާރަ ނުލިބޭ ކަމުގެ ޝަކުވާއާ އެކުގަ އެވެ. މުސާރަ ދޭން ޖެހެނީ ރިސޯޓު ތަރައްގީކުރާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށް ރިޒް އިން ބުންޏަސް އަމިއްލަ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ނުދީ އޮތް ކަމަށް ރިޒް އިން އެއްބަސްވެ އެވެ. އަދި އެއީ ޖެނުއަރީން ފެށިގެން ކަމަށް އެ ކުންފުނިން ބުނާ އިރު، އެއީ ކޮވިޑް-19ގެ ދަތި ހާލަތުގެ ވެސް ކުރި އެވެ.

މުސާރަ ނުދޭކަން، ހަމަނުޖެހުން ހިންގުމުގެ ދުވަސްކޮޅެއް ކުރިން ސަރުކާރަށް އެނގިފައި އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "މިހާރު"އަށް އިއްޔެ ވިދާޅުވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވެފައިވަނީ "އެކަމަކު މީގައި އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ކޮށްދެވިދާނެ މާ ބޮޑު ކަމެއް ނެތް" ކަމަށެވެ.

އެކަމަކު ސުވާލަކީ މުސާރަ ނުލިބި ހައްގު ގެއްލުނު މަސައްކަތު މީހުންނަށް އިންސާފު ހޯދައިދޭން ނުވަތަ އުޖޫރައެއް ނުދީ އެ މީހުން ލައްވައި މަސައްކަތްކުރުވި ކުންފުންޏާ ދޭތެރޭ ފިޔަވަޅެއް އަޅަން ސަރުކާރަށް ނުޖެހެނީތޯ އެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން، ރިޒް އާއި ސީލް މޯލްޑިވްސް އިން، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވައި ނެރެފައިވާ ބަޔާންތަކުން އެނގެ އެވެ. އެ ވާހަކަތަކަކީ ހަގީގަތެއް ނަމަ، މިކަން ތަހުގީގުކުރަން ފުލުހުން މަސައްކަތްކުރީ ކިހިނެއްތޯ އެއީ މި މައްސަލައިގައި އުފެދޭ އަނެއް ސުވާލެވެ.

ފުލުހުން ޖަވާބުދޭން ޖެހޭ ކަންތައްތަކެއް

މުސާރަ ނުދޭތީ މޭ 16ގައި މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރިކަން، ސީލް އާއި ރިޒްގެ ފަރާތުން އެނގެ އެވެ. އެއީ "ހިމޭން އިހުތިޖާޖެއް" ކަމަށް ރިޒް އިން ބުނާ އިރު ސީލް އިން ބުނަނީ "އެ ދުވަހު ކޮށްފައި ވަނީ މުޒާހަރާއެއް" ކަމަށެވެ. ކޮންމެ ގޮތަކަށް ހަޅުތާލުކުރި ނަމަވެސް، ފުލުހުންނަށް މައްސަލަ ރިޕޯޓުކުރި ކަމަށް ރިޒް އާއި ސީލް އިން ވެސް ބުނެ އެވެ.

ރިޒްގެ ފަރާތުން ނެރުނު ބަޔާނުގައި އޮތީ "މި ދެންނެވުނު އިހުތިޖާޖާ ގުޅިގެން މުވައްޒަފުންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލަ" ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ސީލް އިން ބުނާ ގޮތުގައި ރިޒްގެ މުވައްޒަފުން "އެހެނިހެން ފަރާތްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި ބިރު ދެއްކުމުގެ ސަބަބުން" މޭ 16ގެ ފަހުން ރަށުގައި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވެ އެވެ. އެ މުވައްޒަފުން، މަސައްކަތްކުރަމުންދިޔަ އިތުރު ފަރާތްތަކުގެ މަސައްކަތަށް ތިން ފަހަރެއްގެ މަތިން ހުރަސްއަޅައި މަސައްކަތް ހުއްޓުވައި އަގު ބޮޑު ހެވީ މެޝިނަރީތަކަށް ގެއްލުންދީ މާރާމާރީ ހިންގާފައިވާ ކަމަށް ސީލް އިން ތުހުމަތުކުރެ އެވެ. އަދި އެ މައްސަލަ ޕޮލިހަށް ރިޕޯޓްކުރުމުން ފުލުހުންގެ ބަޔަކު އެ ރަށަށް ދިޔަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެކަމަކު، ސީލް އިން ބުނާ ގޮތުގައި، ރިޒްގެ މުވައްޒަފުންގެ އަތުގައި ރަސްމީ ލިޔެކިޔުން ނެތުމުގެ ސަބަބުން އެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރި ކަމަށް އެ ރަށަށް ދިޔަ ފުލުހުން ވަނީ ބުނެފަ އެވެ.

ސީލްގެ ވާހަކައަކީ ތެދެއް ނަމަ، ލިޔެކިޔުން ނެތް ބަޔަކު ލައްވައި މަސައްކަތްކުރުވާކަން ފުލުހުންނަށް އެ އޮތީ އެނގިފަ އެވެ. އަދި މާރާމާރީ އާއި މުދަލަށް ގެއްލުންދިން ކަމަށް ރިޕޯޓުކުރި މައްސަލަ ތަހުގީގުކުރި ނަމަ، މުސާރަ ނުދޭކަން ވެސް ފުލުހުންނަށް އޮންނަންވާނީ އެނގިފަ އެވެ. އެހެންކަމުން ރިޒްއާ މެދު ފިޔަވަޅެއް އަޅަން މަސައްކަތެއްކުރިތޯ ފުލުހުން ސާފުކޮށްދޭން އެބަ ޖެހެ އެވެ.

މޭ 28ގައި ރިޒް އިން ޕޮލިހަށް ސިޓީއެއް ފޮނުވައި އެންގި ކަމަށް އެ ކުންފުނިން ބުނާ ކަންތައްތަކަކާ ހެދި، މި މައްސަލައިގެ ސީރިއަސްކަން ވަކިން ބޮޑުވެގެން ދެ އެވެ. ރިޒް ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައިވާ ގޮތުން ނަމަ އެއީ "މުސާރަ ނުދީ ކެއިން ބުއިމުގެ އެއްވެސް އިންތިޒާމެއް ހަމަޖެއްސުމެއް ނެތި ކޮވިޑްގެ ހާލަތުގައި ގިނަ އަދަދެއްގެ ބިދޭސީން މާލެ ތެރެއަށް ދޫކޮށްލުމަށް ނުވަތަ ފުރުވާލުމަށް މަޖުބޫރުވާނެ ފަދަ ހާލަތެއް މެދުވެރިވެދާނެތީ އާއި ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގާފާނެ ކަމަށްޓަކައި ތަނުގެ އަމަން ބަލަހައްޓައި ދިނުމަށް އެދި" ފުލުހުންނަށް ފޮނުވި ސިޓީއެކެވެ. އަދި އޭގެ އެއް މަސް ފަހުން ޖޫން 27ގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށް ބުނެ ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައި އޮތީ އެ މުވައްޒަފުން ގެންގުޅެމުން ގެންދިޔައީ "އަސާސީ އެތައް ހައްގުތަކުން މަހުރޫމުކުރުވައި" އަދި "މީހުން ޓްރެފިކްކުރުން ކަމުގައި ބެލެވިދާނެ ފަދަ ގޮތެއްގެ މަތިން" ކަމަށެވެ. މި ތުހުމަތުތައް ރިޒް އިން ކުރަނީ ސީލްގެ މައްޗަށް ކަމަށް ވާތީ ދިން ރައްދުގައި ސީލްގެ ވަކީލުން ބުނެފައި ވަނީ އެއީ ރިޒްގެ މުވައްޒަފުންކަން ފާހަގަކުރާ ކަމަށެވެ.

މި ހުރިހާ ކަމެއް ޕޮލިހަށް ރިޕޯޓްކުރި ކަމަށް ދެ ކުންފުނިން އެ ބުނާ ވާހަކަތައް ތެދު ނަމަ، މިފަދަ ނިކަމެތި ހާލަތަކުން ރިޒްގެ މުވައްޒަފުން ސަލާމަތްކުރަން ފުލުހުންނާއި ސަރުކާރުން ކުރީ ކޮން ކަމެއްތޯ އެނގެން އެބަ ޖެހެ އެވެ.

ތަހުގީގުކުރަން ޖެހޭ އިތުރު އެތައް ތުހުމަތެއް

ބޮޑު ފިނޮޅު މައްސަލައިގައި ތަހުގީގުކޮށް ބަލަން ޖެހޭ ސީރިއަސް އެތައް ކަމެއް ހިމެނެ އެވެ.

ހިއުމަން ޓްރެފިކިންގެ އަމަލުތަކެއްގެ ތުހުމަތު ސީލްގެ މައްޗަށް ރިޒް އިން ކުރާ އިރު ސީލް އިން ވެސް ރިޒްގެ މައްޗަށް ކުރަނީ ބޮޑެތި ތުހުމަތުތަކެކެވެ. ސީލް އިން ބުނާގޮތުގައި އެއްބަސްވުމާ އެއްގޮތަށް، މުވައްޒަފުންގެ އިންޝުއަރެންސް ކަންކަން ވެސް ރިޒް އިން ފުރިހަމަކޮށްފައެއް ނުވެ އެވެ. އަދި ރިޒްގެ ގިނަ މުވައްޒަފުންގެ އަތުގައި ވޯކް ވިސާ ނެތް ކަމަށް ވެސް ޑިވެލޮޕަރު ބުނެ އެވެ. ސީލް އިން ދައްކާ އަނެއް ވާހަކައަކީ، ބޮޑު ފިނޮޅުގައި މަސައްކަތްކުރަނީ ރިޒްގެ 200 މުވައްޒަފުން ކަމަށް ކޮންޓްރެކްޓަރު ބުންޏަސް 300 މުވައްޒަފުން މަސައްކަތްކުރާ ކަމަށް ބުނެފައިވާ އިންވޮއިސްތަކަށް ވެސް ސީލް އިން ފައިސާ ދައްކާފައިވާނެ ކަމެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވެނީ ސީލް އިން ފައިސާ ނުދައްކާތީ ކަމަށާއި މުސާރަ ދޭން ޖެހެނީ ސީލް އިން ކަމަށް ރިޒް އިން ދައްކާ ވާހަކަ ދޮގުކޮށް ސީލް އިން ބުނާގޮތުގައި އެއްބަސްވުމުގައި އޮތީ ކޮންޓްރެކްޓަރުގެ މުވައްޒަފުންގެ މަހު މުސާރަ އާއި އެހެނިހެން ހަރަދުތައް ވެސް ބަލަހައްޓަން ޖެހޭނީ ކޮންޓްރެކްޓަރު ކަމަށެވެ. އަދި މިހާތަނަށް ރިޒް އަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާނެ ކަމަށާއި އެ ފައިސާ އިން، މީހަކަށް މަހަކު 7،000 ރުފިޔާގެ ރޭޓުން، 200 މީހުންނަށް މުސާރަ ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ސީލް އިން ބުނެ އެވެ. މިއީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 12 މިލިއަންގެ އަގަށް ވުރެ ނުވަ މިލިއަން ރުފިޔާ އިތުރު އަދަދެއްކަން، ސީލްގެ ބަޔާނުން އެނގެ އެވެ.

މިއީ ހައްތަހާ ވެސް ހަގީގަތް ސާފުވާން ޖެހޭ ކަންކަމެވެ.

ސީލް ތަމްސީލްކުރާ އެޑްވޮކެސީ ޗޭމްބާސް އިން ނެރުނު ބަޔާނުގައި ވަނީ ބިދޭސީން ލަޓިބުރިތަކާއި ދަގަނޑު ހޮޅިތައް ދިވެހިން ތިބި ލޯންޗާ ދިމާއަށް އުކީ ރިޒް އިން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ބުރާސްފަތިދުވަހު ރިޒްގެ "އެންމެހައި ދިވެހި މުވައްޒަފުންތައް ރަށުން ގެންދިޔުމަށްޓަކައި ލޯންޗަށް އެރުވުމުން އެކަމާ ކޮންޓްރެކްޓަގެ މުވައްޒަފުންތައް ރުޅިއައިސް، ތިމަންނަމެންނާ ހަވާލުވާނެ ބަޔަކު ނެތި، މި ތަނުން ފުރައިގެން ނުދެވޭނެ ކަމަށް ބަޔާންކޮށް" ކަމަށެވެ.

ބަލަހައްޓަން ޖެހޭ ބިދޭސީ މުވައްޒަފުން ދޫކޮށް ދިވެހި ހުރިހާ މުވައްޒަފުން އެއްވަގުތެއްގައި ރަށުން ފުރީ ކީއްވެގެންކަން ވެސް ބަލަން ޖެހެ އެވެ. އެއީ އެ މީހުން ރަށުން ފައިބަން، ރިޒް އިން އެންގުމުންތޯ އާއި، އެގޮތަށް އެންގި ނަމަ އެންގީ، ބިދޭސީ މުވައްޒަފުންނާ މެދު ކޮން ގޮތަކަށް އަމަލްކުރަންތޯ ވެސް، ސާފުވާން އެބަ ޖެހެ އެވެ. މި ހުންނަނީ މި މައްސަލައާ ގުޅިފައި ހުރި ކަންކަމެވެ. ސާފުވާން ޖެހޭ މައްސަލަތަކެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ނަމަ އެ ފިޔަވަޅެއް އަޅަން ކަމާ ބެހޭ ފަރާތްތަކުން ޖެހިލުންވެގެން ވެސް ނުވާނެ އެވެ.